ކ. މާލެ
|
14 ޑިސެންބަރ 2017 | ބުރާސްފަތި 19:06
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް
ރާއްޖެއެމްވީ
އުމަރު ނަސީރު
ޢަބްދުﷲ ރިޔާޒް "އުމަރު 2018" ކެމްޕެއިން ފައްޓަވައިފި!؟
ރިޔާޒް ކުރެއްވި ޓްވީޓްގައި ވަނީ "ބޭނުމީ ތެދުވެރިއެއް" ކަމަށް
ޖޭޕީއަށް އުމަރު ގެންދެވުމުގައި އިސްކޮށް ހަރަކާތްތެރި ވެވަޑައިގެންނެވީ ޢަބްދުﷲ ރިޔާޒް
އުމަރު ޖޭޕީ އަށް ގުޅުމާ އެކު އެއް ކެންޑިޑޭޓަކު ނެރުމަށް ކުރާ އުންމީދު ވަނީ ކުޑަވެފައި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކާމިޔާބު ކޮށްދެއްވުމުގެ މަސައްކަތް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ފައްޓަވައިފިއެވެ.

އުމަރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހުގެ ހަވީރު އޮންނާނެކަން ހާމަކުރައްވައި ރިޔާޒް ކުރެއްވި ޓްވީޓަކާ އެކު ރިޔާޒް ވަނީ އުމަރުގެ ކެމްޕެއިން ޕޯސްޓަރެއް ހިއްސާކުރައްވާފައެވެ.

ރިޔާޒް ހިއްސާކުރެއްވި ޕޯސްޓަރުގައި "އުމަރު 2018" ޝިއާރުގެ އިތުރުން، "ބޭނުމީ ތެދުވެރިއެއް" ކަމަށް ވެސް ލިޔެފައި ވެއެވެ.

 

އުމަރު ޖުމްހޫރީ ޕާޓީއަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީއިން ދިން ދައުވަތަކަށް ކަން އެ ޕާޓީ ހިންގުމުގައި މިވަގުތު އިސްކޮށް ހުންނެވި ރިޔާޒް ބުރާސްފަތި ދުވަހު ހާމަ ކުރެއްވިއިރު، އުމަރު ވަނީ ކުރިއަށް އޮތް ރިޔަސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމް ވާދަ ނުކުރައްވާ ނަމަ، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އުމަރު މިހެން ވިދާޅުވި ނަމަވެސް، ޖުމްހޫރީ ޕާޓީގެ އަސަސީ ޤާވާއިދުގައިވާ ގޮތުން އެޕާޓީން ރިޔާސީ އިންތިޚާބެއްގައި ވާދަކުރާ ނަމަ، ކުރާނީ ހަމައެކަނި އެ ޕާޓީގެ ލީޑަރެވެ.

ސީދާ މި މާއްދާއަށް ހަވާލާ ނުދެއްވި ނަމަވެސް، ބުރާސްފަތި ދުވަހު ރިޔާޒް ވިދާޅުވީ، ޖުމްހޫރި ޕާޓީގެ އަސާސީ ޤަވާއިދަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، އެ ބަދަލުތަކާ އެކު ޕާޓީގެ އަސާސީ ޤަވާއިދު މިހާރު ޑްރާފްޓް ވެސް ކުރެވިފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ބާއްވާ ކޮންގްރެސްގައި އެ އިސްލާހްތައް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ޖުމްހޫރީ ޕާޓީއާ އުމަރު ގުޅިވަޑައިގަތްއިރު، އެ ޕާޓީގެ އިސް ބައެއް ބޭފުޅުން އެކަމާ ހިތްހަމަޖެހިވަޑައި ނުގަންނަވާކަން އެ ފަރާތްތަކާ ރާއްޖެޓީވީއާ ހިއްސާކުރައްވާފައިވެއެވެ. ގުޅިފައިވާ އިދިކޮޅު އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީއާ އެކު މަސައްކަތް ކުރެއްވުމަށް އަބަދު ވެސް ދެކޮޅު ހައްދަވާފައިވާ އުމަރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމާ އެކު، އޭގެ އަސަރު އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް