ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 13:43
އެޗްއާރުސީއެމްގެ ރައީސް އީނާސް
އެޗްއާރުސީއެމްގެ ރައީސް އީނާސް
ރައީސް އޮފީސް
އެޗްއާރުސީއެމް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްޙީ ފަރުވާ ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރަން ޖެހޭ: އެޗްއާރުސީއެމް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ބޭސް ލިބުމުގެ ދަތިކަން އެބަހުރި
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުވާ ދޭ ޑޮކްޓަރުން އިތުރު ކުރަން ޖެހޭ
އަތޮޅުތަކުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްޙީ ފަރުވާ ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ. 

ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި އަތޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ މައްސަލަތައް ހިމެނޭ ކަމަށެވެ.

އެގޮތުން އެފަދަ ފަރާތްތައް ގަވާއިދުން ބޭނުން ކުރަން ޖެހޭ ބައެއް މުހިންމު ބޭސް ރަށްރަށުން ލިބެން ނުހުންނަ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

ހާއްސަ ގޮތެއްގައި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޑޮކްޓަރަށް ދެއްކުމުގައާއި ބޭސް ހޯދުމުގައި ދިމާވާ ދަތިތައް ހިމެނޭކަން އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި މިކަމުގެ ސަބަބުން އެ ފަރާތްތަކަށް ސިއްޙީ ފަރުވާ ހޯދުމުގައި ނުހަނު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

މީގެއިތުރުން، ޢާއިލާއާއި ދައުލަތުގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަން ނުލިބޭކަމަށް ބުނެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައްވެސް ހިމެނޭ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. 

އެހެންކަމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު ވީހާވެސް ގާތުން ސިއްހީ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސަން ޖެހޭ ކަން އެޗްއާރުސީއެމް އިން ވަނީ ފާހަގަ ކޮށްފައެވެ. ޚާއްސަ ގޮތެއްގައި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ނަފްސާނީ ނުކުޅެދުންތެރިކަން ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމާއި ބޭސް ހޯދުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަންޖެހޭ ކަމަށް އެޗްއާރުސީއެމް އިން ވަނީ ބުނެފައެވެ. 

އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގައި، ކައުންސިލްތަކުގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް، ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލު ގަވައިދުން ބެލޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހެއެވެ. 

ހަމައެހެންމެ އެފަރާތްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރުމަށް އެޗްއާރުއސީއެމް އިން ވަނީ  ކައުންސިލްތަކަށް އިލްތިމާސް ކޮށްފައެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ  ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުގެ ބައެއްގެ ގޮތުގައި ހެދުމަށް ދައުލަތުން މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، 'އެއްވެސް މީހަކު ބާކީ ނުކުރާ ސިޔާސަތު' ގެ ތެރެއިން ޙައްޤުތައް ލިބިގަތުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ނައްތާލުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް މިހާރަށް ވުރެ އިތުރުކުރަން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ދެނެގަނެ،  އެހެން މީހުންނެކޭ އެއްފަދައިން އެފަރާތްތަކަށް ވެސް މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވެވޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރަން ޖެހޭކަން އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. 

މިއަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޝިއާރު ބިނާވެފައިވަނީ އެންމެންގެ ޝާމިލުވުމުން ހިމެނޭ ދެމެހެއްޓެނިވި އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މައްޗަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް