ކ. މާލެ
|
15 ޑިސެންބަރ 2017 | ހުކުރު 11:04
މިނިސްޓްރީ އޮފް ފޮރިން އެފެއާޒު
މިނިސްޓްރީ އޮފް ފޮރިން އެފެއާޒު
މުހައްމަދު ޝަރުހާން
އޮޑިޓް ރިޕޯޓް
މިދިޔަ އަހަރު ފޮރިން މިނިސްޓްރީ އިން ހިންގި މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރެއް ނުކުރެވޭ: އޮޑިޓް ރިޕޯޓް
ބޭރު ފައިސާއިން ކުރި ޚަރަދު ރުފިޔާއަށް ބަދަލުކުރުމުގައި އެ ދުވަހުގެ އެކްސްޗޭންޖް ރިޕޯޓަށް ބަލާފައެއް ނުވޭ
އަހަރު ނިމުނުއިރުގެ އެކްސްޗޭންޖް ރިޕޯޓަށް ބަލައިގެން 89 މިލިއަން ރުފިޔާ ހިމަނާފައިވޭ
މާލީ ބަޔާނުގައި ހިމަނާފައިވާ މާލީ މުއާމަލާތްތަކުގެ ސައްހަ އަދަދު ކަށަވަރެއް ނުކުރެވޭ

ބޭރު ފައިސާއިން ކުރި ޚަރަދު ދިވެހި ރުފިޔާއަށް ބަދަލުކުރުމުގައި މުއާމަލާތް ހިންގި ދުވަހުގެ އެކްސްޗޭންޖް ރޭޓަށް ބަލާފައި ނުވާތީ މިދިޔަ އަހަރު ފޮރިން މިނިސްޓްރީ އިން ހިންގި މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުނުކުރެވޭ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓަރ ޖެނަރަލް ނެރުއްވި 2016 ވަނަ އަހަރުގެ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި، އަހަރު ތެރޭގައި ހިންގި ބޭރު ފައިސާގެ މުއާމަލާތްތައް ރިޕޯޓިން ކަރަންސީއަށް ބަދަލުކުރަންވާނީ އެ މުއާމަލާތެއް ހިންގި ތާރީޚުގެ އެކެސްޗޭންޖް ރޭޓުން ކަމަށް އިންޓަނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑްސް (އިޕްސަސް) ގެ "ފައިނޭންޝަލް ރިޕޯޓިންގ އަންޑަރ ދަ ކޭޝް ބޭސިސް އޮފް އެކައުންޓިންގ" ގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، ފޮރިން މިނިސްޓްރީގެ 2016 ވަނަ އަހަރުގެ މާލީ ބަޔާނުގައި ހިމަނާފައި ހުރި ބޭރު ފައިސާގެ ބައެއް މުއާމަލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކޮށްފައި ވަނީ އެ މުއާމަލާތެއް ހިންގި ތާރީޚުގެ އެކްސްޗޭންޖް ރޭޓުގެ ބަދަލުގައި އަހަރު ނިމުނުއިރު ހުރި އެކްސްޗޭންޖް ރޭޓުންކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން މާލީ މުއާމަލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރުމުގައި، އެ މުއާމަލާތް ހިންގި ތާރީޚުގެ އެކްސްޗޭންޖް ރޭޓުގެ ބަދަލުގައި އަހަރު ނިމުނުއިރު ހުރި އެކްސްޗޭންޖް ރޭޓު ބޭނުންކޮށްފައިވާ ކަމަށް ފާހަގަކުރެވުނު އިދާރާތަކުގެ 2016 ވަނަ އަހަރުގެ ޚަރަދުގެ ގޮތުގައި މިނިސްޓްރީގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާނުގައި ޖުމްލަ 89،187،015 (އަށްޑިހަ ނުވަ މިލިއަން އެއްލައްކަ އަށްޑިހަ ހަތް ހާސް ފަނަރަ ރުފިޔާ) ހިމަނާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި، އެކަން އެގޮތަށް ހިންގާފައިވުމުގެ ނަތީޖާއެއްގެ ގޮތުން، ފޮރިން މިނިސްޓްރީގެ 2016 ވަނަ އަހަރުގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާނުގައި ހިމަނާފައިވާ މާލީ މުއާމަލާތްތަކުގެ ސައްހަ އަދަދު ކަށަވަރެއް ނުކުރެވެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި، ބޭރު ފައިސާއިން ހިންގާ މުއާމަލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރުމުގައި އެ މުއާމަލާތެއް ހިންގި ތާރީޚުގެ އެކްސްޗޭންޖް ރޭޓު ބޭނުންކޮށްފައި ނުވާ ނަމަ، ކަނޑައެޅިފައިވާ އޮނިގަނޑާ އެއްގޮތަށް މާލީ ބަޔާން ތައްޔާރު ކުރެވުނު ކަމަކަށް ނުވާނެއެވެ. އަދި އެ އޮނިގަނޑުގެ ދަށުން މާލީ ބަޔާނުގައި ހިމަނަންޖެހޭ އަސްލު އަދަދަށް ވުރެ އިތުރަށް ނުވަތަ މަދުން ޚަރަދު ހިސާބުކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް