ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 01:44
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު
މިހާރު
މުހައްމަދު ޝިފާޒު
ޗައިނާގެ ނުފޫޒު މި ރާއްޖޭގައި ބޮޑު ވެދާނެ: ޝިފާޒް
އެއްބަސްވުން ފާސްކުރީ އެ ހުށައެޅިތާ ގާތްގަނޑަކަށް ފަސް މިނެޓު ތެރޭގައި ކަމަށް ވިދާޅުވި
އެގްރިމެންޓުގައި ވާއެއްޗެއް އޭގާއި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ވެސް އެނގި ނުލައްވާ
ރާއްޖޭގެ ވިޔަފާރިތައް ދިވެހި ވިޔަފާރިވެރިންގެ އަތުން ބީވެދާނެ

ޗައިނާއާ އެކު ގާއިމުކުރާ ވިޔަފާރީގެ އެއްބަސްވުމަކީ އާ ޗައިނާއެއް ރާއްޖޭގައި އުފެދި ޗައިނާގެ ނުފޫޒު މި ރާއްޖޭގައި ބޮޑުވެދާނެ ކަމެއް ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

އިދކޮޅު އިއްތިހާދުން އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖޭގައި ބޭރުގެ ފަރާތްތަކުން ވިޔަފާރި ކުރި ކަމަށާއި އޭރު ރާއްޖޭގައި ހުރި އެންމެ ބޮޑު ވިޔަފާރި ވެރިޔާއަށް ޖެހުނީ ރާއްޖެ ދޫކޮށް ހިޖުރަކުރަން ކަމަށެވެ. ޝިފާޒު ވިދާޅުވީ ދިވެހި ތާރީޚުގައި ފެނިގެންދިޔައީ ރައްޔިތުން އެތައް ގުރުބާނީތަކެއްވެ، ރާއްޖެ ސަލާމަތް ކުރި ތަން ކަމަށާއި އެހިސާބަށް ރާއްޖެ ނުދަނީސް މި ރާއްޖެ ސަލާމަތް ކުރަންޖެހޭ ކަމަށެވެ.

ޝިފާޒު ވިދާޅުވީ އެއީ ޗައިނާއަށް ރާއްޖެ ވިއްކާލުމަށް ވެވޭ އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުން ފާސްކުރީ އެ ހުށައެޅިތާ ގާތްގަނޑަކަށް ފަސް މިނެޓް ތެރޭގައި ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިކަން ކުރަން އުޅުއްވީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.

އެގްރިމެންޓްގައި ވާއެއްޗެއް އޭގާއި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ވެސް އެނގި ނުލައްވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ. ޝިފާޒު ވިދާޅުވީ ފަސްމިނެޓް ތެރޭގައި  ފާސްކޮށް ނިންމާލީ ރައްޔިތުން އެކަމާ ނުރުހުންވެ، ރައީސް ޔާމީންގެ ވެރިކަމުން އަޒުލުކުރުމަށް ފާޅުގައި ނިކުމެފާނެތީ ކަމަށެވެ.

"ބައްލަވާ އަޅުގަނޑުމެންގެ ޕާޓީތަކުން މިދަނީ މި އެއްބަސްވުން ދިރާސާ ކުރަމުން. މި އެއްބަސްވުން ބޮޑުކަމުން އަޅުގަނޑުމެންނަށް އަދިވެސް މި އެއްބަސްވުން ދިރާސާކޮށް ނުނިމޭ،" ޝިފާޒު ވިދާޅުވިއެވެ.

ޗައިނާ އާއި ރާއްޖޭގެ ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރާ ހިސާބުން ރާއްޖޭގެ ވިޔަފާރިތައް ދިވެހި ވިޔަފާރިވެރިންގެ އަތުން ބީވެ ސީދާ ޗައިނާގެ ވިޔަފާރިވެރިންގެ އަތްމައްޗަށް ބަދަލުވެގެންދާ ތަން ފެނިގެންދާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ އިގުތިސާދު އިނދަޖެހި ރާއްޖޭގެ ވިޔަފާރިވެރިން ބޭރުވެ ރާއްޖޭގައި ޗައިނާގެ ވިޔަފާރިވެރިން އަތްގަދަކުރާތަން ކަމަށް ޝިފާޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް