ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 13:52
މަހްފޫޒު ސައީދު "ފަނޑިޔާރުގެ" ޕްރޮގުރާމްގައި ވާހަކަ ދައްކަވަނީ:-
މަހްފޫޒު ސައީދު "ފަނޑިޔާރުގެ" ޕްރޮގުރާމްގައި ވާހަކަ ދައްކަވަނީ:-
ސިމާހާ ނަސީމް
މަހްފޫޒު ސައީދު
ޝަރުއީ ދާއިރާ އިސްލާހް ކުރަން ބޭނުންނަމަ އަބްދުﷲ ސައީދު މަގާމުން ދުރުކުރަން ޖެހޭ: މަހްފޫޒު
ފަނޑިޔާރުން މަސައްކަތް ކުރައްވަނީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ތިބެ
ރައްޔިތުންގެ އިތުބާރު ހޯދުމަށް ޝަރުއީ ދާއިރާއިން މަސައްކަތެއް ނުކުރޭ

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހް ކުރުމަށްޓަކައި މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެ މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދިން "ފަނޑިޔާރުގެ" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މަހްފޫޒު ވިދާޅުވީ ފަނޑިޔާރުގޭގައި ހުރި މައްސަލަތައް ހައްލުކޮށް ފަނޑިޔާރުގެއާމެދު ރައްޔިތުންގެ އިތުބާރު ހޯދުމަށް އަބްދުﷲ ސައީދު މަގާމުން ދުރުކުރުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ބައެއް މީހުންގެ ނުފޫޒުގެ ދަށުވެ މަސައްކަތް ކުރައްވަނީ ވެސް މަދު ފަނޑިޔާރުންތަކެއް ކަމަށެވެ. 

"އުއްތަމަ ފަނޑިޔަރަކީ މި ހުރިހާ ދުވަހު ޖުޑިޝަރީގައި ޖެހެމުންދާ ހުރިހާ މައްސަލައެއްގެ ސަބަބޭ ދެންނެވުން ނުވާނެ ދޮގަކަށް. ކަންތައް ހިނގަމުންދިޔައީ އެމަނިކުފާނުގެ ލޯކުރިމަތީ. ބަދަލު ގެންނަވަން ބޭނުންވާ ކަމެއް ބަދަލު ކުރައްވާ ރޭގަނޑު ދަންވަރުވިޔަސް. އެހެން ނަމަވެސް އެ ބޭފުޅާ ހިތްރުހޭ ގޮތަށް ބަޔަކު ބޭނުންވާ ގޮތަށް ކަންތައް ހިނގަންޏާ އެ ހުންނަވަނީ ހަނު،" މަހްފޫޒު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުން އަބްދުﷲ ސައީދު ދުރުކޮށްގެން ނޫނީ ޝަރުއީ ދާއިރާއާ މެދު ކުރާނެ އުއްމީދެއް ނޯންނާނެ ކަމަށް ފާހަގަ ކުރައްވައި، މަހްފޫޒު ވިދާޅުވީ މިހާރުން މިހާރަށް ވެސް އެ މަގާމުން އަބްދުﷲ ސައީދު ދުރުކުރަން ޖެހޭ ކަމަށެވެ.

ފަނޑިޔާރުންނަށް ސިޔާސީ އެކި ފަރާތްތަކުގެ ނުފޫޒު އަންނަ ކަން އެއީ ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ ކަމެއް ކަމަށާއި އެކަން އެނގެނީ ބައެއް ފަނޑިޔާރުން ކުރައްވާ ހުކުމްތަކުން ކަމަށް ވެސް މަހްފޫޒު ވިދާޅުވި އެވެ.

"ސަރުކާރުން ބޭނުންވީ މިހެން ހަދަން. މާދަމާ އެ ނިކުންނަނީ އެގޮތަށް ހުކުމް. ފަނޑިޔާރުން ކަންތައް ކުރައްވަނީ ފަނޑިޔާރުން އަންގަވާ ގޮތަކަށް ސަރުކާރުގެ ނުފޫޒުގެ ދަށުގައި ތިބެގެންކަން އެބަ އިނގޭ އެ ބޭފުޅުން ކުރައްވާ ހުކުމްތަކުން. އެހެން އެކަން ހިނގާހާ ހިނދު ޝަރުއީ ދާއިރާއާމެދު އަޅުގަނޑުމެން ކުރާނެ އިތުބާރެއް، ކުރާނެ އުއްމީދެއް ވެސް ނެތް،" މަހްފޫޒު ވިދާޅުވި އެވެ.  

ސިޔާސީ އެކި ބޭފުޅުންގެ ޝަރީއަތްތައް އަވަސް ކުރާއިރު ވެސް އޭގެ ތެރެއިން ވަކި ބައެއްގެ ޝަރީއަތްތައް އަވަސްކުރާތަން ފެންނަ ކަމަށް މަހުފޫޒު ވިދާޅުވިއެވެ. 

ފަނޑިޔާރުން ރިޝްވަތު ހިފާ ކަމަށް ތުހްމަތު ކުރެވޭ މައްސަލަތައް އެބަހުރި ކަމަށް ވިދާޅުވެ މަހްފޫޒު ވަނީ ބައެއް ބޭފުޅުން ކުރައްވާފައިވާ ތުހްމަތުތައް ފާހަގަ ކުރައްވާފަ އެވެ.

 މަހްފޫޒު ވިދާޅުވީ އެންމެ ފުރިހަމަ ޝަރުއީ ނިޒާމެއް އެއްވެސް ތާކު ނެތް ކަމަށާއި އެހެން ނަމަވެސް އިންސާފު ލިބިދޭ ކަމަށް ގަބޫލުކުރާ ގައުމުތަކުގައި އަބަދުވެސް ކަންކަން އިސްލާހްކުރަން މަސައްކަތް ކުރާ ކަމަށެވެ. އެއާ ހިލާފަށް ރާއްޖޭގައި އެ މަސައްކަތް ކުރަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

 މަހްފޫޒު މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ޝަރުއީ ދާއިރާގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް އެކަންކަން އިސްލާހް ކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައި އޭނާ ވަނީ ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް