ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 15:52
އުމަރު ނަސީރު: ޖުމްހޫރީ ޕާޓީ އާއި އެކު ކުރިންވެސް މަސައްކަތް ކުރެއްވި
އުމަރު ނަސީރު: ޖުމްހޫރީ ޕާޓީ އާއި އެކު ކުރިންވެސް މަސައްކަތް ކުރެއްވި
ގޫގުލް
އުމަރު ނަސީރު
ޤާސިމް ވާދަ ނުކުރައްވާނަމަ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް އުމަރު ޖޭޕީ އާއި ގުޅިވަޑައިގަންނަވަނީ
ސޮއި ކުރައްވާނީ ކުރިއަށް އޮތް ހަފްތާގައި
ޤާސިމް ވާދަނުކުރައްވާނަމަ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ
ކުރިންވެސް އުމަރު ވަނީ ޖޭޕީ އާއިއެކު މަސައްކަތް ކުރައްވާފަ

ޕީޕީއެމްގެ ކުރީގެ ނައިބުރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމައިފިއެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވަން ނިންމަވާފައިވާ ކަމަށާއި، ސޮއި ކުރައްވާނީ ކުރިއަށް އޮތް ހަފްތާގައި ކަމަށެވެ.

އުމަރު ވިދާޅުވީ، ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމެވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ވަމުންދާ ތައްޔާރީތަކުގައި އެހީވެވަޑައިގަތުމަށް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން އުމަރު އިތުރަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމް ވާދަ ނުކުރައްވާނަމަ، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އުމަރު ވަނީ ދާދި ފަހުން އިނގެރޭސިވިލާތަށް ވަޑައިގެން ލަންޑަނުގައި ތިއްބެވި ރާއްޖޭގެ ސިޔާސީ އިސް ފަރާތްތަކާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމެވިއިރު، މީގެ ކުރިންވެސް އުމަރު ވަނީ އެ ޕާޓީއާއިއެކު މަސައްކަތް ކުރައްވާފައެވެ. އެގޮތުން 2013 ވަނަ އަހަރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޢަބްދުﷲ ޔާމިން އާއި ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގަތުމުން އުމަރު ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއާއި އެކު ޤާސިމް އިބްރާހިމް އިންތިޚާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް