ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 15:35
ހޯމް މިނިސްޓަރު އަޒްލީން އަހުމަދު
ހޯމް މިނިސްޓަރު އަޒްލީން އަހުމަދު
މުހައްމަދު ޝަރުހާން
އަޒްލީން އަހުމަދު
ވަކި ފިކުރަކަށް ބުރަވެ ތިބެ ރާއްޖޭގެ ދާޚިލީ ސިޔާސަތު ބޭރުގެ ފަރާތްތަކާ ހިއްސާކުރުމަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރުއަރާނެ ކަމެއް: ހޯމް މިނިސްޓަރު
ނިންމުމުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮތް ގުޅުމަކަށް ބުރުއަރާނެ ކަމަކަށް ގަބޫލެއް ނުކުރަން
އެލްޖީއޭގެ ނިންމުމަކީ ވަކި ޑިޕްލޮމޭޓަކާ ބައްދަލު ކުރީމަ ނިންމި ނިންމުމެއް ނޫން
އެކި ގޮތަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ބޭރުގެ ފަރާތްތަކާ ހިއްސާ ކުރުމުން ބޭރުގެ ނުފޫޒް ފޯރާނެ

ވަކި ފިކުރަކަށް ބުރަވެ ތިބެ ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ދާހިލީ ސިޔާސަތު ބޭރުގެ ފަރާތްތަކާ ކައުންސިލްތަކުން ހިއްސާ ކުރުމަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރުއަރާނެ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްކަން ވެސް  ކުރައްވާ ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ އެލްޖީއޭގެ ހާއްސަ ހުއްދައެއް ނެތި ކައުންސިލްތަކުން ބޭރުގެ ފަރާތްތަކާ ބައްދަލު ނުކުރެވޭ ގޮތަށް ހެދުމުގެ ބޭނުމަކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުގެ ނުފޫޒު ފޯރުވިޔަ ނުދިނުން ކަމަށެވެ.

އަޒްލީން ވިދާޅުވީ އެކި ކަންކަމާ ގުޅޭ ގޮތުން ރާއްޖެއިން ދެކޭ ގޮތް ނުވަތަ ސިޔާސަތުތައް ރަސްމީކޮށް ބޭރުގެ ފަރާތްތަކާ ހިއްސާ ކުރާނީ ސަރުކާރުން ކަމަށެވެ. އެކަން ކައުންސިލަރުން ކުރަންވެއްޖެ ނަމަ، ބޭރުގެ ގައުމުތަކާ އެކު ރާއްޖެއިން ބާއްވާން ގުޅުންތަކަށް ބުރޫއަރާފާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބޭރުގެ ގައުމުތަކާ އެކު ރާއްޖޭގެ ބާއްވާ ގުޅުން ނުވަތަ ރާއްޖޭގެ ހާރިޖީ ސިޔާސަތު އެއް ހަމައެއްގައި ގެންގުޅެވޭނީ ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ބޭރުގެ ފަރާތްތަކާ ކަންކަން ހިއްސާ ކުރުމުން ކަމަށެވެ. 

މިނިސްޓަރު އަޒްލީން ވިދާޅުވީ ހާއްސަ ހުއްދައެއްގެ ދަށުން ކައުންސިލްތަކުން ބޭރުގެ ފަރާތްތަކާ ބައްދަލު ކުރަން ޖެހޭ ގޮތަށް އެލްޖީއޭ އިން ނިންމީ ވަކި ގައުމެއްގެ ޑިޕްލޮމެޓުންނަށް ޚާއްސަކޮށްގެން ނިންމި ނިންމުމެއް ނޫން ކަމަށާއި އަދި މީގެ ސަބަބުން ބޭރުގެ ގައުމުތަކާއި ރާއްޖޭން އޮންނަ ގުޅުމަށް ހީނަރުކަމެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ޚާއްސަ ހުއްދައަކާ އެކުގައި ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން، ލޯކަލް ކައުންސިލް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މަނާކޮށްފައެވެ. އަދި ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކޮށްފައިވާތީ، ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން މިދިޔަ ބުދަ ދުވަހުން ފެށިގެން ތިން މަހަށް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެލްޖީއޭ އިން އެ ފިޔަވަޅު އެޅީ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލު ކޮށްފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 35 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް