ކ. މާލެ
|
15 ޑިސެންބަރ 2017 | ހުކުރު 07:00
ޔުމްނާ މައުމޫނު:- ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް އޭނާ ވަނީ ރައްދު ކުރައްވާފައި
ޔުމްނާ މައުމޫނު:- ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް އޭނާ ވަނީ ރައްދު ކުރައްވާފައި
މުހައްމަދު ޝަރުހާން
ޔުމްނާ މައުމޫނު
ގިނަ ސުވާލުތަކަކާއެކު ޔުމްނާގެ ހޫނު ރައްދު ސަރުކާރަށް!
ބޭރު ބައެއްގެ މައްޗަށް ބަރޯސާވެ،ދަރާ ވިކިގެން މި ގެންނަނީ ތަރައްގީތޯ ސުވާލު އުފެއްދެވި
ކޮރަޕްޝަނާއި ވައްކަމާ ފަސާދައަކީ ތަރައްގީތޯ ޔުމްނާ ސުވާލު އުފެއްދެވި

ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ރާއްޖެ ތަރައްގީ ކުރަމުންދާ ކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކައް ރައްދު ދެއްވައި، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ ވިލިމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމިނަށް ބޮޑުބޭބެ ވިދާޅުވާ ޔުމްނާ ވަނީ މި ސަރުކާރުން ތަރައްގީ އޭ ބުނަނީ ކޮންކަހަލަ ތަރައްގީއަކަށްތޯ ސުވާލު އުފައްދަވާފަ އެވެ. މަގުތައްމަތީގައި އެއްވެސް އަމާންކަމެއް ނެތް ކަމަށް ފާހަގަ ކުރައްވައި، ޔުމްނާ ވަނީ އެއީ ތަރައްގީ ތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރެވޭނެ އެއްވެސް ގޮތެއް ނެތިކުރާ ކަންކަމާއި ދީނާ ސަގާފަތާއި އާދަކާދަތައް ރައްކާކުރުމެއް ނެތި މި ސަރުކާރުން ކުރަމުންދާ ކަންކަތައްތަކަށް ތަރައްގީ އޭ ކިއި ދާނެތޯ ޔުމްނާ ސުވާލު އުފެއްދެވި އެވެ.

"ބޭރު ބައެއްގެ މައްޗަށް ބަރޯސާވެ، ބޭރުގެ ބަޔަކަށް ދަރާ ވިކިގެން މި ގެންނަ ތަރައްގީ އަކީ ތަރައްގީއޭ ކިޔޭނެތޯ. ކޮރަޕްޝަނާއި ވައްކަމާ ފަސާދައަކީ ތަރަގީއޭ ތޯ. އަޅުގަނޑުމެން ބޭރުގެ ގައުމުތަކާ އޮންނަ ގުޅުން ކަނޑާލައި ހަމަ އެކަނި ވަކި ބަޔަކާ ގުޅިގެން މި ގެންނަ ތަރައްގީއަކީ ތަރައްގީއޭ ކިޔޭނެތޯ. އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް. މިއަށް ކިޔާނީ ތަރައްގީތޯ،" ޔުމްނާ ވިދާޅުވި އެވެ.   

ހަމަ އެހެންމެ ދިވެހިންގެ އަމިއްލަ ވަންތަކަމާއި މިނިވަންކަން ރައްކާތެރިނުކޮށް ކުރާ ކަންކަމަށް ތަރައްގީ އޭ ކިޔަންވީތޯ ޔުމްނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. އެ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެއީ ތަރައްގީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެފަދަ ތަރައްގީއެއް ދިވެހިން ބޭނުންނުވާ ކަމަށެވެ.

ޔުމްނާ ވިދާޅުވީ ހަގީގީ ކާމިޔާބީ އަކީ ތަފާތު ފިކުރުގެ ހަތަރު ޕާޓީއެއް އެއްކޮށް މަސައްކަތް ކުރެވުން ކަމަށާއި ހުރިހާ ޕާޓީތައް އެއްކޮށް މަސައްކަތް ކުރަނީ ގައުމުގެ ހައްގުގައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް އިސްލާހް ކުރުމަށް ކުރަން ފެށި މަސައްކަތާއެކު ވެސް އެތައް ބައިވަރު އުނދަގޫތަކަކާއި ހުރަސްތަކެއް ކުރިމަތިކުރުވިކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ މެމްބަރުންގެ ހިތްވަރަށް ބަދަލެއް ނާންނަ ކަމަށެވެ.

"ސިފައިންނާއި ބާރު ބޭނުންކޮށްގެން ކަންކަން ހުއްޓުވާން ޖެހުމަކީ ހަގީގަތުގައި އެ ބޭފުޅުންނަށް ލިބުނު ކާމިޔާބީއެއް ނޫން. އަޅުގަނޑުމެނަށް ލިބުނު ކާމިޔާބީއެއް. ރައްޔިތުންގެ ލޯތްބާއި ތާއީދެއް ގަދަބާރުން ނުފޫޒު ފޯރުވައިގެން އެގޮތަކަށް ނުހޯދޭނެ،" ޔުމްނާ ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސްގެ އެއްބަނޑުއެއްބަފާ ދައިތާފުޅު ޔުމްނާ ވިދާޅުވީ ފާރިސް ބަންދުގައި ހުންނަވާތާ 150 ދުވަސްވީ ނަމަވެސް އޭނާ އަދިވެސް ހުންނެވީ ވަރަށް ސާބިތުކަންމަތީ ކަމަށެވެ. އަދި ހިތްވަރަށް ބަދަލެއް ނާންނަ ކަމަށާއި އޭނާ ހުންނެވީ އިސްލާހީ މަސައްކަތުގައި ކުރިއަށް ދިއުމަށް ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަގުތުން ދޫށްލުމަށް ގޮވާލައްވާފަ އެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް