ކ. މާލެ
|
15 ޑިސެންބަރ 2017 | ހުކުރު 10:02
ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ
ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ
މިނިސްޓްރީ އޮފް ޖެންޑާ
ޖެންޑާ މިނިސްޓްރީ
އެކިބާވަތުގެ އަނިޔާއާ ގުޅޭ 238 މައްސަލައެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅިފައިވޭ
ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް ވަނީ ހުށަހެޅިފައި
ހައްގުތަކުން ކުޑަކުދިން މަހުރޫމް ކުރުމުގެ މައްސަލަތައް ވަނީ ހުށަހެޅިފައި
އާއިލީ މައްސަލަތަކުގެ 42 މައްސަލަ ހުށަހެޅިފައިވޭ

އެކިބާވަތުގެ އަނިޔާއާ ގުޅޭ 238 މައްސަލައެއް މިދިޔަ މަހުގެ ތެރޭގައި ހުށަހެޅިފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމެލީ އިން ބުނެފިއެވެ. 

ޖެންޑާ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބްތަކުގައިވާ ގޮތުގައި މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 124 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ނޮވެންބަރު މަހު ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ 52 ޕަސެންޓެވެ. 

މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. މި ގޮތުން މި ބާވަތުގެ ޖުމްލަ 57 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނީއްކައިގެ 30 މައްސަލަ، އިހުމާލުވުމުގެ 19 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 10 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ތިން މައްސަލަ، އެހެން ކުދިންގެ ފަރާތުން ގޯނާ ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ހަތަރު މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގޯނާ ލިބުމުގެ ނުވަތަ ސައިބަރ ބުލީންގގެ ޝިކާރައަކަށްވުމުގެ އެއް މައްސަލަ ހިމެނެއެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބްތަކުގައި ބުނެފައިވާ ގޮތުގައި އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ ފަސް މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ވައްކަންކުރުމުގެ އެއް މައްސަލަ އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ އެއް މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ އަޚުލާޤީ މައްސަލަތައް

ކުޑަކުދިންގެ އަޚުލާޤީ މައްސަލަތަކުގެ 14 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.

މި ފަދަ މައްސަލަތަކުގެ ތެރޭގައި ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ ހަ މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ ހަތަރު މައްސަލަ، ގެއިން ނިކުމެގެން ދިޔުމުގެ ތިން މައްސަލަ އަދި އެހެން ކުދިނަށް އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުމުގެ ނުވަތަ ސައިބަރ ބުލީންގގެ އެއް މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ޖުމްލަ ހަތަރު މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.

މި ފަދަ މައްސަލަތަކުގެ ތެރޭގައި އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ނުހެއްދުމުގެ އެއް މައްސަލަ، އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ އެއް މައްސަލަ އަދި ކުދިންނަށް ވެކްސިން ނުދިނުމުގެ އެއް މައްސަލަ ހިމެނެއެވެ.

ޢާއިލީ މައްސަލަތައް

ޢާއިލީ މައްސަލަތަކުގެ 42 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 25 މައްސަލަ، ކުދިން ބެލުމުގައި ދިމާވާ 11 މައްސަލަ، އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ ފަސް މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 35 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިއީ ނޮވެންބަރު 2017 ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ޖުމްލަ 15 އިންސައްތައެވެ.

މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 17 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރެވޭ އަނިޔާގެ އަށް މައްސަލަ، ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ ތިން މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ ދެ މައްސަލަ، އިހުމާލުވުމުގެ ދެ މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ ދެ މައްސަލަ، އަދި ބާރާއި ނުފޫޒު ފޯރުވުމުގެ އެއް މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން

މި ފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަ މައްސަލައެއް ހިމެނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހަ މައްސަލައެއް ހުށަހަޅައިފައިވެއެވެ.   

އަމިއްލަ ނަފްސަށް ގެއްލުން ދިނުން

އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ޖުމްލަ ދެ މައްސަލައެއް ނޮވެންބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް