ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 08:20
ރާއްޖޭގައި ހުންނަވާ ސަޢޫދީ ސަފީރުގެ ހިއްސާ އޮންނަ ކުންފުންޏަކުން ގަތް ފަރަންސޭސީވިލާތުގެ ގެ
ރާއްޖޭގައި ހުންނަވާ ސަޢޫދީ ސަފީރުގެ ހިއްސާ އޮންނަ ކުންފުންޏަކުން ގަތް ފަރަންސޭސީވިލާތުގެ ގެ
ނިއުޔޯކް ޓައިމްސް
ރާއްޖެ - ސަޢޫދީ
އެންމެ އަގު ބޮޑު ގެ ގަތުމުގެ ފަހަތުގައި ރާއްޖޭގައި ހުންނަވާ ސަޢޫދީ ސަފީރު!
ގެ ގަތް ކުންފުންޏަކީ ސައޫދީ ވަލީޢަޙުދުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކުންފުންޏެއް
ކުންފުނީގެ ހިއްސާދާރުންނަކީ ސަފީރުގެ އިތުރުން މުހައްމަދު ބިން ސަލްމާންގެ އަރިސް ބައެއް ބޭފުޅުން
ގެ ގަނެފައިވަނީ ގަތީ ކާކުކަން ސިއްރުކުރުމަށް މަސައްކަތްކުރުމަށްފަހު

2015ވަނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލި ފަރަންސޭސީ ވިލާތުގެ ގެއެއް ގަތުމުގެ ފަހަތުގައިވާ ކުންފުންޏެއްގެ އެއް ހިއްސާދާރަކީ ރާއްޖެއަށް ސަޢޫދީއިން ކަނޑައަޅާފައިވާ ސަފީރު ބަދްރް އަލީ އަހްމަދު އަލް ކަހާއިލްކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެފިއެވެ.

ސަފީރާއި އަދި އެހެން ބައެއް ފަރާތްތަކުގެ ހިއްސާ އެކުންފުނީގައި އޮތްނަމަވެސް، އެކުންފުންޏަކީ ސީދާ ސަޢޫދީ ވަލީ ޢަޙުދު، އަމީރު މުހައްމަދު ބިން ސަލްމާންގެ ބާރު ހިނގާ ކުންފުންޏެއް ކަމަށް ނިއުޔޯކް ޓައިމްސްގައިވެއެވެ. މި މައުލޫމާތު ހާމަވެފައިވަނީ ދާދި ފަހުން ލީކުވި 'ޕެރެޑައިސް ޕޭޕަރސް'އިންނެވެ. މިއީ ބާމިއުޑާގައި ރަޖިސްޓްރީކޮށްފައިވާ ލޯ ފަރމެއްކަމަށްވާ އެޕަލްބީސްގެ ޑޮކިއުމެންޓްތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ތަކެކެވެ.

 

ސައުދީ އަރަބިއްޔާގެ ސަފީރު، ރައީސް ޔާމީނާ ބައްދަލުކުރައްވަނީ

އެމެރިކާގެ ނިއުޔޯކް ޓައިމްސްގައި ވާ ގޮތުން 57 އޭކަރުގެ ބިމެއްގައި ހުރި މި ގެ ގަނެފައިވަނީ، ގަތީ ކާކުކަން ނޭނގޭ ގޮތަށް ވަރަށް ސިއްރުންނެވެ. އެގޮތުން މި ގެ ގަނެފައިވަނީ ފަރަންސޭސީވިލާތުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ކުންފުންޏަކުންނެވެ. އެ ދެ ކުންފުނީގެ ބެލެނިވެރި ކުންފުންޏަކީ ލަގްޒެމްބަރގްގައި ހިންގާ ކުންފުންޏެކެވެ.  އަދި ލަގްޒެމްބަރގްގައި ހިންގާ ކުންފުނީގެ ބެލެނިވެރި ކުންފުންޏަކީ ސަޢޫދީގައި ހިންގާ އެއިޓް އިންވެސްޓްމަންޓް ކޮމްޕެނީ ކިޔާ ކުންފުންޏެކެވެ.  

ނިއުޔޯކް ޓައިމްސް ބުނާ ގޮތުން، އެއިޓް އިންވެސްޓްމަންޓް ކޮމްޕެނީގެ 3 ޝެއަރހޯލްޑަރުންނަކީ، މުހައްމަދު ބިން ސަލްމާންގެ އަމިއްލަ ފައުންޑޭޝަންގެ ކަންކަން ބަލަހައްޓަވާ ބަދްރު އަލް އަސްކަރު، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒްގެ އަމިއްލަ ކަންކަން ބަލަހައްޓަވާ އިސް ވެރިޔާ ހާޒިމް މުސްތަފާ ޒަގްޒޫގް އަދި ސަޢޫދީއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ބަދްރް އަލީ ކަހާއިލްއެވެ.

ނިއުޔޯކް ޓައިމްސްގައި ވާގޮތުން އެއިޓް އިންވެސްޓްމަންޓް ކޮމްޕެނީއަކީ ސަޢޫދީ ވަލީޢަޙުދު މުހައްމަދު ބިން ސަލްމާން ސިއްރިޔާތުގައި ކުރައްވާ ވިޔަފާރިތަކަށް ބޭނުންކުރައްވާ ކުންފުންޏެކެވެ. އެގޮތުން އެމަނިކުފާނު ސަޢޫދީގެ ވަލީޢަޙުދަކަށް ހަމަޖެއްސެވިއިރު ޗުއްޓީ ހޭދަކުރައްވަމުން ގެންދެވި ޔޮޓެއްވެސް 500 މިލިއަނެއްހާ ޑޮލަރަށް ބައްލަވައިގަތުމުގައި ބޭނުންކުރެއްވީ އެއިޓް އިންވެސްޓްމަންޓް ކޮމްޕެނީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް