ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 23:52
ހދ. ކޭލަކުނު
ހދ. ކޭލަކުނު
ބްލޫ ޕީސް
ކޭލަކުނު
ކޭލަކުނު ހިމާޔަތް ކުރުމަށް ފަންނީ ތަޖުރިބާކާރުންގެ ޓީމަކުން 2001 ވަނަ އަހަރު ދިވެހި ސަރުކާރަށް ގޮވާލާފައިވޭ!
ކޭލަކުނަކީ ދުނިޔޭގައިވެސް އެފަދަ ދެވަނައެއް ނުވާފަދަ ތަފާތު ރަށެއްކަން ފާހަގަކޮށްފައިވޭ
އެރަށުގައި އޮތް ބަރު ގަހުގެ ޖަންގައްޔަކީ ދުނިޔޭގައިވެސް މަދުން ނޫނީ ނެތްފަދަ ތިމާވެށީގެ މުހިންމު ސަރަހައްދެއް
ފުޅާމިނުގައި 50 ސެންޓިމީޓަރު އަދި ދިގުމިނުގައި 15 މީޓަރު ހުރި ބަރު ގަސް ކޭލަކުނުން ފާހަގަވެފައިވޭ

ހދ. ކޭލަކުނު ހިމާޔަތް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައި، އިންޓަރނޭޝަނަލް ސޮސައިޓީ ފޯ މެންގްރޫވް އީކޯސިސްޓަމްސް (އައިއެސްއެމްއީ) އިން 2001 ވަނަ އަހަރު ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ސިޓީގެ ކޮޕީއެއް ރާއްޖެޓީވީ އަށް ލިބިއްޖެ އެވެ.

ފަތުރުވެރިކަމަށް ހދ. ކޭލަކުނު ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި ގުޅިގެން، ތިމާވެށީގެ ގޮތުން ކޭލަކުނުގެ މުހިއްމުކަން ހާމަކޮށްދިނުމަށް ރާއްޖެ ޓީވީ އިން ހޭލުންތެރިކުރުމުގެ ޚާއްސަ ކެމްޕޭނެއް ފަށާފައިވަނިކޮށް ލިބުނު މިސިޓީގައި ކޭލަކުނަކީ ދުނިޔޭގައިވެސް އެފަދަ ދެވަނައެއް ނުވާފަދަ ތަފާތު ރަށެއްކަން ފާހަގަކޮށްފައިވެއެވެ.

ޖަޕާނުގެ ފަންނީ ތަޖުރިބާކާރުންގެ ޓީމަކުން ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ހދ. ކޭލަކުނު އަދި ހއ. ބާރަށުގެ މެންގްރޫވްތައް ދިރާސާ ކުރުމަށްފަހު ދިވެހި ސަރުކާރަށް 2001 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ވަނީ، ހދ. ކޭލަކުނަކީ ރާއްޖޭގައި އޮތް އެންމެ ފުރިހަމަ މެންގްރޫވް ފޮރެސްޓް ކަމަށާއި، އެރަށުގައި އޮތް ބަރު ގަހުގެ ޖަންގައްޔަކީ ދުނިޔޭގައިވެސް މަދުން ނޫނީ ނެތްފަދަ ތިމާވެށީގެ މުހިންމު ސަރަހައްދެއް ކަމަށެވެ.

އެގޮތުން ހދ. ކޭލަކުނުގެ ދިރާސާއިން، އެރަށުގައި އޮތް ޗަސް ބިމުގެ ދިރުންތަކުގެ ތެރެއިން ބަރު ގަހުގެ ބިޔަ ޖަންގަލީގައި، ފުޅާމިނުގައި 50 ސެންޓިމީޓަރު، އަދި ދިގުމިނުގައި 15 މީޓަރު ހުރި ބަރު ގަސް ފާހަގަވެފައިވާ ކަމަށް އެސިޓީގައިވެއެވެ. އަދި ބަރު ގަހުގެ ހިތްގައިމު އެޖަންގައްޔަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތިމާވެށީގެ މުހިންމު ސަރަހައްދެއް ކަމަށާއި، ބަރު ގަހުގެ ހިތްގައިމު އެޖަންގަލި ނެތިހިނގައްޖެނަމަ، އިއާދަނުކުރެވޭނެ ގެއްލުމެއް ލިބިގެންދާނެ ކަމަށް އައިއެސްއެމްއީން ސަރުކާރަށް ފޮނުވާފައިވާ ސިޓީގައިވެއެވެ.

އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރމަންޓާއި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަށް ފޮނުވާފައިވާ އެސިޓީގައި، ރާއްޖޭގެ މެންގްރޫވް ރިޒާވެއްގެ ގޮތުގައި އެތަން ކުރިއަށް އޮތް ޖީލުތަކަށް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ގޮވާލާފައިވެއެވެ.

2001 ވަނަ އަހަރު އައިއެސްއެމްއީގެ ފަންނީ ތަޖުރިބާކާރުންގެ ޓީމަކުން ހދ. ކޭލަކުނު ދިރާސާ ކުރުމަށްފަހު ދިވެހި ސަރުކާރަށް ފޮނުވާފައިވާ ސިޓީ

ކޭލަކުނުގެ ބިމުގެ ބޮޑުބަޔަކީ ޗަސްބިމެވެ. އަދި އެރަށުގައި ރާއްޖޭގެ އެހެން ރަށްރަށުން ނުފެންނަ ގިނަ ޒާތްޒާތުގެ ގަސްތައް ހެދިފައިވެއެވެ. ރާއްޖޭގެ ކަނޑޫފާ ސަރަހައްދުތަކުން އެއް ސަރަހައްދަކުން އެންމެ ގިނަ ބާވަތްތައް ހެދިފައިވަނީ ކޭލަކުނުގައެވެ. ކޭލަކުނުގައި މީގެ 200 ވަރަކަށް އަހަރު ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެހެން ނަމަވެސް ވަރުގަދަ ތޫފާނެއްގައި އެރަށް އެއްކޮށް ސުންނާފަތި ވުމުން، އެރަށުގެ މީހުން އެހެން ރަށްރަށް ބަދަލުކުރީކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ތިމާވެށީގެ ގޮތުން ފާހަގަ ކޮށްލެވޭފަދަ ގުދުރަތީ ދިރުންތަކެއް ލިބިފައިވާ ހދ. ކޭލަކުނު ފަތުރުވެރިކަމަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާތީ ގިނަ އަދަދެއްގެ ބަޔަކު ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިއާގައި ކޭލަކުނު ޓޫރިޒަމަށް ދޫކުރުމާއި ދެކޮޅަށް އަޑުއުފުލަމުންދާއިރު، އެމީހުން ބުނަމުންދަނީ އެރަށް މިހާރު އޮތް ގޮތަށް ބޭއްވުމަށެވެ. އަދި ހދ އަތޮޅުގެ އެހެން ރަށްތައްވެސް ހުރިކަން ފާހަގަކޮށް، އެހެން ރަށެއްގައި ފަތުރުވެރިކަން ތަރައްޤީކޮށް ހދ. އަތޮޅަށް ޓޫރިޒަމް ގެނައުމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރާއްޖޭގައި މިވަގުތު އޮތް 'ޖަންގައްޔެއް'ގެ ސިފަ ލިބިގެންދާ ހަމައެކަނި ރަށަކީވެސް ކޭލަކުނެވެ. މިރަށުގައި ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ 'ބަރު' ގަސް ހުރިއިރު، މިއީ ރާއްޖޭގައި ބަރު ގަހުގެ ޖަންގައްޔެއް އޮންނަ ހަމައެކަނި ރަށެވެ.

ސޯޝަލް މީޑިއާގައި ކޭލަކުނު ކުއްޔަށް ދިނުމާއި ދެކޮޅަށް ޝުޢޫރުފާޅުކުރަމުންދާ ބައެއް ފަރާތްތަކުން ބުނަމުންދަނީ ތަރައްޤީގެ ނަމުގައި ނާޒުކުރު ތިމާވެށި ހަލާކުކުރުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫންކަމަށެވެ. ގާމަތީ ރަށެއްކަމަށްވާ ކޭލަކުނަކީ އަރާފައިބަން ދަތި ރަށެކެވެ. އަދި މި ރަށުގައި ކަނޑޫފަލުގައި ހެދޭ 5 ބާވަތެއްގެ އިތުރުން އެހެން ގިނަ އަދަދެއްގެ ގަސްގަހާ ގެހި ހެދިފައިވެއެވެ. ކޭލަކުނުގެ ޗަސްބިމުގައި ހެދިފައި ހުރި ބާވަތްތަކަށް ބަލާއިރު ބަރު ގަހުގެ އިތުރުން ތަކަފަތި، ކަނޑޫ އަދި ތެލަ ފާހަގަކުރެވިފައިވާކަމަށް ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްކަމަށްވާ ބްލޫޕީސްއިން ބުނެއެވެ. މީގެ އިތުރުން އިކޯ ކެއަރ އާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެހެން ޖަމްއިއްޔާތަކުން ގެންދަނީ ކޭލަކުނު ފަތުރުވެރިކަމަށް ދޫކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް