ކ. މާލެ
|
12 ޑިސެންބަރ 2017 | އަންގާރަ 19:08
ސިވިލް ކޯޓް ހިންގާ ޖަސްޓިސް ބިލްޑިންގ، އިތުރު ބައްދަލުވުމެއް ބާއްވާނީ ހަފްތާއެއް ފަހުން
ސިވިލް ކޯޓް ހިންގާ ޖަސްޓިސް ބިލްޑިންގ، އިތުރު ބައްދަލުވުމެއް ބާއްވާނީ ހަފްތާއެއް ފަހުން
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ ޖޫރިމަނާ މައްސަލަ
ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލައަށް ތައްޔާރުވާން ދައުލަތަށް ހަފްތާއެއް ދީފި
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ
އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ދައުލަތުން އެދުނީ އިތުރު ވަގުތަށް
ތިން ފަހަރެއްގެ މަތިން 1.7 މިލިއަން ރުފިޔާގެ ޖޫރިމަނާ

ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ކުރި މައްސަލައަށް ޖަވާބުދާރީވާން ތައްޔާރުވުމަށް ދައުލަތަށް ހަތް ދުވަހުގެ މުއްދަތެއް ސިވިލް ކޯޓުން ދީފި އެވެ.

 

ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރީ، މިއަހަރުގެ ޖުލައި 28 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "މިރައީސް" ޕްރޮގުރާމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. 

ޖޫރިމަނާ ކުރި މައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މައްޗަށް ރާއްޖެޓީވީއިން ދައުވާކުރާ މައްސަލައިގައި މިހާރު ކުރިއަށްދަނީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ އެވެ. 

ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއަކީ ދެފަރާތުގެ މެދުގައި މަޝްވަރާކޮށްގެން މައްސަލައަށް ހައްލެއް ހޯދޭތޯ ބަލާ މަރުހަލާ އެވެ. މައްސަލަ ޝަރީއަތަށް ފޮނުވާނީ އެ މަރުހަލާއިން ހައްލެއް ނުލިބިއްޖެނަމަ އެވެ.

ރާއްޖެޓީވީއިން ދައުވާކުރާ މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގެ ފުރަތަމަ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވިއިރު، ދައުލަތުން ވަނީ ޖަވާބުދާރީވަން ތައްޔާރުވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެފަ އެވެ. ދައުލަތުން އެފަދައިން އެދުމުން ސިވިލް ކޯޓުން ވަނީ ތައްޔާރުވާން ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ރާއްޖެޓީވީ ޖޫރިމަނާކުރީ، ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކުރުމަށް ގޮވައިލައްވާ މެންބަރު މުސްތަފާ ދައްކަވާފައިވާ ވާހަކައަކީ، ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ދައްކަވާފައިވާ ވާހަކައެއް ކަމަށް ބުނެ އެވެ.

މީގެ އިތުރުން، މުސްތަފާ ދެއްކެވި ވާހަކައަކީ ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކައެއް ކަމަށާއި ގާނޫނު އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކައެއް ކަމަށް ވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފައިވެއެވެ.

ޖޫރިމަނާކުރުމާއި ގުޅިގެން ރާއްޖެޓީވީއިން ނެރުނު ނޫސްބަޔާނުގައިވާ ގޮތުގައި، އެ ފިޔަވަޅަކީ ރާއްޖެ ޓީވީ އަށް އަނިޔާވެރި ވުމަށް ސިލްސިލާކޮށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއަށް އިތުރުވި ބޮޅެކެވެ. އަދި ބްރޯޑްކާސްޓިންގ ކޮމިޝަން އިންސާފުގެ ހަމައިން ނެއްޓިފައިވާކަމާއި، މައްސަލަތައް ބެލުމުގެ ގާބިލްކަމެއް ކޮމިޝަނުގައި ނެތްކަން އެ ކޮމިޝަންގެ ކޮންމެ ނިންމުމަކުން ހާމަވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. 

ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލައިގެ އިތުރުން، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލައާއި އެއް މިލިއަން ރުފިޔާއިން ޖުރިމަނާ ކުރި މައްސަލަ ވެސް ސިވިލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް