ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 09:26
އުމަރު ނަސީރު: ވަޒީރު ކަމުގައި ކޮރަޕްޝަންތަކެއްގެ ތުހުމަތު
އުމަރު ނަސީރު: ވަޒީރު ކަމުގައި ކޮރަޕްޝަންތަކެއްގެ ތުހުމަތު
ގޫގުލް
އުމަރު ނަސީރު
އުމަރު ނަސީރުގެ ވަޒީރު ކަމުގައި ޔޫކޭ ކުންފުންޏަކަށް ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ފައިސާ ތަކެއް ދިންކަން ފަޅާއަރައިފި
ގާނޫނާ ހިލާފަށް 14 މިލިއަން ރުފިޔާ ދިން ކަމަށް ތުހުމަތު ކުރެވޭ
މަސައްކަތުގެ ފައިސާގެ 90 ޕަސެންޓް އެޑްވާންސަށް ދީފައިވޭ
މަސައްކަތް ނުނިމިއްޖެ ނަމަ އެޑްވާންސް ފައިސާ ދޭން ޖެހޭ ކަމަކަށް އެއްބަސްވުމަކު ނެތް

މިހާރު ޕީޕީޕީއެމުން ވަކިވެފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވަޒީރު ކަމުގައި އިނގިރޭސިވިލާތުގެ ކުންފުންޏާއެކު ކޮރަޕްޝަނަށާއި ފަސާދައަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ގޮތަށް ބޮޑެތި އަދަދުތަކުން ފައިސާގެ މުއާމަލާތްތަކެއް ކޮށްފައިވާކަން ފަޅާއަރައިފިއެވެ.

އެކަން ފަޅާއަރާފައިވަނީ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ނެރުއްވި ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުންނެވެ.

މިނިވަން 50 ގެ ކަންކަމުގައި ބޮޑެތި ކޮރަޕްޝަންތައް އެކުލެވޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކޮށްފައިވަނިކޮށް އޮޑިޓަރ ޖެނެރަލް ނެރުއްވި ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މިނިވަން 50ގެ ހަރަކާތްތަކުގެ ތެރެއިން ގަލޮޅު ދަނޑުގައި ބޭއްވި ހެވިކަމުގެ ކުޅިވަރުތަކަށް ބޭނުންވާނެ ލައިޓާއި، ސައުންޑް، މެޕިން، ލޭޒާ، ފޮގްސް، ވީޑިއޯ އަދި ޕްރޮޖެކްޝަންގެ މަސައްކަތް އިނގިރޭސިވިލާތުގެ "ދަ ޕްރޮޖެކްޝަން ސްޓޫޑިއޯ"އަށް ހަވާލުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 14 މިލިއަން ރުފިޔާއަށެވެ.

އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މާލިއްޔަތު ގާނޫނުގައިވާ ގޮތާ ހިލާފަށް ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ނޫން ކަމަށާއި އިތުރު އެހެން ފަރާތަކުން ކޯޓޭޝަން ވެސް ހޯދައިގެން ނޫން ކަމަށެވެ. އަދި، ގާނޫނާ ހިލާފަށް މަސައްކަތުގެ ފައިސާގެ 90 ޕަސެންޓް އެޑްވާންސްގެ ގޮތުގައި ކުންފުންޏަށް ދީފައިވާކަން ވެސް އެނގެން އޮންނަ ކަމަށް ރިޕޯޓްގައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، ދަ ޕްރޮޖެކްޝަން ސްޓޫޑިއޯއަށް އެ ފައިސާ ހަރަދު ކުރުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށާއި ނަމަވެސް އެޑްވާންސް ފައިސާ ވީހާވެސް ކުޑަކުރުމަށާއި އަގު ކުޑަކުރެވެން ހުރި މިންވަރަކަށް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ހޯމް މިނިސްޓްރީއަށް އެންގި ކަމަށެވެ. ނަމަވެސް އެ އެންގުމާ އެއްގޮތަށް އަގު ކުޑަކުރުމަށް އަދި އެޑްވާންސް ކުޑަކުރުމަށް ވެސް ހޯމް މިނިސްޓްރީން މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށް ރިޕޯޓްގައިވެ އެވެ. އަދި މަސައްކަތް ނުނިންމުނު ހާލަތެއްގައި އެޑްވާންސްއަށް ދިން 90 ޕަސެންޓް ފައިސާއަށް ހަދާނެ ގޮތެއް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެޑްވާންސް ފައިސާ ދިން ފަހުން، ވަގުތު ކުޑަތަން ވެފައިވާތީ އިތުރު ފައިސާ ނުދެނީސް މަސައްކަތް ނުނިންމޭނެ ކަމަށް އެ ކުންފުނިން އަންގާފައިވާ ކަމަށާއި އަދި އިތުރު ފައިސާ ދިނުމަށް ވެސް ހޯމް މިނިސްޓްރީގައި އެދިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.  އެގޮތަށް އެދުނީ، މަސައްކަތުގެ ސަޕްލަޔާ ކަމަށްވާ "އީޓީސީ" ނަމަކަށްކިޔާ ކުންފުނިން ސަތޭކަ ފަންސާސް ހާސް ޑޮލަރުގެ އިންވޮއިސްއެއް ފޮނުވާތީ ކަމަށް އެ ކުންފުނިން ބުނެފައިވާތީ ކަމަށެވެ.

އެގޮތަށް ހޯމް މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން ވަނީ އެއްބަސްވުމުގައިވާ އަގުގެ އިތުރަށް ދެ މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފަ އެވެ. އެއީ މަސައްކަތް ނިންމުމަށް ސަޕްލަޔަރު ކުންފުނި އީޓީސީއިން އެދުނު ފައިސާއަށް ވުރެ އިތުރު ފައިސާއެއް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް އޮފީހުން ބެލިބެލުމުން އީޓީސީއާ ގުޅޭ ގޮތުން ކަމެއް ވަނީ ފަޅާ އަރާފައި ކަމަށްވެސް އެރިޕޯޓުގައި ބުނެފައި ވެއެވެ. އެއީ އީޓީސީއަކީ ކުރިން ދަ ޕްރޮޖެކްޝަން ސޫޑިއޯއަށް ކިޔަމުން ދިޔަ ނަން ކަމަށާއި އެހެންކަމުން އެ ކުންފުނިން ސަޕްލަޔާއަށް ދޭން ކަމަށް ބުނެ ހޯދި ފައިސާއަކީ ގަސްދުގައި އޮޅުވާލައިގެން ހޯދި ފައިސާ ކަމަށާއި އެ ފައިސާ ދިނުމުގައި ހޯމް މިނިސްޓްރީން ބަލަންޖެހޭ ވަރަށް ބަލާފައިނުވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން، ރަސްމިއްޔާތު ކުލަގަދަކުރުމަށް އަލިފާން އަރުވައިދޭ ނިޒާމެއް ކުއްޔަށް ހިފުމަށް އެ ކުންފުންޏަށް ނުވަ ލައްކަ ރުފިޔާ ވަގުތުން ވަގުތަށް ޖަމާކޮށްދީފައިވާކަން ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެ ފައިސާ ކުންފުންޏަށް ދިނީ އިއުލާން ކުރުމެއް ނެތި، އެއްބަސްވުމެއް ވެސް ނެތި، އެޑްވާންސްގެ ގޮތުގައި ޖުމްލަ އަގު ދީގެން ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އެތަކެތި ހޯމް މިނިސްޓްރީއަށް ލިބުނުކަން އެއްވެސް ލިޔުމަކުން އެނގެން ނެތް ކަމަށް ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.

އެހެންކަމުން އެ ކުންފުންޏާއެކު ހޯމް މިނިސްޓްރީއިން ހަރަދުތައް ކޮށްފައިވަނީ ދައުލަތުގެ އެތައް ފައިސާއެއް އިސްރާފުވެ ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބަޔާންކޮށްފަ އެވެ. މިކަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިގެން ބެލުމަށާއި އިތުރަށް ދައްކާފައިވާ ފައިސާތައް އަނބުރާ ހޯދުމަށް އޮޑިޓަރ ޖެނެރަލް ވަނީ އަންގަވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 ޑިސެންބަރ 2017 | ހޯމަ 10:44
ހިސްޓޯބުރޯ
ފައިހިއްޕިއްޖެ