ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 08:01
އެމްޑީޕީގެ އިޤްތިޞާދީ ކޮމިޓީގެ ނައިބު މުޤައްރިރު އިބްރާހިމް އަމީރު
އެމްޑީޕީގެ އިޤްތިޞާދީ ކޮމިޓީގެ ނައިބު މުޤައްރިރު އިބްރާހިމް އަމީރު
ރާއްޖެއެމްވީ
އިޤްތިޞާދު
އިޤްތިޞާދު ބައްޓަން ކުރަން ޖެހޭނީ ބޭރުގެ ފިއްތުމާއި ނުފޫޒު ނާންނަ ގޮތަކަށް: އަމީރު
ބޮޑެތި ލޯނުތައް ރާއްޖެއަށް ދެނީ ނުފޫޒު ފޯރުވުމުގެ ބޭނުމުގައި
ދައުލަތުގެ ބަޖެޓާއި މެދު ބޮޑެތި ކަންބޮޑުވުން
ޗައިނާ އާއިއެކު ހަދާ އެއްބަސްވުމަށް ބޮޑު ފާޑު ކިޔުމެއް

އިޤްތިޞާދު ބައްޓަން ކުރަން ޖެހޭނީ ބޭރުގެ ފިއްތުމާއި ނުފޫޒު އެހާވަރަށް ނާންނަ ގޮތަކަށް ކަމަށް އެމްޑީޕީގެ އިޤްތިޞާދީ ކޮމިޓީގެ ނައިބު މުޤައްރިރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ 'ބޮޑު ސުވާލު' ޕްރޮގްރާމްގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ލޯނު ނެގުމަކީ މައްސަލައެއް ނޫން ކަމަށާއި، އެކަން މައްސަލައަކަށް ވަނީ ހައްދުފަހަނައަޅައި، ޤައުމުގެ މިނިވަންކަން ގެއްލޭ ހިސާބުން ކަމަށެވެ. އަދި ބޮޑެތި ލޯނުތައް ނަގައިގެން އެނުދެއްކި، ޤައުމު ބަނގުރޫޓުވެއްޖެނަމަ ލޯނު ދޭ ޤައުމުތަކާއި ތަންތަނުން ބުނާ ގޮތް ހަދަން މަޖުބޫރުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ބޭރުގެ ބައެއް ފަރާތްތަކުން ބޮޑެތި ލޯނުތައް ރާއްޖެއަށް ދެނީ ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ.

"ރާއްޖެއަކީ ކުޑަ ޤައުމެއްވިޔަސް، އާބާދީ މަދު ޤައުމެއްވިޔަސް، އަޅުގަނޑުމެންނަކީވެސް ޤައުމެއް. އަޅުގަނޑުމެންނަށް ވެސް ޔުނައިޓެޑް ނޭޝަންސްގައި ވޯޓު އެބަދެވޭ. ސިޔާސީ ބަރުދަނެއް ވެސް އެބަހުރި. އެހެންވީމާ އަޅުގަނޑުމެންގެ އެބާރު އެބަ ބޭނުންވޭ (އެހެން ޤައުމުތަކުން). ޗައިނާގެ ވެސް ހަޤީޤީ ބޭނުމަކަށް ވާނީ އެކަން"، އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިސަރުކާރުގެ ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ ކަމަށެވެ. މެނިފެސްޓޯގައި ހިމެނި އެއްވެސް ކަމެއް ނުވީމާ ކުއްލިއަކަށް އެންމެ ފަހު އަހަރު ފްލެޓްވެސް އަޅަން ވެއްޖެކަމަށް އަމީރު ވިދާޅުވިއެވެ. އަދި ފައިދާ ވެސް ނުވާ ކުންފުނިތައް ވެސް ހިމެނޭ ގޮތަށް ސަރުކާރުގެ ކުންފުނިތަކުން ފްލެޓް އަޅަން އުޅެނީ މެނިފެސްޓޯގައި ބުނި އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށްދެވިފައިނުވާއިރު، 2018ވަނަ އަހަރަކީ އިންތިޚާބު އޮންނަ އަހަރުކަމަށްވާތީ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އަންނަ އަހަރު އަނެއްކާ ވެސް ރާއްޖެއަށް ޑިމޮކްރެޓިކް ސަރުކާރެއް އަންނާނެ ކަމަށާއި، ދުނިޔޭގެ ޤައުމުތަކުން މިހާރު ރާއްޖެއާއިމެދު ދެކެމުން އަންނަ ގޮތް އޭރުން ބަދަލުވެގެންދާނެ ކަމަށެވެ. އަދި ޗައިނާއާއިއެކު ހެދޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މިސާލު ނަންގަވަމުން އަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ތެރެއިން މިހާރު ނިންމާ ނިންމުންތަކަކީ ޤާނޫނާއި ޚިލާފް ނިންމުންތަކެއްކަން ޗައިނާއަށާއި އެހެން ޤައުމުތަކަށް ވެސް އެނގޭނެ ކަމަށެވެ. އަމީރު ވިދާޅުވީ ޤާނޫނީ އިމުގެ ތެރެއިން އުޞޫލުތަކާއި އެއްގޮތަށް ޗައިނާއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެހެން ނަމަވެސް މިހާރު އެކަން އެކުރަނީ ޤާނޫނީ އިމުގެ ބޭރުން ކަމަށެވެ. އަދި ޗައިނާ ވެސް ބޭނުންވާނީ ޤާނޫނީ އިމުގެ ތެރެއިން ކަންކަން ގެންދަން ކަމަށާއި، ދެން އަންނަ ވެރިކަމަކަށް ޗައިނާއިން އެފުރުސަތު ދޭނެކަމަށް ޤަބޫލުކުރައްވާ ކަމަށް އަމީރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް