ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 13:36
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް
މުހައްމަދު ޝަރުހާން
ޕީޕީއެމް ޖަލްސާ
ޗައިނާ އަށް ފައިދާތަކެއް ނުވާނަމަ ޗައިނާއިން ވެސް ރާއްޖެ އަށް ހެވެއް ނޭދޭނެ: އަލީ އާރިފް
ޗައިނާއާއެކު ގާއިމް ކުރުމަށް ނިންމާފައިވާ އެއްބަސްވުން ނުހުއްޓުވޭނެ
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގައުމަކާއެކު ރާއްޖެއިން ގާއިމް ކުރާ މީ ފުރަތަމަ ފަހަރެއް ނޫން
އެއްބަސްވުމާ ދެކޮޅަށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ ދިވެހި ގައުމަށް ހެވެއް އެދިވަޑައިނުގަންނަވާތީ

ޗައިނާ އަށް ފައިދާތަކެއް ނުވާނަމަ ޗައިނާއިން ވެސް ދިވެހިރާއްޖެ އަށް ހެވެއް ނޭދޭނެ ކަމަށް ޕީޕީއެމްގެ ތަރުޖަމާން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ އާރިފް ވިދާޅުވީ ފައިދާތަކެއް ނުލިބޭ ގޮތަށް އެއްވެސް ގައުމަކުން އަނެއް ގައުމަކަށް ހެވެއް ނޭދޭނެ ކަމަށެވެ. އެހެން ކަމުން ޗައިނާއިން ވެސް ރާއްޖެ އަށް ހެޔޮ އެދެނީ ރާއްޖެއިން ވެސް ޗައިނާ އަށް ފައިދާތަކެއް ލިބޭތީ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. 

އަލީ އާރިފް ވިދާޅުވީ ފައިދާތަކެއް ނުލިބޭ ގޮތަށް ނުވަތަ ފައިދާތަކެއް ނުކުރާ ގޮތަށް އެއްވެސް ގައުމަކުން އަނެއް ގައުމަކާއެކު އެއްބަސްވުމެއް ނުހަދާނެ ކަމަށާއި އެއީ ދުނިޔޭގައި ކަން ހިނގަމުން އަންނަ ގޮތް ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. އަދި ޗައިނާއާއެކު ރާއްޖެއިން ހަދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ގައުމަކުން އަލަށް ހަދާ އެއްބަސްވުމެއް ނޫން ކަމަށާއި ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ އެމެރިކާއާއި ޗައިނާއާ ދެމެދު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. 

ހަމަ އެހެންމެ ގައުމަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ރާއްޖެއިން ހަދާ މީ ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކުރައްވާ އަލީ އާރިފް ވިދާޅުވީ ސާކްގެ ހުރިހައި ގައުމުތަކުގެ މެދުގައި ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުން ހަދާފައިވާ ކަމަށާއި އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ގައުމުތަކަށް އެތައް ފައިދާތަކެއް ކުރަމުންދާ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށް ނިންމާފައި ވާތީ އެކަމަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ގެންދާތީ އެކަމަށް ރައްދު ދެއްވާ އަލީ އާރިފް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދިވެހިރާއްޖޭގެ މައި އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނުމަށް އެއްބަސްވުމެއްގައި ސޮއި ކުރިިއިރު އެކަން ރައްޔިތުންގެ މަޖިލީހަށް ވެސް ނުއަންގާ ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ބެލުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ނުފޮނުވާ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. 

ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅި ކަމަށާއި އެކަމަށްޓަކައި ވެސް އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ ސަރުކާރަށް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. 

ޗައިނާއާއެކު ރައީސް ޔާމީންގެ ސަރުކާރުން ގާއިމް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ކުރީގެ ރައީސް މުހައްމަދު މަޝީދު ފާޑުވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވާ އަލީ އާރިފް ވިދާޅުވީ ރައީސް ނަޝީދަކީ ދިވެހިރާއްޖެ އަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ދުޝްމިނެއް ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. 

ރައީސް ނަޝީދަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އަލީ އާރިފް ދިވެހި ރައްޔިތުންނަށް ރައީސް ނަޝީދު ހެޔޮއެދިވަޑައި ނުގަންނަވާ ކަމުގެ ހެއްކަކީ އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަސް ނޫން އޭގެ އަނެއް ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިގައިދިޔަ ހުޅުޖެހުމުގެ އަމަލުތައް ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަންތައްތަކާ ގުޅިގެން އެތައް ޒުވާނުންތަކެއް ޖަލަށް ލެވިފައިވާ ކަމަށެވެ. 

އަލީ އާރިފް ވިދާޅުވީ ރައީސް ނަޝީދަކީ ދިވެހިރާއްޖެ އަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ނަމަ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒް ކުރެއްވުމަށްޓަކައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ކަމެއް ރައީސް ނަޝީދު ނުކުރައްވާ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް