ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 12:34
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެ ރަށު ރައްޔިތުން ބަނދަރުމަތީގައި ތައްޔާރުކޮށްފައިވާ ދޯންޏެއްގެ ބަޔެއް
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެ ރަށު ރައްޔިތުން ބަނދަރުމަތީގައި ތައްޔާރުކޮށްފައިވާ ދޯންޏެއްގެ ބަޔެއް
އަބުދުﷲ ނަސީރު އިބްރާހިމް
މަސްވެރިންގެ ދުވަސް
މަސްވެރިންގެ ދުވަސް ފާހަގަކުރުން ހއ. އިހަވަންދޫގައި، އެއްވެސް ފޯރިއެއް ނެތް!
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ވަޑައިގެންނެވީ މިނިސްޓަރު ޝައިނީ
ހަރަކާތްތައް ކުރިއަށްގެންދާއިރު އާންމު ރައްޔިތުންގެ ބައިވެރިވުމެއް ފެންނާކަށް ނެތް
މަސްވެރިންގެ ދުވަސް ފާހަގަކުރާގޮތާއިމެދު އާންމު ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފައި

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ހއ. އިހަވަންދޫގައި ފަށައިފި އެވެ. 

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ކުރިއަށްގެންދާ ރަށެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވަނީ ހއ. އިހަވަންދޫ އެވެ. އަދި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާވެސް ބޭއްވުމަށް ނިންމާފައިވަނީ އިހަވަންދޫގައި އެވެ. 

ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު (މިއަދު) މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ހއ. އިހަވަންދޫގައި ކުރިއަށްގެންދާއިރު އެއްވެސް ފޯރިއެއް ނެތެވެ. މީގެކުރިން މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު އެ ރަށެއްގެ މަސްވެރިންނާއި ކުދި ބޮޑު އާންމުން ބައިވެރިވެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ ނަމަވެސް އިހަވަންދޫގައި މި އަހަރު ފާހަގަކުރާ މަސްވެރިންގެ ދުވަހުގައި އެއިން އެއްވެސް ކަމެއްވެސް ފެންނާކަށް ނެތެވެ. 

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބަނދަރުމަތީގައި ދެތިން ބެނާއެއް ދަމާފައިވާއިރު މަސްވެރިންގެ ދުވަހަށް ހާއްސަކޮށް ބަނދަރު މަތީގައި އިތުރަށް ހަރުކޮށްފައިވަނީ ހަމައެކަނި މަސް ކަށިތަކެކެވެ. އޭގެއިތުރުން އަޑިއަށްގޮސްފައި އޮތް ދޯންޏެއްވެސް ބަނދަރު މަތީގައި ހަދާފައިވެއެވެ. 

އެތަކެތި ހެދުމުގައި ހަރަކާތްތެރިވި އިސް މީހަކު ރާއްޖެ.އެމްވީއާއި ވާހަކަދައްކަމުން ބުނީ އެގޮތަށް ބަނދަރުމަތީގައި އެއްޗެހިތަކެއް ހެދީ މަސްވެރިންގެ ހާލަތު ބުނެ ދިނުމުގެ ގޮތުންކަމަށެވެ. އެގޮތުން މަސް ކަށިތަކާއި، އަޑިއަށް ގޮސްފައިވާ ދޯންޏާއެކު ސަރުކާރުގެ އިސްވެރިންނަށް މެސެޖެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށް އެނާ ބުންޏެވެ. 

 

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހއ. އިހަވަންދޫގެ ބަނދަރުމަތި ތައްޔަރުކޮށްފައި -- ފޮޓޯ: ރާއްޖެ.އެމްވީ

 

އޭގެއިތުރުން މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް ސަރުކާރުންވެސް މާ ބޮޑު ސަމާލުކަމެއްދޭ މަންޒަރެއް ނުފެނެ އެވެ. އެގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާ ބާއްވާއިރު ރަށަށް ވަޑައިގެންފައިވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އެކަންޏެވެ. ސަރުކާރުގެ އިތުރު ވަޒީރަކު އަދި ޕީޕީއެމްގެ މަޖިލީސް މެމްބަރުންވެސް އިހަވަންދޫއަށް ވަޑައިގެންފައެއް ނުވެއެވެ. 

މީގެކުރީގެ އަހަރުތަކުގައި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ނަމަވެސް މިއަހަރުގެ ޖަލްސާގައި ރައީސް ޔާމީންވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ރާއްޖެ.އެމްވީއާއި ވާހަކަދެއްކެވި ކައުންސިލް މެމްބަރަކު ވިދާޅުވީ މިނިސްޓަރު ޝައިނީއާއި ހޯރަފުށި ދާއިރާގެ މެމްބަރުގެ އިތުރުން ޔޫތު މިނިސްޓަރާއި، ޔޫތު މިނިސްޓަރުގެ ފިރިކަލުން އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަޑައިގަންނަވާކަން ކައުންސިލަށް ކުރިން އަންގާފައިވާކަމަށެވެ. ނަމަވެސް އެ ބޭފުޅުން ވަޑައެއް ނުގަންނަވަ އެވެ. 

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައިވެސް ރަށު ރައްޔިތުން ހަރަކާތްތެރިނުވާއިރު، އެކަމުގައި ހަރަކާތްތެރިވަނީ މިފްކޯގެ މުވައްޒިފުން އެކަނި އެވެ. ރަށު ރައްޔިތުން އެކަމުގައި އުޅޭ މަންޒަރު އެއްވެސް ވަރަކަށް ނުފެނެ އެވެ. 

ރާއްޖެ.އެމްވީއާއި ވާހަކަދެއްކި ކައުންސިލް މެމްބަރުންނާއި، ރަށު ރައްޔިތުން ބުނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގައި އެއްވެސް ހާއްސަކަމެއް ސަރުކަރުން ނުގެންގުޅޭއިރު، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ސަރުކަރުން ކަންތައްކުރާގޮތުން މަސްވެރިންގެ ދުވަހަކީ ހާއްސަ ދުވަހެއް ނޫންކަން ހާމަވާކަމަށެވެ. އަދި އެފަދަގޮތަކަށް ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރައްޔިތުން ދެކޮޅު ކަމަށް އެ ފަރާތްތަކުން ބުންޏެވެ. 
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 32 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް