ކ. މާލެ
|
15 ޑިސެންބަރ 2017 | ހުކުރު 05:45
ޑރ މަޖީދު ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ މަޖީދު ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
މެންބަރުންގެ ގޮނޑި ގެއްލުނަސް ނުގެއްލުނަސް ސުލައިމާނު މިހާރު ކުށްވެރިވާނެ:ޑރ މަޖީދު
ފާރިސްއަށް ލިބޭ އަނިޔާއަކީ އިންސާފުން ލިބޭ އަނިޔާއެއް ކަމަށް ޖަސްޓިފައި ކުރެވޭނެ
މިހުރިހާ ބޭއިންސާފް ހިނގަމުން މިދަނީ މިކަންކަމަށް ތާއީދުކޮށް މިކަންކަމަށް ހިތްވަރުދޭ މީހުން ތިބެގެން
އެއްވެސް ކަމެއް އަބަދަކު އެއް ގޮތަކަށް ނޯންނާނެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުނަސް, ނުގެއްލުނަސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން މިހާރު ކުށްވެރިވާނޭ ކަމަށް ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ވިލިމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާ ޑރ މަޖީދު، ހުކުމަކާއި ނުލައި ޖަލުގައި ބަންދުކޮށްފައި ހުންނަތާ 150 ދުވަސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރ ފާރިސް މައުމޫނަށް އިޝާރާތް ކުރައްވާ ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫންތައް ބުނާގޮތުން މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާނަމަ އެމީހަކީ ކުށުން ބަރީއަ ވެފައިވާ މީހެއް ކަމަށާއި އެހެންކަމަށްވާނަމަ ފާރިސްއަށް ލިބޭ އަނިޔާއަކީ އިންސާފުން ލިބޭ އަނިޔާއެއް ކަމަށް ޖަސްޓިފައި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ކާނަލް ނާޒިމާއި ޝައިޚް އިމްރާންގެ އިތުރުން ޤާސިމް އިބްރާހީމާއި ރައީސް ނަޝީދުގެ ޝަރީއަތް ދިޔަ ގޮތާއި އެބޭފުޅުންނަށް ލިބެމުންދާ އަނިޔާއަކީވެސް ނުހައްގު އަނިޔާ ކަމަށް މަޖީދު ވިދާޅުވިއެވެ.

ޑރ މަޖީދު ވިދާޅުވީ މިހުރިހާ ބޭއިންސާފް ހިނގަމުން މިދަނީ ސަރުކާރުގެ ނުފޫޒުން މިކަންކަމަށް ތާއީދުކޮށް މިކަންކަމަށް ހިތްވަރުދޭ މީހުން ތިބެގެން ކަމަށެވެ. އަދި އެއްވެސް ކަމަކީ ތާއަބަދު އެއްގޮތަކަށް ދެމިއޮންނާނެ ކަމެއް ނޫން ކަމަށާއި އެމީހުންނާ ޤާނޫން އަރާ ހަމަކުރާނެ ކަމަށް ޑރ މަޖީދު ވިދާޅުވިއެވެ.

މީގެ އިތުރުން މަޖީދު ވިދާޅުވީ ޝަރުޢީ ނިޒާމްގެ ތެރެއިން ކަމަށްވިއަސް މިކަންކަން ކުރުމަށް ސަރުކާރަށް މަގުފަހިވެގެންދަނީ އެކަންކަމަށް މަގުފަހިކޮށްދޭނެ ބަޔަކު ތިބުމުން ކަމަށެވެ.

"ހަނދުމަފުޅު ބަހައްޓަވާތި ދުނިޔޭގެ ތާރީޚު ހެކިދޭ ގޮތުން އެއްވެސް ކަމެއް އަބަދަކު އެއް ގޮތަކަށް ނޯންނާނެ. ޝަރުޢީ ނިޒާމުން ކަންކަން ވާނީ. އަޅުގަނޑުމެން އެބޭފުޅުންގެ ކައިރިއަކަށް ނުދާނަން" ޑރ މަޖީދު ވިދާޅުވިއެވެ.

ޑރ މަޖީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާންގެ ވާހަކަ ނަން ކިޔާފައި ދައްކަން ޖެހޭ ކަމަށާއި ކޮންމެ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާމެދު ނިމުނު ކަމުގައި ވިއަސް ސުލައިމާނު ކުށްވެރި ނުވާނެ ގޮތަކީ މިހާރު ނެތް ގޮތެއް ކަމަށެވެ.

"ކޮންމެ ގޮތަކަށް ކަންކަން ވެގެން ދިޔަކަމުގައި ވިއަސް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުނު ކަމުގައި ވިއަސް އަދި ނުގެއްލުނު ކަމުގައި ވިއަސް އަހުމަދު ސުލައިމާނު ކުށްވެރި ނުވާނެ ގޮތަކީ ނެތް ގޮތެއް. ގެއްލިއްޖެ ކަމަށް ކަނޑައަޅައިފިނަމަ ދެމަސް ދުވަހުގެ ތެރޭގައި އިންތިޚާބު ނުބޭއްވީތީ ޤާނޫނާ ޚިލާފް އެބަވޭ. ގޮނޑި ނުގެއްލޭ ކަމަށްވާނަމަ ގޮނޑި ނުގެއްލޭ މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާތީ  އެކަމާ ގުޅިގެން ގޮނޑި ގެއްލުނު މެންބަރުންނަށް ލިބެން ޖެހޭ އިނާޔަތްތައް އުނިކުރުމުގެ ސަބަބުން ޤާނޫނާ ޚިލާފްވެގެން އެބަ ކުށްވެރިވޭ" ޑރ މަޖީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް