ކ. މާލެ
|
5 ޑިސެންބަރ 2017 | އަންގާރަ 10:13
ދައުވާ ލިބޭ 12 މެމްބަރުން ކްރިމިނަލް ކޯޓު ކައިރި
ދައުވާ ލިބޭ 12 މެމްބަރުން ކްރިމިނަލް ކޯޓު ކައިރި
މުހައްމަދު ޝަރުހާން
މަޖިލިސް މެންބަރުން
12 މެންބަރުންނަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު ފަހު
ދައުވާ އުފުލާފައިވަނީ ފުލުހުންގެ ސަފުތައްފަޅާލައި މަޖިލީހަށް ވެންނެވި ކަމަށްބުނެ
މެމްބަރުންނަށް ވަކީލުން އައްޔަންކުރަން ފުރުސަތުދީފައިވޭ
އިދިކޮޅުފަރާތްތަކުން ބުނަނީ މެމްބަރުންނަށް މަޖިލީހަށް ވަނުމަށް ހުރަސް ނޭޅޭނެ ކަމަށް

ސަރުކާރާ އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު ފަހު ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މައުލޫމާތު ދީފައިވާ ގޮތުގައި މި އަޑުއެހުން އޮންނާނީ މިއަދު މެންދުރުފަހު 3.00 ގަ އެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލައާ ގުޅިގެން 12 މެމްބަރެއްގެ މައްޗަށް ދައުވާކޮށްފައިވަނީ ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލިސްކުރާގެއަށް ވެންނެވި ކަމަށް ކުރާ ތުހްމަތުތަކާ ގުޅުވައިގެންނެވެ. އަދި އޭގެ ތެރެއިން ބައެއް މެމްބަރުންގެ މައްޗަށް ވަނީ މެމްބަރުންކަން ގެއްލިފައިވަނިކޮށް ވެންނެވި ކަމަށްބުނެވެސް ދައުވާ އުފުލާފަ އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް މިދިޔަ ބުދަ ދުވަހަށް ތާވަލުކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ. އެހެން ނަމަވެސް އެ ދުވަހުގެ ޖަލްސާވަނީ ފަހު ވަގުތު ކެންސަލްކޮށްފަ އެވެ. 

ދައުވާ ކޮށްފައިވާ 12 މެމްބަރުންނަކީ

1 ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު

2 ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް

3 ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)

4 ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ

5 ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

6 ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން

7 ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)

8 މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު

9 ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް

10 މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު

11 ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން

12 ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު

މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. މީގެ ތެރެއިން ސައުދާއި، ވައްޑެގެ އިތުރުން އަމީތުގެ މައްޗަށް ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެ ތިން މެންބަރުންނަށް އެ ދައުވާ ކޮށްފައި ވަނީ މަޖިލިސް މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް މަޖިލީހަށް ވަން ކަމަށް ބުނެ އެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހު މެންބަރުންތައް މަޖިލީހަށް ވަނުމާ އެކު ފުލުހުންނާއި ސިފައިން ވަދެ މެންބަރުންތައް ވަނީ ނެރެފަ އެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެގޮތަށް ސިފައިންނާއި ފުލުހުން ވަދެ މެންބަރުން ނެރުނު ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުން މަޖިލިސްކުރާގެއަށް ވެންނެވި ކަމަށް ބުނާ މައްސަލާގައި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ހެއްކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު އިދިކޮޅު އިއްތިހާދުން ވަނީ ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް