ޗައިނާ އާއިއެކު އެކުލަވާލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެއަށް ގެއްލުން ބޮޑު އެއްބަސްވުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން އަވަސް އަރުވާލައިގެން ކުއްލިއަކަށް ރުހުންދިން މި އެއްބަސްވުމާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މިއީ ޗައިނާއަށް ފައިދާ ބޮޑުވާ ގޮތަށް އެކުލަވާލެވޭ އެއްބަސްވުމެއްކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާނެ ކަމަށެވެ. އަދި މިއެއްބަސްވުން ވާން ޖެހޭނީ ރައްޔިތުންނަށް ފައިދާވާ އެއްބަސްވުމަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
A Free Trade Agreement between the Maldives and China will be detrimental to our economy as balance of trade is greatly in favour of China. The agreement must be in the best interest of the people of Maldives.
— Mohamed Nasheed (@MohamedNasheed) November 29, 2017
ދިވެހިރާއްޖެއާއި ޗައިނާ އާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ 30 މެމްބަރުންގެ ވޯޓުން ވަނީ ރުހުން ދީފައެވެ. އެހެން ނަމަވެސް މިއީ 85 މެމްބަރުން ތިއްބަވާ މަޖިލީހެއްގައި އެންމެ 30 މެމްބަރުން ރުހުން ދިން މައްސަލައެއްކަމުން، މިއީ ޣައިރު ޤާނޫނީ ނިންމުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް ބުދަ ދުވަހު މިމައްސަލައިގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއަށް ނޯޓިސް ފޮނުވީ ޖަލްސާ ފެށެން މަދު މިނެޓްކޮޅަކަށް ވެފައިވަނިކޮށެވެ. އަދި ޖަލްސާގައި މަދު މިނެޓްކޮޅެއްވުމަށް ފަހު މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީއިން އެތައް ސަތޭކަ ސަފްހާއެއްގެ މި އެއްބަސްވުމަށް ރުހުން ދީފައިވަނީ އެންމެ 10 ވަރަކަށް މިނެޓްތެރޭގައެވެ.
ސަރުކާރުން ބުނާ ގޮތުގައި މިއީ ދިވެހި ވިޔަފާރިވެރިންނަށް ފައިދާވާނެ އެއްބަސްވުމެކެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިއީ ގެއްލުން ބޮޑު އެއްބަސްވުމެކެވެ. އަދި ކުއްލިއަކަށް، އިދިކޮޅު ފަރާތްތަކަށް އަންގާލުމެއް ނެތި މިއެއްބަސްވުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވީ އެއެއްބަސްވުމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހިމެނޭތީކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.