ސްރީ ލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
ލަންކާ އަދި އިންޑިޔާ ހިސާބަށް މިސްރާބު ޖަހާފައިވާ މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައި މިވަނީ ކޮޅިގަނޑުގެ މެދުތެރެ ތޫފާނަކަށް ބަދަލުވެދާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން މީގެ ކުރިން ވިދާޅުވެފައި ވަނިކޮށެވެ.
ނަމަވެސް ކޮޅިގަނޑުގެ ބާރުގަދަވަމުން ދާތީ ރާއްޖޭގެ ސަރަހައްދަށް ކޮޅިގަނޑުގެ ވިލާތައް އަރާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އަދި ކުރިއަށް އޮތް 12 ގަޑި އިރުވެސް ރާއްޖެއަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެކަމަށް ލަފާ ކުރެވެއެވެ.
މި ވިއްސާރައިގެ ސަބަބުން ހއ.އަތޮޅުން ފެށިގެން ކ.އަތޮޅާއި ދެމެދު މިއަދު މެންދުރު 15:00 އިން މިރޭ 19:00 އާއި ހަމައަށް ޔެލޯ އެލާޓް ވަނީ ނެރެފައެވެ.
މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
މި ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބޭނުން ކުރާ މޯލްޑިވިއަންގެ ފްލައިޓްތަކުގެ ބައެއް ދަތުރުތައް ވަނީ ކެންސަލް ކޮށްފައެވެ. އަދި ލަންކާއަށް ކުރުމަށް ހަމަޖެހިފައިވާ ބައެއް އެއާލައިންތަކުގެ ދަތުރުތައް ވެސް ވަނީ ކެންސަލް ކޮށްފައެވެ.
މި ވިއްސާރާގައި ލަންކާއަށާއި ރާއްޖެއަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އެގޮތުން ލަންކާއަށް މިހާރު ކުރަމުންދާ މި ވިއްސާރައިގައި މިހާތަނަށް 4 މީހަކު މަރުވެ 23 މީހަކު ވަނީ ގެއްލިފައެވެ. އަދި ރާއްޖޭގެ ބައެއް ރައްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންވެފައެވެ.
މި ކޮޅިގަނޑުގެ ސަބަބުން އަވައްޓެރި ސްރީލަންކާއަށް ވަނީ އިތުރު 12 ގަޑިއިރަށް ރެޑް އެލާޓް ނެރެފައެވެ.