ސްރީލަންކާގެ ހުޅަނގަށް އެރި ބާރުގަދަ ކޮޅިގަނޑު މަޑުމަޑުން ހުޅަނޑު އުތުރަށް ޖެހުމުންދާ ކަމަށާއި އޭގެ ވިލާތައް ރާއްޖެމައްޗަށް ވެސް އަރަމުންދާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ހާމަކޮށްފި އެވެ.
މެޓް އޮފީހުން ބުނީ، މިކޮޅިގަނޑާ ގުޅިގެން، ކުރިއަށް އޮތް 12 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއި އެކު ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހެމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.
މިކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވަމުންދާ ކަމަށާއި މިސްރާބު ހުރީ ސްރީލަންކާ އާއި ދެކުނު އިންޑިޔާގެ ހުޅަނގު އުތުރުން އަރަބި ކަނޑަށް ދަތުރު ކުރާ ގޮތަށް ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ހާއްސަކޮށް ދަތުރުވެރިންނާއި މަސްވެރިން ކަނޑުތަކަށް ނުކުތުމުގައި ވަރަށް ބޮޑަށް ސަމާލުވެ، މޯލްޑިވްސް ކޯސްޓް ގާޑު އަދި މެރިން ޕޮލިސްގެ ލަފާ ހޯއްދަވައިގެން ދަތުރުކުރުމަށް އެދޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.
މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ހާމަކޮށްފައިވާ އިރު ހއ އަތޮޅުން މ އަތޮޅާއި ދެމެދުގެ ސަރަހައްދަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
މިހާރު މިކުރާ ވިއްސާރައާއި ގުޅިގެން ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން ދ.މީދޫ އަށް ވާރޭވެހުމުގެ ސަބަބުން ވަނީ ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފަ އެވެ.