ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 12:30
ފެނަކަ ކޯޕްރޭޝަން
ފެނަކަ ކޯޕްރޭޝަން
މުހައްމަދު ޝަރުހާން
ފެނަކަ
އަގު ބޮޑުކޮށް ޑީސަލް ގަތް މައްސަލައިގައި ދައުވާ ކުރުމާމެދު އަދިވެސް ގޮތެއް ނުނިންމާ:ޕީޖީ
އަގު ބޮޑުކޮށް ޑީސަލް ގަތުމުގެ ސަބަބުން ފެނަކަ އަށް އެއް މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން
ފެނަކައިގެ ޕްރޮކިޔުމެންޓް ހެޑް މަސައްކަތް ކޮށްފައި ވަނީ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް
އަގުބޮޑުކޮށް ޑީސަލް ގަނެފައި ވަނީ ވަކި ބަޔަކަށް ނާޖާއިޒް ފައިދާތަކެއް ހޯދައިދިނުމުގެ ގޮތުން

ފެނަކަ ކޯޕްރޭޝަން އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ހުރިހާ ރަށްތަކަށް ބޭނުންވާ ޑީސަލް އަމިއްލަ ކުންފުނިތައް މެދުވެރިކޮށް އަގުބޮޑުކޮށް ގަތް މައްސަލާގައި އެ ކުންފުނީގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓް ހިންގުމާ ހަވާލުވެ ކުރިން ހުންނެވި ޕްރޮކިއުމެންޓް ޑިރެކްޓަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީ އިން ފޮނުވި މައްސަލައާމެދު އަދިވެސް ގޮތެއް ނުނިންމާ ކަމަށް ޕްރޮސިކިޔުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށާއި ދައުވާ ކުރުމާމެދު އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށެވެ. 

މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއިން ނިންމި އެ މައްސަލައިގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފެނަކަ ކޯޕްރޭޝަނުން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ހުރިހާ ރަށަކަށް ބޭނުންވާ ޑީސަލް އެސްޓީއޯ މެދުވެރިކޮށް ގަންނަ ގޮތަށް ރައީސުލްޖުމްހޫރީއްޔާގެ އޮފީހުން ނިންމައި، އެކަން ފެނަކަ ކޯޕްރޭޝަނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ޑީސަލް ވިއްކަމުން ދިޔަ އަގަށް ވުރެ ބޮޑު އަގެއްގައި އަމިއްލަ ވިޔަފާރިތަކުން ޑީސަލް ގަނެފައިވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

އެގޮތުން ފެނަކަ ކޯޕްރޭޝަން އަށް މެއި 17، 2016 ގައި ރައީސުލްޖުމްހޫރީއްޔާގެ އޮފީހުން ފޮނުވާފައިވާ ސިޓީގައި އެ ކުންފުންޏަށް އެންމެ ގިނައިން ޑީސަލް ބޭނުންވާ ދެކުނުގެ ހަތަރު އަތޮޅުގެ ހުރިހާ ރަށްތަކާއި، ދ. ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުއްޓަށް ޑީސަލް ގަންނާނީ އެފްއެސްއެމް އިން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ތަހުގީގުގައި ބަލާފައިވާ މުއްދަތު ކަމުގައިވާ  ޖެނުއަރީ 4، 2018 އިން  އޮގަސްޓް 15، 2016 އާ ދެމެދު ގއ. އަތޮޅުގެ ބައެއް ރަށްތަކަށާއި ދ. ކުޑަހުވަދޫ އަށް ބޭނުންވާ ޑީސަލް ގަނެފައި ވަނީ އަގު ބޮޑުކޮށެވެ. އަދި އެފްއެސްއެމް އިން ފެނަކަ އަށް ޑީސަލް ވިއްކުމަށް ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގުގައި އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ގަނެފައިވާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެއެވެ. 

އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފެނަކައިން ރައީސުލްޖުމްހޫރީއްޔާގެ އޮފީހަށް ފެބްރުއަރީ 1، 2016 ގައި ފޮނުވި ސިޓީގައި އަމިއްލަ ވިޔަފާރިތަކުން ޑީސަލް ލީޓަރެއް ފެނަކަ ކޯޕްރޭޝަން އަށް އެވްރެޖްކޮށް ގަނެފައި ވަނީ 6.98ރ. އަށް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ ދުވަހުން ފެށިގެން އެ އަަހަރުގެ އެޕްރީލް 25ގެ ނިޔަލަށް ފެނަކަ ކޯޕްރޭޝަނުން އަމިއްލަ ވިޔަފާރިތަކުން ޑީސަލް ލީޓަރެއް އެވްރެޖްކޮށް ގަނެފައި ވަނީ 7.92ރ. އަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. 

މީގެ އިތުރުން ކޮންމެ މަހެއް ވެސް ފެށުމުގެ ކުރިން އެ މަހެއްގައި އިންޖީނުގެތަކަށް ބޭނުންވާ ޑީސަލްގެ އަދަދާއި، ޑީސަލް އަޅަން ޖެހޭނެ ތާރީހެއް އެނގޭނެ ފަދައިން ޝެޑިއުލްއެއް ތައްޔާރުކޮށް އެފްއެސްއެމް އަށް ފޮނުވައި ދިނުމަށް އެތައް ފަހަރެއްގެ މަތިން ފެނަކަ އަށް އަންގާފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި އެފްއެސްއެމް އިން ފޮނުވި އެއްވެސް ސިޓީއަކަށް ފެނަކައިން އެއްބާރުލުން ދީފައި ނުވާ ކަމަށާއި އަދި ޑީސަލް އެޅުމަށް ބޭނުންވާ ތަފްސީލީ ޝެޑިއުލްއެއް ވެސް ފެނަކައިން އެފްއެސްއެމް އަށް ފޮނުވާފައި ނުވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ. 

އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރީއްޔާގެ އޮފީހުން އަންގާފައިވާ އެންގުމާ ހިލާފަށް އެސްޓީއޯ ނޫން އެހެން އަމިއްލަ ކުންފުނިތަށް މެދުވެރިކޮށް ޑީސަލް ގަތުމަށް ހުއްދަ ދީފައި ވަނީ ކުންފުނީގެ ޕްރޮކިޔުމެންޓް ޑިޕާޓްމެންޓުގެ ޑިރެކްޓަރު ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށެވެ. 

އެގޮތުން ފެނަކައިގެ ޕްރޮކިޔުމެންޓް ހެޑް އެކަން ކޮށްފައި ވަނީ އޭނާގެ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ކަމަށާއި އެއްބަސްވުމުގައިވާ ގޮތުން ޕްރޮކިޔުމެންޓް ހެޑްގެ ގޮތުގައި ހުރެ ކުންފުންޏަށް ބޭނުންވާ ތަކެތި ގަންނަން ޖެހޭނީ އެންމެ ހެޔޮއަގުގައި ކަމަށް ބުނެފައިވާއިރު އެ ކުންފުންޏަށް ބޮޑު އަގުގައި ޑީސަލް ގަނެ ހިންގާފައި އަމަލަކީ ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް ހިންގާފައިވާ އަމަލުތަކެއްކަން ތަހުގީގަށް ލިބިފައިވާ ކިތާބީ ހެކިތަކުން އެނގޭ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ. 

އެހެން ކަމުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށާއި މަގާމް ނުފޫޒް ބޭނުން ކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ފެނަކައިގެ ޕްރޮކިޔުމެންޓް ހެޑް ގެ މައްޗަށް ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އަށް ފޮނުވި މައްސަލާގައި އެދިފައި ވެއެވެ. 

މީގެ އިތުރުން އެފްއެސްއެމް އިން ޑީސަލް ވިއްކި އަގަށްވުރެ ބޮޑު އަގެއްގައި އަމިއްލަ ކުންފުނިތަކުން ފެނަކަ އަށް ބޭނުންވާ ޑީސަލް ގެނަފައި ވާތީ 1،027،370.00 (އެއް މިލިއަން ހަތާވީސް ހާސް ތިންސަތޭކަ ހަތްދިހަ) ރުފިޔާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމަށާއި އެހެން ކަމުން އެ ފައިސާ ފެނަކައިގެ ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް ހެޑްގެ އަތުން ނަގައިދިނުމަށް ވެސް އޭސީސީގެ މައްސަލާގައި ވަނީ އެދިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 38 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް