ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 19:39
މައްސަލަ ޖެހުނު ކަމަށް ބުނާ ބެޗްގެ ފެން ފުޅިއެއް
މައްސަލަ ޖެހުނު ކަމަށް ބުނާ ބެޗްގެ ފެން ފުޅިއެއް
ސިމާހާ ނަސީމް
ލައިފް ފެން
އަޅުގަނޑުމެންގެ ފެކްޓްރީ އިން އުފައްދާ ފެން ފުޅީގައި އެއްވެސް މައްސަލައެއް ނޫޅޭނެ: އައިބީސީ
އެމްއެފްޑީއޭ އިން ބުނީ ބެޗް 447، 500 އެމްއެލްގެ ފެންފުޅިތަކުން ކަޅު ކުލައިގެ ކުނޑިތަކެއް ފެނިފައިވާ ކަމަށް
އެކަން ހިއްސާކޮށް، އެކަމުގެ މައުލޫމާތު ހޯދާފައި ނުވާތީ އިހްސާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި
ކޮންމެ ބެޗެއް ވެސް ބާޒާރަށް ނެރުމުގެ ކުރިން އެމްއެފްޑީއޭގެ ލެބޯޓަރީން ޓެސްޓްކޮށް ހުއްދަ ދޭ

އިންޓަނޭޝަލް ބެވަރޭޖްސް ކުންފުނިން (އައިބީސީ) އިން އުފައްދާ "ލައިފް" ފެންފުޅީގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް ހެޕީ މާރކެޓްގެ ސީއޯ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހޯމަ ދުވަހު ނެރުނު ބަޔާނާ ގުޅިގެން އިހުސާން ވިދާޅުވީ ކޮންމެ ބެޗެއްގެ ވެސް ފެންފުޅި ބާޒާރަށް ނެރުމުގެ ކުރިން އެމްއެފްޑީއޭގެ ލެބޯޓަރީން ޓެސްޓްކޮށް، އެ ތަނުން ހުއްދަ ދިނުމުން ނޫނީ ފެންފުޅިތައް ބާޒާރަށް ނުނެރޭ ކަމަށެވެ. އަދި އެމްއެފްޑީއޭ އިން ކޮންމެ ބެޗެއްގެ ވެސް ޓެސްޓްތައް ހަދަނީ ރައްކާތެރިކަމާއި ކޮލެޓީ ހިފަހައްޓަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެފްޑީއޭ އިން އެގޮތަށް ބަޔާން ނެރެފައިވާއިރު އެ އިދާރާ އިން އެ ކުންފުންޏާ އެކަން ހިއްސާކޮށް، އެކަމުގެ މައުލޫމާތު ހޯދާފައި ނުވާތީ އިހްސާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން އުފައްދާ ކޮންމެ ބެޗެއްގެ ވެސް ފެން ފުޅިތަކުގެ ގިނަވެގެން ދެ ފުޅި ސާމްޕަލްގެ ގޮތުގައި، އައިއެސްއޯގެ ސްޓޭންޑަޑްގެ ދަށުން އެއް އަހަރު ވަންދެން ބަހައްޓަން ޖެހޭކަން ފާހަގަކުރައްވައި އިހްސާން ވިދާޅުވީ އެމްއެފްޑީއޭ އިން މައްސަލަ އުޅޭ ކަމަށް ބުނާ "ބެޗް 447"ގެ ސާމްޕަލް ދެ ފުޅި އަދިވެސް އެބަހުރި ކަމަށެވެ. އަދި އެމްއެފްޑީއޭ އިން އެ ބެޗްގެ ފުޅިތަކުގެ ސާމްޕަލް ބަލަން ފެކްޓްރީއަށް ގޮސްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައިބީސީ އިން އުފައްދާ ކޮންމެ ބެޗެއް ވެސް ހަފްތާއެއްގެ ތެރޭގައި މާލޭއިން ވިކި ހުސްވާ ކަމަށާއި އަދި ރަށްރަށުގައި ވިއްކާ އެ ބެޗްގެ ފެންފުޅިތައް ގިނަވެގެން ދޮޅުމަސް ދުވަހުގެ ތެރޭގައި ހުސްވާ އިރު އެމްއެފްޑީއޭ އިން އޮކްޓޯބަރު މަހު އުފެއްދި ބެޗްގައި މައްސަލަ އުޅޭ ކަމަށް ބުނަންވީ ސަބަބެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށް އިހްސާން ވިދާޅުވިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައި ވަނީ އޮކްޓޯބަރު މަހުގައި އުފައްދާފައިވާ ބެޗް 447ގެ 500 އެމްއެލްގެ ފެންފުޅިތަކުން ކަޅު ކުލައިގެ އެއްޗެއް ފެނިފައިވުމާ އެކު އެ ފެން ނުވިއްކުމަށް އިލްތިމާސްކުރާ ކަމަށެވެ. 

    

  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 ޑިސެންބަރ 2017 | އަންގާރަ 21:58
އައިބީސީ އިން
ރަލުގައިވެސް ނޫޅޭމައްސަލައެއް ބޯމީހުންގެ އުޅެނީ މައްސަލައެއް