ޅ. އަތޮޅު "އަލިގާ ފަރަށް" މަސްދޯންޏެއް އެރުމާ ގުޅިގެން އެ ދޯނި ފުންކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޅ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝިމާއު މައުލޫމާތު ދެއްވި ގޮތުގައި ފަރަށް އަރާފައި ވަނީ ޅ. ކުރެންދޫ އިން މަހަށް ގޮސް އުޅުނު ދޯންޏެކެވެ. ޝިމާއު ވިދާޅުވީ އެދޯނި ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭގެ ދަންވަރު 2.00 ހާއިރެވެ. އަދި އެ ދޯނި ފުން ކުރުމުގެ މަސައްކަތް ކުރެންދޫގެ އާންމުންނާއި ކޯސްޓްގާޑުން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ޝިމާއު ވިދާޅުވި އެވެ.
ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުންދާއިރު މޫސުން ގޯސްވުމުގެ ސަބަބުން އިތުރު އުނދަގޫތަކާ ވަނީ ކުރިމަތިވެފަ އެވެ. އަދި މިއަދު ކަނޑު ވަރަށް ގަދަ ކަމަށާއި އަދި ބޯކޮން ވާރޭ ވެހެމުންދާ ކަމަށް ޝިމާއު ވިދާޅުވި އެވެ.
މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސަރާ ގުޅިގެން ކަނޑުދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.