ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 19:36
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ރާއްޖެއެމްވީ
ޤުދުސްގެ މައްސަލަ
މިއީ އަޤްޞާ މިސްކިތް ތަޅައިލުމުގެ ފެށުން، ދިވެހިން އަޑުއުފުލަން ޖެހޭ: ޑރ. ޝަހީމް
މި މައްސަލައިގައި ދިވެހި ސަރުކާރުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވޭ

ފަލަސްޠީނުގެ ޤުދުސްއަކީ އިޒްރާއީލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަކީ އެކަމާ ދެކޮޅަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަޑުއުފުލަން ޖެހޭ ކަމެއް ކަމަށް ދެކިލައްވާ ކަމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ، ފަލަސްޠީނާއި، ޤުދުސް އަދި އަލް މަސްޖިދުލް އަޤްޞާގެ ދިފާއުގައި ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުން އަޑު އުފުލަން ވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ޤުދުސްއަކީ އިޒްރާއީލުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަކީ އަލް މަސްޖިދުލް އަޤްޞާ ތަޅައިލުމުގެ ފެށުން ކަމަށާއި، އަދި އެއީ އިސްލާމީ އުއްމަތާ ދެކޮޅަށް ހިންގޭ އަމަލެއް ކަމަށް ޑރ. ޝަހީމް ސިފަކުރެއްވިއެވެ. 

ޝަހީމް މިގޮތަށް ވިދާޅުވެފައި މި ވަނީ، އިޒްރާއީލުގެ ވެރިރަށަކީ ޤުދުސް ކަމަށް ނިންމައި، އިޒްރާއީލުގެ ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ، ޤުދުސް އަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމުގެ މަޢުލޫމާތު ފަލަސްތީނުގެ ރައީސް މަޙުމޫދު އައްބާސްއާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިއްސާކުރައްވާފައި ވަނިކޮށެވެ.

އެމެރިކާގެ މި ނިންމުމާއި ގުޅިގެން ގިނަ މައްސަލަތަކެއް ނުކުންނާނެ ކަމަށް ބެލެވޭއިރު، ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް އާއި އުރުދުންގެ ރަސްގެފާނު ޢަބްދުﷲ 2 ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ރައީސް ޓްރަމްޕްއާ ހިއްސާ ކުރައްވާފައެވެ. އަދި އެމެރިކާގެ މި ނިންމުމާ ގުޅިގެން، އަރަބި، އިސްލާމީ ޤައުމުތަކާއި ވިލާތުގެ ބައެއް ޤައުމުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިޒްރާއީލާއި ފަލަސްތީނާ ދެމެދުގައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލައަކީ ޤުދުސްގެ މައްސަލައެވެ. އިޒްރާއީލުން 1967 ވަނަ އަހަރު ކުރި ހަނގުރާމާގައި އިރުމަތީ ޤުދުސް ހިފުމަށް ފަހު، އިޒްރާއީލުން ޤަބޫލުކުރަނީ އިރުމަތީ ގުދުސްއަކީ އެމީހުންގެ ވެރިރަށުގެ ގޮތުގައެވެ. އެހެންނަމަވެސް ފަލަސްޠީނުން ބޭނުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެދުމުން، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ހެދުމަށެވެ.

ޤުދުސްގައި މިހާތަނަށް އެއްވެސް ޤައުމެއްގެ އެމްބަސީއެއް ޤާއިމްކޮށްފައެއް ނުވެއެވެ. އަދި ޤުދުސްއަކީ އިޒްރާއީލުގެ އިޚްތިޞާސް ހިނގާ އިޒްރާއީލުގެ ސަހަރެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ބަލައިގަނެފައެއް ވެސް ނުވެއެވެ.

އަދި ޤުދުސްއަކީ އިޒްރާއީލުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަކީ އަލް މަސްޖިދުލް އަޤްޞާ ތަޅައިލުމުގެ ފެށުން ކަމަށާއި، އަދި އެއީ އިސްލާމީ އުއްމަތާ ދެކޮޅަށް ހިންގޭ އަމަލެއް ކަމަށް ޑރ. ޝަހީމް ޝިފަކުރައްވާފައިވާ އިރު މިއަދަކީ އިންޑިއާގައި 15 ވަނަ ގަރުނުގެ ކުރީކޮޅު ބިނާކުރި ޒަމާންވީ ބޮޑު މިސްކިތެއް ކަމަށްވާ ބާބްރީ މިސްކިތް ހަރުކަށި ހިންދޫން ވެގެން ތަޅާ ބިމާ ހަމަކޮށްލިތާ 25 އަހަރު ފުރުނު ދުވަހެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް