ކ. މާލެ
|
13 ޑިސެންބަރ 2017 | ބުދަ 18:45
ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕުން، އެ ޕާޓިއަށް ނިސްބަތްވެވަޑައިގަންނަވާ ލޯކަލް ކައުންސިލަރުންނާއި ބައްދަލުކުރެއްވުމަށް "ލާމަރުކަޒީ ގުޅުން 2017" އިގެ ނަމުގައި ބުދަ ދުވަހު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން
ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕުން، އެ ޕާޓިއަށް ނިސްބަތްވެވަޑައިގަންނަވާ ލޯކަލް ކައުންސިލަރުންނާއި ބައްދަލުކުރެއްވުމަށް "ލާމަރުކަޒީ ގުޅުން 2017" އިގެ ނަމުގައި ބުދަ ދުވަހު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީ
އެމްޑީޕީގެ ވިސްނުމަށް އިޚުތިރާމް ކުރަން، ނަމަވެސް ކޯލިޝަންގެ ކެނޑިޑޭޓްގެ ގޮތުގައި ނެރެންވާނީ ޤާސިމް: ރިޔާޒް
ޕާޓީތަކުން އެކުގައި ނިންމާ ނިންމުން ވެގެންދާނީ 2018 ވަނަ އަހަރު އެ ފަރާތްތަކަށް ވެރިކަމަށް އާދެވޭނެކަން ކަށަވަރުވާ ނިންމުމަކަށް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓެއްގެ ގޮތުގައި ނެރެންވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށް، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕުން، އެ ޕާޓިއަށް ނިސްބަތްވެވަޑައިގަންނަވާ ލޯކަލް ކައުންސިލަރުންނާއި ބައްދަލުކުރެއްވުމަށް "ލާމަރުކަޒީ ގުޅުން 2017" އިގެ ނަމުގައި ބުދަ ދުވަހު ކުރިއަށްގެންދިޔަ ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، ޕާޓީތަކުން ގުޅިގެން ކެނޑިޑޭޓެއް ނެރޭނަމަ، ޖުމްހޫރީ ޕާޓީގެ ވިސްނުމަކީ އެ ފުރުޞަތު ލިބެންވާނީ އެ ޕާޓީގެ ލީޑަރަށްކަން ކަމަށެވެ.

"ގުޅިގެން 2018 ގައި ކެންޑިޑޭޓެއް ނެރޭ ކަމަށް ނަމަ، ޖޭޕީގެ ވިސްނުމަކަށް، ވިންދަކަށް ވާނީ އެ ފުރުސަތު ގާސިމަށް ލިބުމަށް،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ގުޅިފައިވާ ހަތަރު ޕާޓީގެ ތެރެއިން އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީއަށް ވެފައި، އެ ޕާޓީގެ މައިގަނޑު ވިސްނުމަކީ 2018 ގުޅިފައިވާ ކެނޑިޑޭޓުގެ ގޮތުގައި ރިޔާސީ ރޭހަށް ރައީސް މުޙައްމަދު ނަޝީދު ނެރުންކަން ޤަބޫލުކުރައްވާ ކަމަށާއި، އަދި އެކަމަށް އިޚުތިރާމްވެސް ކުރައްވާ ކަމަށެވެ.

މިނިވަންކަމާއި ހަމަހަމަކަމާ އެކު ބޭއްވޭ ރިޔާސީ އިންތިހާބަކަށް މަގުފަހި ކުރުމަށާއި ކޮންމެ ޕާޓީއަކުންވެސް އެ ޕާޓީއެއްގެ މެމްބަރުން ނިންމާ ކެނޑިޑޭޓަކަށް ފުރުސަތު ލިބޭނެ ފަދަ މަގަކުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އެކުގައި މަސައްކަތް ކުރުމަށް މި އަހަރުގެ މާރިޗު މަހު ރައީސް މުޙައްމަދު ނަޝީދާއި، ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ޤާސިމް އިބްރާހިމްގެ އިތުރުން ޝައިޚް އިމްރާން އެއްބަސްވެވަޑައިގެންފައިވާއިރު، ޤާނޫނު އަސާސީ އާއި ޤާނޫނޫތައް މިހާރު ލިޔެވިފައިވާ ގޮތުން މިއިން އެއްވެސް ބޭފުޅަކަށް ރިޔާސި އިންތިޚާބުގައި ވާދައެއް ނުކުރެއްވެނެއެވެ.

އެގޮތުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ޤާނޫނު ބަދަލުކޮށްފައިވާއިރު، ރައީސް މައުމޫނާއި ޤާސިމް އަކީވެސް އެ އުމުރުފުޅަށްވުރެ ދޮށީ ދެބޭފުޅުންނެވެ. އަދި ޝަރުޢީ ޙުކުމެއްގައި ހުންނަ މީހާއަށްވެސް ވެރިކަމަށް ކުރިމަތި ނުލެވޭއިރު، ރައީސް ނަޝީދާއި ޤާސިމް އާއި ޝައިޚް އިމްރާންވެސް މިވަގުތު ތިއްބެވީ އެފަދަ އެކި ޖަލު ޙުކުމްތަކުގައެވެ.

އިދިކޮޅު ފަރާތްތަކުން ކުރި ހޯދިޔަ ނުދިނުމަށް ސަރުކާރުން ކޯޓުތަކާއި ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން އެކި މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް ޚިޔާލު ކޮންމެ ގޮތަކަށް ހުރި ނަމަވެސް، 2018 އިގެ ރިޔާސީ އިންތިޚާބާއި، 2019 އިގެ އާންމު އިންތިޚާބުގައި އިދިކޮޅު ޕާޓީތައް ތިބޭނީ އެކުގައިކަން ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ ޕާޓީތަކުން އެކުގައި ނިންމާ ނިންމުން ވެގެންދާނީ 2018 ވަނަ އަހަރު އެ ފަރާތްތަކަށް ވެރިކަމަށް އާދެވޭނެކަން ކަށަވަރުވާ ނިންމުމަކަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް