ކ. މާލެ
|
12 ޑިސެންބަރ 2017 | އަންގާރަ 18:00
އެމްޕީ ޢަލީ ނިޒާރު: ކުޅުދުއްފުށީ ހޮސްޕިޓަލާމެދު ވަނީ ބޮޑު ތުހުމަތެއް ކުރައްވާފައި
އެމްޕީ ޢަލީ ނިޒާރު: ކުޅުދުއްފުށީ ހޮސްޕިޓަލާމެދު ވަނީ ބޮޑު ތުހުމަތެއް ކުރައްވާފައި
އަޒުމޫން އަހުމަދު
ޢަލީ ނިޒާރު
ކުޅުދުއްފުށީ ހޮސްޕިޓަލުން 100 ރުފިޔާއަށް ދެވޭ ފަރުވާ 100 ޑޮލަރަށް ބިލް ކުރާ ކަމަށް އަޑު އިވޭ:ނިޒާރު
ނިމްސް އާއެކު ހަދާފައިވާ ޑީލަކީ ބޮޑު ޖަރީމާއެއް
އެއީ ދޮގެއް. މިހާރުވެސް ބިލް ކުރަނީ ކުރިންވެސް ކުރި ރޭޓް ތަކުގައި
ވިހަން ދިޔަ އަންހެނަކު ވަނީ ދިއްދޫ ހޮސްޕިޓަލަށް ފޮނުވާލާފައި

ކުޅުދުއްފުށީ ހޮސްޕިޓަލުން 100 ރުފިޔާއަށް ދެވޭ ފަރުވާ މިހާރު  100 ޑޮލަރަށް ބިލް ކުރާ ކަމުގެ އަޑު އިވެމުންދާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެގޮތަށް ތުހުމަތު ކުރައްވާ ޢަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ "ޑީލަކީ" އިންޑިއާގެ ނިމްސްއާ ދެމެދު ވެފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި 100 ރުފިޔާއަށް ދެވޭ ފަރުވާ 100 އެމެރިކާ ޑޮލަރަށް އާސަންދައަށް ބިލް ކުރާ އަޑު އެބަ އިވޭ ކަމަށެވެ.

ނަމަވެސް އެހޮސްޕިޓަލުން ވަނީ ނިޒާރުގެ އެތުހުމަތު ދޮގު ކުރައްވާފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެހޮސްޕިޓަލްގެ ފަރާތުން މުހައްމަދު ޚާލިދު ވިދާޅުވީ އެއީ އެއްވެސް ޙަޤީގަތެއް ހުރި ވާހަކައެއް ނޫން ކަމަށާއި މިހާރުވެސް ބިލް ކުރަމުން ދަނީ ކުރިން ސަރުކާރުން އެހޮސްޕިޓަލް ހިންގިއިރު ވެސް ބިލް ކުރަމުން ދިޔަ ރޭޓްތަކުގައި ކަމަށެވެ. އަދި އެއްބަސްވުމުގައި ވެސް ވާނީ އެގޮތަށް ބިލް ކުރާ ގޮތަށް ކަމަށެވެ.

ނިޒާރު މިހެން މި ތުހުމަތު ކޮށްފައިވަނިކޮށް އަންގާރަ ދުވަހު ސަރުކާރުން ވަނީ އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރި  ހަސަން އަލީ އެމަޤާމުން ވަކިކޮށްފައެވެ.

ސަރުކާރު ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރުމުގެ ބާރު އޮންނަ ޕްރައިވެޓައިޒޭޝަން ބޯޑުން މައުލޫމާތުދޭ ގޮތުގައި ހަސަން އަލީ މަގާމުން ވަކިކުރީ ސަރުކާރުން އެގޮތަށް ބޭނުންވެގެން ހުށަހެޅުމުންނެވެ.

މީގެ އިތުރުން ނިޒާރު މިފަދަ ގޮތަކަށް ތުހުމަތު ކުރައްވާފައިވާ މި ދަނޑިވަޅަކީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ވިހަން ގެންދިޔަ އަންހެނަކު، އެހޮސްޕިޓަލުގައި ކުޑަކުދިންގެ ޑޮކްޓަރަކު ނެތިގެން ހއ ދިއްދޫ ހޮސްޕިޓަލަށް ފޮނުވާލާފައިވާ ދަނޑިވަޅެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ދިއްދޫ ހޮސްޕިޓަލަށް ފޮނުވާލި އަންހެން މީހާގެ ބޭބެ ބުނެފައިވަނީ ހޯމަ ދުވަހު ހެނދުނު އޭނާގެ ކޮއްކޮ، ކުޅުދުއްފުށީ ހޮސްޕިޓަލަށް ވިހަން ގެންދިއުމުން ހއ. ދިއްދޫއަށް ފޮނުވާލީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ނެތް ކަމަށް ބުނެއެވެ.އަދި އޭނާ ބުނެފައިވަނީ  އެއަންހެން މީހާ ބަނޑުގައި ރިއްސަރިއްސާ އޮއްވައި ދިއްދޫއަށް ފޮނުވާލާފައިވަނީ ނަރުހަކާ ވެސް ނުލާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން މުހައްމަދު ޚާލިދު ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތެއް އަދި ސާފުވެފައި ނުވާ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ޒަމާނީ ޚިދުމަތްތައް ދިނުމަށް ނިމްސް ހިންގާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުއެވެ. ނަމަވެސް ވޭތުވެ ދިޔަ ފަސް މަހެއްހާ ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލަށް މާ ބޮޑު ކުރިއެރުންތަކެއް އައިސްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް