ދިވެހިރާއްޖޭގައި މިނިވަން، އިންސާފުވެރި އަދި ހުރިހާ ފަރާތަކަށް ބައިވެރިވެވޭ އިންތިޚާބެއް ބޭއްވުމުގެ މުހިއްމު ކަމާއިމެދު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައާއި އެކު މަޝްވަރާ ކުރައްވައިފިއެވެ.
މިހާރު ސްރީލަންކާއަށް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް ނަޝީދު ވަނީ ބުދަ ދުވަހު ލަންކާގެ ބޮޑުވަޒީރު ރަނިލް އާއި ކޮޅުނބުގައި ބައްދަލުކުރައްވާފައެވެ. އަބަދުވެސް ގާތް ގުޅުމެއް އޮންނަ މިދެބޭފުޅުން ދޭތެރެ ދޭތެރެއިން ފަހަކަށް އައިސް ބައްދަލު ކުރައްވައެވެ. ރަނިލް ވިކްރަމަ ސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއާއި ރާއްޖޭގެ އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި އަބަދުވެސް ގާތް ގުޅުމެއް އޮވެއެވެ. ރައީސް ނަޝީދަކީ ރަނިލް 2015ވަނަ އަހަރު ބޮޑުވަޒީރުކަމާއި އަލުން ހަވާލުވެވަޑައިގަތުމުން އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި އެއް ބޭފުޅާއެވެ. އަދި ސްރީލަންކާއަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ކައިރިން ބަލަމުން އަންނަ އެއް ޤައުމެވެ.
އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ރައީސް ނަޝީދު ހުންނެވިއިރު، އެމަނިކުފާނު ދޭތެރެ ދޭތެރެއިން ސްރީލަންކާއަށް ވަޑައިގަންނަވައެވެ. އަދި މިދަތުރުފުޅުތަކުގައި ސްރީލަންކާއިން އަބަދުވެސް އެމަނިކުފާނަށް މަރުހަބާކިޔައެވެ. މީގެ އިތުރުން ސްރީލަންކާގައި އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާއިއެކު މަސައްކަތްކުރެވޭ މައްސަލައިގައި ދިވެހި ސަރުކާރުން ކިޔާ ފާޑުކިޔުންތަކާއި ގުޅިގެން، އިދިކޮޅު ފަރާތްތަކުން ލަންކާގައި ކުރަނީ އިސްލާހީ މަސައްކަތްތަކެއް ކަމަށް ލަންކާގެ ސަރުކާރުން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއިން ވަނީ ލަންކާ ސަރުކާރުން ރާއްޖޭގެ ސަރުކާރު ވައްޓާލަން އުޅޭކަމަށް ތުހުމަތުކޮށްފައެވެ.
2018ވަނަ އަހަރުގެ އިންތިޚާބާއި ބެހޭ ގޮތުން ރައީސް ނަޝީދު ގެންދަވަނީ ބައިނަލްއަޤްވާމީ ފަރާތްތަކާއި އެކު މަޝްވަރާކުރައްވަމުންނެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.