ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 17:09
އިންވެސްޓްމެންޓް ފޯރަމް އިފްތިތާހުކޮށްދެއްވުމަށް ނައިބު ރައީސް ޖިހާދު ދުބާއީ އަށް ފުރާވަޑައިގަންނަވައިފި
އިންވެސްޓްމެންޓް ފޯރަމް އިފްތިތާހުކޮށްދެއްވުމަށް ނައިބު ރައީސް ޖިހާދު ދުބާއީ އަށް ފުރާވަޑައިގަންނަވައިފި
ރައީސް އޮފީސް
އިންވެސްޓްމެންޓް ފޯރަމް
އިންވެސްޓްމެންޓް ފޯރަމް އިފްތިތާހުކޮށްދެއްވުމަށް ނާއިބު ރައީސް ޖިހާދު ދުބާއީ އަށް ފުރާވަޑައިގަންނަވައިފި
މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 18 ވަނަ ދުވަހު
މިފާއިތުވެދިޔަ ތިން އަހަރު ވެސް އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވޭ
މި ފޯރަމްގައި 350 މީހުން ބައިވެރިވާނެ

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނާއިބު ރައީސް އަބްދުﷲ ޖިހާދު ދުބާއީއަށް ފުރާވަޑައިގަންނަވައިފި އެވެ.

ދުބާއީގައި މި އަހަރުގެ އިންވެސްޓްމެންޓް ފޯރަމް އިފްތިތާހުކުރެއްވުމަށް ނާއިބު ރައީސް ޖިހާދު ފުރާވަޑައިގަންނަވާފައިވާ އިރު، އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ސައީދު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ރާއްޖެއިން ދުބާއީގައި މިމަހު ބާއްވާ އިންވެސްޓްމެންޓް ފޯރަމްގައި 350 މީހުން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. މި މީހުންގެ ތެރޭގައި 80 ދިވެހިން ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ހަތަރު ވަނަ އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި ބާއްވާއިރު މި ފޯރަމް ކުރިން ބާއްވާ ގޮތަށް ހަމަޖެހިފައި އޮތީ ޤަތަރުގަ އެވެ. އެހެންނަމަވެސް ރާއްޖެއިން އެގައުމާ އެކު ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެން އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ދުބާއީއަށް ހަމަޖެއްސި އެވެ.

 މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގެ ޝެއިހް މަހްތޫމް ހޯލްގަ އެވެ.

މިއަހަރުގެ އިންވެސްޓްމެންޓް ފޯރަމްގައި ދިވެހިރާއްޖެއާއި ދުބާއީގެ އިންވެސްޓަރުން ބައިވެރިވާ ސެޝަންތަކާއި ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކާއި މަޝްވަރާކުރުމަށް ހާއްސަ ބައްދަލުވުންތައް ބޭއްވިގެންދާނެ އެވެ. އޭގެ އިތުރުން ވިޔަފާރިތައް ތައާރަފްކުރުމަށް ހާއްސަ ގާލާ ޑިނާ އެއްވެސް ކުރިއަށްދާނެ އެވެ. މި ފޯރަމްގެ ތެރެއިން އެގްޒިބިޝަނެއް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މި ފޯރަމްގައި ޕްލެޓިނަމް ޕާޓްނަރުންނާއި ގޯލްޑް ޕާޓްނަރުންނާއި ސިލްވާ ޕާޓްނަރުންގެ އިތުރުން ވިޒިޓާސްގެ ގޮތުގައި ވެސް ކުންފުނިތަކުން ބައިވެރިވެ އެވެ.

މިފާއިތުވެދިޔަ ތިން އަހަރު، އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވެ އެވެ. އެގޮތުން 2016 ވަނަ އަހަރު އިންޑިޔާގެ ދިއްލީގައީ އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވާ އިރު 2015 ވަނަ އެ ފޯރަމް ބާއްވާފައިވަނީ ޗާއިނާގެ ވެރިރަށް ބެއިޖިންގ އެވެ. އަދި 2014 ވަނަ އަހަރު ސިންގަޕޫރުގައި ވެސް ވަނީ އިންވެސްޓްމެންޓް ފޯރަމް ބާއްވާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް