ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 14:48
މީގެކުރިން ކަނޑުމަތީގައި ހިނގާފައިވާ ހާދިސާއެއްގައި ދޯންޏެއް ދިޔަވެ އަޑިއަށް ދަނީ
މީގެކުރިން ކަނޑުމަތީގައި ހިނގާފައިވާ ހާދިސާއެއްގައި ދޯންޏެއް ދިޔަވެ އަޑިއަށް ދަނީ
އެމްއެންޑީއެފް
ކަނޑުމަތީގެ ހާދިސާ
މާލެއިން ފުރައިގެން ތާޖް ކޮރަލް ރީފަށް ދަތުރުކުރި ދޯންޏެއް އަޑިއަށް ހިގައްޖެ
ކަނޑުމަތީ 14 ހާދިސާއެއް ހިނގާފައިވޭ
ކަނޑުމަތީ ހާދިސާއެއް ހިނގައިފި ނަމަ 191 އަށް ގުޅުއްވާ
އެމްއެންޑީއެފުން އޮތީ ތައްޔާރީ ހާލަތުގައި

މާލެއިން ފުރައިގެން މާލެ އަތޮޅު ތާޖު ކޮރަލް ރީފަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައި ވަނީ ބުރާސްފަތި ދުވަހުގެ 10:10 ހާއިރު ކަމަށެވެ. 

މި ހާދިސާ ހިނގާފައިވަނީ ތާޖު ކޮރަލް ރީފަށް ދަތުރުކުރި "ޒޯރޯ 4" ނަމަކަށް ކިޔާ ދޯނި މޫސުން ގޯސްވުމުގެ ސަބަބުން ތާޖު ކޮރަލް ރީފް ކައިރީގައި އޮތް ދޮންވެލި ގަނޑަކަށް ބީހުމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާ ހިނގިއިރު، އެ ދޯނިން ދިވެއްސަކާއި ދެ ބިދޭސީއަކާއެކު ޖުމްލަ ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފް ބުނެއެވެ. 

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މައުލޫމާތު ތާޖު ކޮރަލް ރީފް ރިސޯޓަށް ލިބުމާއެކު އެރިސޯޓުން ފޮނުވި ލޯންޗެއްގެ އެހީގައި އެ ދޯނިން ދަތުރުކުރި މީހުން ސަލާމަތް ކޮށް، އެ ރިސޯޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. 

އެމްއެންޑީއެފުން ބުނީ އެ ދޯނި މިހާރު އޮތީ ދޯނި ބީހުނު ދޮންވެލި ގަނޑު ކައިރިއަށް އަޑިއަށް ގޮސްފަ ކަމަށެވެ. 

އެމްއެންޑީއެފުން ބުނީ މިހާރު ރާއްޖެއަށް މޫސުން ގޯސްވެ، ކުރާ ވިއްސާރައާ ގުޅިގެން ކަނޑުމަތީގެ 14 ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. 

އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ކަނޑުމަތީ ހާދިސާއެއް ހިނގައިފި ނަމަ އެމްއެންޑީއެފްގެ ނަމްބަރު 191 އަށް ގުޅުމަށް އެދޭ ކަމަށެވެ. 

އެމްއެންޑީއެފުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައިވާ ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ސެންޓަރުތައް ތައްޔާރީ ހާލަތުގައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް