ކ. މާލެ
|
13 ޑިސެންބަރ 2017 | ބުދަ 19:34
ގއ އތޮޅު ކައުންސިލުން އިންޑިއާ ސަފީރާއި ބައްދަލު ކުރެއްވުމަށްފަހު
ގއ އތޮޅު ކައުންސިލުން އިންޑިއާ ސަފީރާއި ބައްދަލު ކުރެއްވުމަށްފަހު
ޓްވިޓަރ
ގއ އަތޮޅު ކައުންސިލް
އިންޑިޔާ ސަފީރާ ބައްދަލު ކުރުމުން ގއ އަތޮޅު ކައުންސިލަރުން ސަސްޕެންޑް ކޮށްފި
ސަސްޕެންޑް ކުރީ މުސާރަވެސް ނުލިބޭ ގޮތައް
ސަސްޕެންޑް ކުރީ 3 މަސް ދުވަހަށް
ކައުންސިލް އިދާރާއަށް ވަނުމާއި އެއްވެސް ތަނެއްގައި ހައިސިއްޔަތު ބޭނުން ކުރުންވެސް މަނާ

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭއިން) ނެރެފައިވާ އިޖުރާއަތްތަކާ އެއްގޮތައް ހުއްދައް ނުހޯދާ ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރިކަމަށް ބުނެ ގއ އަތޮޅު ކައުންސިލްގެ 3 މެންބަރުން މުސާރަވެސް ނުލިބޭ ގޮތައް ސަސްޕެންޑް ކޮށްފިއެވެ.

އެލްޖީއޭއިން މިގޮތައް ނިންމާފައި މިވަނީ މިމަހުގެ 11 ވަނަ ދުވަހު އެކައުންސިލުން، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާއި ބައްދަލު ކުރައްވާފައި ވަނިކޮށެވެ.

އެލްޖީއޭޢިން ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު ނަސީރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ "އެލްޖީއޭއިން މިމަހުގެ 11 ވަނަ ދުވަހު ނެރެފައިވާ ސަރކިއުލަރ އިން ބޭރުގެ ދައުލަތްތަކާއި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި އެފަރާތްތައް ތަމްސީލް ކުރާ ފަރާތްތަކާ ލޯކަލް ކައުންސިލް ތަކުން ބައްދަލުކޮށް މުއާމަލާތު ކުރުމުގެ އިޖުރާޢަތު ބަޔާންކޮށްފައިވަނިކޮށް، އެއިޖުރާއަތުތަކާ ޚިލާފަށް ގއ އަތޮޅު ކައުންސިލުން ހުއްދަ ހޯދުމަކާއި ނުލައި ބޭރުގެ ސަފީރަކާއި ބައްދަލުކޮށްފައިވާކަން، މައްސަލައާއި ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުންނާއި އެލްޖީއޭއިން ސާފުކުރި މައުލޫމާތުތަކުން ކަށަވަރުވާ" ކަމަށެވެ. އެހެންކަމުން ކައުންސިލްގެ އެއަމަލަކީ ކައުންސިލުން ކުރާ ޤާނޫނާ ޚިލާފް ޢަމަލް ތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ (ކ) އާއި 6 ވަނަ މާއްދާގެ (ށ) އާ ޚިލާފު ޢަމަލެއް ކަމަށް ވާތީ އެކައުންސިލަރުންނާއި މެދު ފިޔަވަޅު އެޅުމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމާފައި ކަމަށެވެ.

އެލްޖީއޭ ބޯޑުން ނިނމާފައިވާކަމަށް އެސިޓީގައި ބުނެފައިވަނީ 13 ޑިސެމްބަރ 2017 އިން ފެށިގެން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ގއ އަތޮޅު ކައުންސިލްގެ 3 މެންބަރުން ސަސްޕެންޑް ކުރުމަށާއި އެމުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލް ކުރުން މަނާ ކުރުމަށެވެ. އަދި ކައުންސިލަރުންގެ ސަސްޕެންޝަންގެ މުއްދަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާ ހަވާލުވެ ހުންނާނީ ކައުންސިލްގެ އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތާ އެވަގުތަކު ހަވާލުވެ ހުރި ފަރާތްކަމަށް އެސިޓީގައި ބުނެފައި ވެއެވެ.

ވީމާ ބުދަ ދުވަހުން ފެށިގެން 3 މަސް ދުވަހަށް މުސާރައާއި އިނާޔަތްތައް ނުލިބޭގޮތައް ގއ އަތޮޅު ކައުންސިލްގެ މެންބަރުން ސަސްޕެންޑް ކުރެވިފައިވާކަން އެމެންބަރުންނަށް އަންގަވައިދެއްވައި، އެފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ތިންމަސް ދުވަހަށް ހިފެހެއްޓުމަށް ދަންނަވާ ކަމަށް އެސިޓީގައި ވަނީ ބުނެފައެވެ. 

މީގެ އިތުރުން ކައުންސިލަށް ވަޑައި ނުގެންނެވޭނެ ކަމަށާޢި އެއްވެސް ތަނެއްގައި ކައުންސިލް ތަމްސީލް ނުކުރެވޭނެކަން އެންގުމަށްވެސް އެލްޖީއޭގެ ސިޓީގައި ވަނީ ބުނެފައެވެ.

ގއ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުވާދު ރާއްޖެ އެމްވީއަށް ވިދާޅުވީ އެކައުންސިލުން އިންޑިޔާ ސަފީރާއެކު ބައްދަލުވުން ބޭއްވީ އެލްޖީއޭގެ ސަރކިއުލާ އެކައުންސިލަށް ލިބުމުގެ ކުރިން މިމަހުގެ 11 ވަނަ ދުވަހުގެ 2:30 ގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް