ކ. މާލެ
|
15 ޑިސެންބަރ 2017 | ހުކުރު 05:56
މި މަހުގެ އަށް ވަނަ ދަވަހު މަރުވި ނާހިދު، އޭނާގެ މަރާ ގުޅިގެން ފުލުހުން ތަހްގީގެއް ވަނީ ފަށާފައި
މި މަހުގެ އަށް ވަނަ ދަވަހު މަރުވި ނާހިދު، އޭނާގެ މަރާ ގުޅިގެން ފުލުހުން ތަހްގީގެއް ވަނީ ފަށާފައި
މުރުޝިދް އަބްދުލް ހަކީީމް
ނާހިދުގެ މަރު
ނާހިދުގެ މަރު ތަހްގީގެއް ފުލުހުން ފަށައި، ބައެއް މީހުންގެ ބަޔާން ނަގަނީ!
ކައުންސިލްގެ ރައީސްއާ ސުވާލު ކޮށްފައިވޭ
ބިލެއްދޫން މަގޫދޫއަށް ފަތާފައި ދިއުމުގެ ހަރަކާތް ރޭވީ ކޮން ބައެއް ތޯ މީހުންނާ ސުވާލުކުރި

ހާޓް އެޓޭކެއް ޖެހި ކުއްލި ގޮތަކަށް މަރުވި، ފ.ބިލެތްދޫ، ސާމަރާމަންޒިލް، އިބްރާހިމް ނާހިދު ގެ މަރުގެ ތަހްގީގެއް ފުލުހުން ފަށައިފި އެވެ.

ނާހިދު މަރުވެފައިވަނީ އެމްޑީޕީގެ ޒުވާނުން އިސްނައިގެން ކުރިއަށް ގެންދިޔަ "ބިލެއްދޫން މަގޫދޫއަށް ފަތާފައި ދިއުމުގެ ހަރަކާތުގައި" ބައިވެރިވެ، ފަތަމުން ދަނިކޮށް ސިއްހީ ހާލު ދެރަވެ، ސިއްހީ މަރުކަޒަށް ގެންދިއަ ފަހުންނެވެ. 

ނާހިދު މަރުވިތާ ހަތަރު ދުވަސް ފަހުން ފުލުހުން ވަނީ އެރަށުގެ ބައެއް މީހުންނާ ސުވާލުކޮށްފަ އެވެ. އެގޮތުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ފުލުހުން ބައެއް މީހުންނާ ސުވާލުކޮށްފައިވާކަން ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އޭގެ ތެރޭގައި ބިލެއްދޫ އިން މަގޫދޫއަށް ފަތާފައި ދިއުމުގެ ހަރަކާތުގައި ބައިވެރިވި ބައެއް މީހުންނާ ވަނީ ސުވާލުކޮށްފަ އެވެ. ފުލުހުންނަށް ބަޔާން ދިން ބައެއް މީހުން ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގޮތުގައި މަގޫދޫއަށް ފަތާފައި ދިއުމުގެ ހަރަކާތް ރޭވީ ކޮން ބައެއްތޯ ފުލުހުން ވަނީ އެމީހުންނާ ސުވާލު ކޮށްފަ އެވެ. އަދި ނާހިދުއަކީ އެއްވެސް ބައެއްޔެއް ހުންނަ މީހެއްތޯ އާއި އޭނާ އެއްވެސް ބައްޔަކަށް ބޭސްކަމުން ދޭތޯ ބައެއް މީހުންނާ ފުލުހުން ވަނީ ސުވާލު ކޮށްފަ އެވެ.  

އެރަށު ކައުންސިލްގެ ރައީސްގެ އިހްސާންގެ އިތުރުން އެރަށު ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ނަރުހަކާ ވެސް ފުލުހުން ސުވާލުކޮށްފައިވާ ކަމަށް ވަނީ މައުލޫމާތުލިބިފަ އެވެ.

ބިލެއްދޫ ކައުންސިލްގެ ރައީސް އިހްސާންއާ ފުލުހުން ސުވާލު ކޮށްފައިވަނީ އޭނާ ދ.ހުޅުދެލީގައި ހުންނަވަނިކޮށް ފުލުހުން އެރަށަށް ގޮސް އެރަށު ކައުންސިލް އިދާރާއަށް ހާޒިރުކޮށްގެންނެވެ. އިހްސާން ވިދާޅުވީ ބިލެއްދޫން މަގޫދޫއަށް ފަތާފައި ދިއުމުގެ ހަރަކާތް ރޭވި ކޮން ބައެއްކަން ސާފުކުރުމަށް ފުލުހުން އޭނާއާ ވެސް ސުވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ރޭވީ ކޮންބައެއްކަން ނޭނގޭ ކަމަށް އިހްސާން ފުލުހުންނަށް ދެންނެވުމުން ވެސް ބައެއް މީހުން އޭނާއަށް އެކަން އެނގޭނެ ކަމަށް ބުނެފައިވާ ކަމަށް ފާހަގަކޮށް އިތުރަށް ސުވާލު ކުރައްވާފައިވާ ކަމަށްވެސް އިހްސާން ވިދާޅުވި އެވެ.

މި މަހުގެ 8 ވަނަ ދުވަހު އެރަށު އެމްޑީޕީގެ ޒުވާނުން އިސްނައިގެން ބޭއްވި އެ ހަރަކާތުގައި ގިނަ އަދަދެއް މީހުން ބައިވެރިވެފަ އެވެ. އެމީހުންގެ އެ ހަރާކާތުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރުން އިދިކޮޅު ހަރަކާތްތަކަށް ހުރަސްއެޅި ނަމަވެސް ފަސް ނުޖެހޭކަން ދެއްކުން ކަމަށް ވަނީ ބުނެފަ އެވެ.  

ބިލެއްދޫން މަގޫދުއަށް ފަތާފައި ދިއުމަށް ބައިވެރިން މޫދަށް ފުންމާލިތާ ގާތްގަނޑަކަށް 15 ވަރަށް މިނެޓްފަހުން ނާހިދު  ލޯންޗަށް ނެގީ އޭނާއަށް އުނދަގޫތަކެއްވަނީ ކަމަށް ބުނުމުންނެވެ. އަދި އޭނާގެ މެޔައް އެރި ތަދާއެކު އޭނާ ލޯންޗަށް ނަގާ އޭނާ ރަށަށް ގެންދިއުމަށް މަސައްކަތްކުރި އެވެ. ނަމަވެސް ނާހިދު ބޭނުންވީ އޭނާގެ ވޮލެޓާއި އަންނައުނު އޮތް ދޯންޏަށް ގޮސް އެއްޗެހި ބަދަލުކުރާށެވެ. އެ ދޯންޏަކީ ވެސް އެވަގުތު އެ ފެތުމުގައި ބައިވެރިވާ މީހުންނާއެކު ދިޔަ ދޯންޏެކެވެ. އޭނާ ދޯންޏަށް ގެންދިޔަ ފަހުން އަނެއްކާވެސް އޭނާގެ ހާލަތު ސީރިއަސްވެ ލޯންޗުގައި އަނބުރާ ރަށަށް ގެންގޮސް އެރަށު ހެލްތް ސެންޓަރަށް ގެންދިޔައީ އެވެ. އޭނާ ހެލްތް ސެންޓަރަށް ގެންދިޔަ ފަހުން އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރު ވަނީ ނިންމާފަ އެވެ. އެކަން ނާހިދުގެ މަރު ފޯމުގައި ވެސް ބުނެފައިވެ އެވެ. ރާއްޖެއެމްވީއަށް ލިބިފައިވާ އެ ފޯމުގައިވާ ގޮތުން ނާހިދުގެ ހާޓް އެޓޭކެއް ޖެހުނުތާ އެއްގަޑިއިރާ ތިރީސް މިނެޓްފަހުން މަރުވީ އެދުވަހުގެ ހަވީރު 4.30 ގައި އެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް