ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 04:35
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް
ރާއްޖެއެމްވީ
ފްރީ ޓްރޭޑް
ފްރީ ޓްރޭޑް އެގްރިމެންޓަށް ރުހުން ހޯދީ ރައީސް ޔާމީން ޗައިނާއަށް ވަޑައިގަންނަވާއިރަށް، އެ އެއްބަސްވުމުގައި ދިވެހިންނަށް ފައިދާއެއް ނެތް: ފައްޔާޒް
ރާއްޖެއަކީ އެކްސްޕޯޓްކުރާ ޤައުމެއް ނޫން، އެކްސްޕޯޓްކުރާ މަދު ބާވަތްތަކަށް މާކެޓް ނުލިބިގެން ނޫޅޭ

އަވަސް އަރުވާލައިގެން ބުދަ ދުވަހު ކުއްލި ގޮތަކަށް ރާއްޖެއާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމަށް މަޖިލިސް ތެރެއިން ފާސްކުރީ ރައީސް ޔާމީން ވަރަށް އަވަހަށް ޗައިނާއަށް ދަތުރުފުޅެއް ކުރައްވާތީ، އެދަތުރުފުޅުގައި ޗައިނާއަށް ގެންދަވާ އެއްޗެއްގެ ގޮތުގައި އެއްބަސްވުން ހައްދަވަންކަމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ކުއްލި ބައްދަލުވުމުގެ ފަހުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ފައްޔާޒް ވިދާޅުވީ މިއީ އެއްވެސް ވިސްނުމެއް ނެތި ނިންމާފައިވަ ނިންމުމެއްކަމަށެވެ. އަދި މިސަރުކާރުން ކުރާ ކަންކަން ބުއްދީގެ ހަމަތަކުގެ މަތިން ވިސްނަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ. އަވަސް އަރުވާލައިގެން މަދު މިނެޓް ކޮޅެއްގެ ތެރޭގައި މިމައްސަލަ މަޖިލިސް ތެރެއިން ނިންމި މައްސަލައިގައި ފައްޔާޒް ވިދާޅުވީ ވިސްނުންތެރިކަމާއެކު ކަމެއްކުރާނަމަ މިއަށްވުރެ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ރޭވިގެން ކަންތައްތައް ގެންދާނެކަމަށެވެ. ފައްޔާޒް ވަނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިޤްތިޞާދީ ސިޔާސަތު ގެންގުޅެނީ ވަރަށް ނާޤާބިލުކޮށްކަމަށް އޭނާ ވިދާޅުވިއެވެ.

ފްރީޓްރޭޑް އެގްރިމެންޓުގެ ސަބަބުން ރާއްޖެއަށް މާބޮޑު ފައިދާއެއް ނުކުރާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަށް އިމްޕޯޓްކުރާ މުދާތަކުން ޑިއުޓީ ކެނޑުނުނަމަވެސް، ހަމައެކަނި ޗައިނާގެ މައްޗަށް ރާއްޖޭގެ އިޤްތިޞާދު ބަރޯސާވާ ވުމާއި މެދު ކަންބޮޑުވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރާއްޖެއަކީ މުދާ އެކްސްޕޯޓްކުރާ ޤައުމެއް ނޫންކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ ރާއްޖެއިން އެކްސްޕޯޓްކުރާ އެއްޗެހީގެ ތެރެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ އެކޮޅުން ކަނޑާލިޔަސް ދިވެހި ވިޔަފާރިވެރިންނަށް ކުރާނެ މާބޮޑު ފައިދާއެއް ނެތްކަމަށެވެ. ޗައިނާއަކީ ރާއްޖޭގެ މަހުގެ ބާވަތްތައް އެހާ ގިނައިން އިމްޕޯޓްކުރާ ޤައުމެއް ނޫނެވެ. ފައްޔާޒް ވިދާޅުވީ ރާއްޖެއިން މަސް އެކްސްޕޯޓް ނުކުރެވިގެން ނޫޅޭކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން މަސްވެރިންނަށް ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެކަމަށެވެ.

- ކޮމެންޓް