ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 22:36
 އިހަވަންދޫގައި ކުރަމުންދިޔަ މުޒާހަރާގައި މުހައްމާ ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ
އިހަވަންދޫގައި ކުރަމުންދިޔަ މުޒާހަރާގައި މުހައްމާ ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ
މުރުޝިދް އަބްދުލް ހަކީީމް
މަސްވެރިންގެ ދުވަސް
ރައީސް ޔާމިނަށް ވުރެ މަސްވެރިނަށް އަނިޔާވެރި ރައީސެއް ނުދެކެން: މެމްބަރު މުހައްމަދު އަބްދުﷲ
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން މަސްވެރިންނަށް އަޅާލާފައެއްނުވޭ
މަސްވެރިން ބާނާ މަހަށް ހަމަ އަގެއް ނުލިބޭ
މަސްވެރިނަށް އައިސް ލިބުމުގައި ހުރި ދަތިތައް ފިލުވައެއް ނުދޭ

ރައީސް އަބްދުﷲ ޔާމިނަށް ވުރެ މަސްވެރިންނަށް އަނިޔާވެރި ރައީސެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.

ހއ. އިހަވަންދޫގައި މިރޭ މަސްވެރިންތަކެއް ކުރި މުޒާހަރާގެ ތެރޭގައި ވާހަކަ ދައްކަވަމުން މުހައްމާ ވިދާޅުވީ މި ސަރުކާރަށް ހަތަރު އަހަރުވީ އިރު ވެސް މަސްވެރިންނަށް އަޅާލާފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ދެކެ ދެކެ ވެސް ނުދެކެން ރައީސް ޔާމީންހާ މަސްވެރިންނަށް ހުދުމުހްތާރު، މަސްވެރިންނަށް އަނިޔާވެރި ރައީސެއް. މަސްވެރިންނަށް ހަމަ ވަރަށް އަޅާނުލާ ރައީސެއް ރައީސް ޔާމިނަކީ،" އޭނާ ވިދާޅުވިއެވެ.  

ކުރިން ޕީޕީއެމްގައި ވެސް އުޅުއްވި މުހައްމާ ވިދާޅުވީ އިހަވަންދޫގެ އެއްވެސް މަސްވެރިއަކު ރައީސް ޔާމިނަށް ދެން ވޯޓު ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ ކުރީ ސަރުކާރުތަކުން މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސްވެރިންގެ ދުވަސް ވެސް ފާހަގަކުރަނީ މަސްވެރިންނާ ނުލައި ކަމަށް މުހައްމާ ވިދާޅުވިއެވެ.

އިހަވަންދޫގެ ފަޅު ފުންކުރަން ޖެހިފައިވާއިރު އެކަން ސަރުކާރުން ކޮށްދީފައި ނުވުމަކީ އެރަށު ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަސްވެރިނަށް ހަމަ އަގު ނުލިބޭއިރު މަސްދޯނިފަހަރަށް އައިސް ލިބޭނެ ފަސޭހަ ގޮތެއް ވެސް ސަރުކާރުން ހަމަޖައްސަދީފައި ނުވާ ކަމަށް މުހައްމާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕީޕީއެމް ތެރޭގައި މަސައްކަތްކުރިއިރު ވެސް ވަރަށް ތަކުރާރުކޮށް މަސްވެރިންގެ ވާހަކަ ދަންނަވަމުންދިޔައީ. މަސްވެރިންނަށް އަޅާލާށޭ. މަސްވެރިން އަތޮޅުތަކެއް އެބަ އޮތޭ. ހާއްސަކޮން އަޅުގަނޑުގެ ދާއިރާ، އިހަވަންދޫ ދާއިރާގައި މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތައް އެބަ ހުއްޓޭ. ބަނދަރަށް 2016 ވަނަ އަހަރުގެ ބަޖެޓަށް 15 މިލިއަނަށް ވުރެ ގިނަ ފައިސާ ޖެހިން. އެއްވެސް ކަމެއް ހައުސިން މިނިސްޓްރީން ކޮށްނުދޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުހައްމާ ވިދާޅުވީ މަސްވެރިންގެ ދުވަސް އެރަށުގައި ފާހަގަ ކުރަނީ އެރަށު ކައުންސިލާއި އެރަށުގެ މަސްވެރިން ބައިވެރިކުރުމެއް ނެތި ކަމަށެވެ. އަދި އެރަށުގެ ރައްޔިތުންނަށް މަސްވެރިންގެ ޝުއޫރު ފާޅުކުރަން ވެސް ފުރުސަތު ނުދިނުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސްވެރިންގެ ދުވަހެއް ފާހަގަކުރާއިރު މިރަށު މަސްވެރިންގެ ޝުއޫރާއި މި ރަށު ރައްޔިތުންގެ އިހްސާސްތައް ފާޅުކޮށްލުމުގެ ފުރުސަތު ނޯންނަން ވާނެ ކަމަކަށް އަޅުގަނޑު ނުދެކެން. މިއީ މިރަށުގެ ހާލަތު. ހާއްސަކޮން ލަދުވެތިވާން ވާނެ މި ފަދަ ދުވަހެއް ފާހަގަ ކުރަން،" އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 32 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް