ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 22:09
ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރާއްޖެ އެމްވީ
ރައްޔިތުންެގެ މަޖިލިސް
ޗައިނާއާއެކު މިނިވަން ވިޔަފާރީގެ ގުޅުން ގާއިމު ކުރަން މަޖިލީހުން ރުހުން ދީފި
ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަން ރުހުން ދިނީ 30 މެމްބަރުން
އިދިކޮޅު މެމްބަރުންނަށް އެއްބަސްވުމުގެ ކޮޕީއެއް ވެސް ނުދެއްވާ
އެއްބަސްވުމުގެ ދަށުން ޑިއުޓީއެއްނެތި ދެގައުމުގެ މެދުގައި މުދާ ބަދަލުކުރެވޭނެ ކަމަށްވޭ

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ ގުޅުން ގާއިމުކުރާ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރާއްޖެއާއި ޗައިނާއާ ދެމެދު އެއްބަސްވުމުން ގާއިމު ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 30 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެމްބަރުން މި ޖަލްސާގައި އަދި ވޯޓުގައި ވެސް ބައިވެރިއެއް ނުވެއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުމާއެކު ކުއްލި ގޮތަކަށް ބުދަ ދުވަހުގެ 14:30 ޖަލްސާއެއް ބޭއްވުމަށް ނިންމާ، އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވި އެވެ. 

ކޮމެޓީއަށް އެމައްސަަލަ ފޮނުވުމާއެކު 15:00 ގައި ކޮމެޓީގެ ބައްދަލުވުން ބާއްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކޮމެޓީއަށް ހާޒިރު ކުރެއްވި އެވެ. އަދި އެ އެއްބަސްވުމާގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވި ވާހަކަތަކަށް ފަހު، އެ އެއްބަސްވުން ދިރާސާކޮށް ނިންމާލީ ގާތްގަނޑަކަށް 10 މިނެޓްގެ ތެރޭގަ އެވެ. އަދި އެކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔައީވެސް ސިއްރު ކޮށްގެންނެވެ.

ބުދަ ދުވަހު މެންދުރުފަހު ބޭއްވި ޖަލްސާ އޮންނަކަން އިދިކޮޅު މެމްބަރުންނަށް އަންގާފައިނުވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވިއިރު، ގައުމީ ސަލާމަތުގެ ކޮމެޓީގައި އެމައްސަލަ ދިރާސާ ކުރިއިރުވެސް އިދިކޮޅު ބައެއް މެމްބަރުންނަށް އަންގާފައެއް ނުވެއެވެ. އަދި އެ އެއްބަސްވުމުގެ ކޮޕީއެއް ވެސް އިދިކޮޅު މެމްބަރުންނަށް ދެއްވާފައި ނުވާކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. 

ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ ވާހަކަ އެންމެ ފުރަމަތަ ރައީސް އަބްދުﷲ ޔާމީން ދައްކަވާފައި ވަނީ 2015 ވަނަ އަހަރު ބޭއްވި ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ވާހަކަ ދައްކަވަމުންނެެވެ. ނަމަވެސް އޭގެކުރިންވެސް ދެގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ ވާހަކަތައް ދެކެވިފައި ވެއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޑިއުޓީއެއް ނެތި ދެގައުމުގެ މެދުގައި މުދާ ބަދަލުކުރުމަކީ ދިވެހި ރައްޔިތުންނަށް އެކަމުން ފައިދާ ކުރާނެ ކަމެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޗައިނާ އަކީ ރައީސް ޔާމީންގެ މިސަރުކާރުން އެންމެ ބޮޑަށް ގުޅުން ބާއްވަމުން އަންނަ ގައުމެވެ. ރާއްޖޭގައި ހިންގާ ގިނަ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގަމުން ދަނީ ވެސް ޗައިނާގެ ކުންފުނިތަކުންނެވެ. 

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމާއެކު މަޖިލީހުގެ ތެރޭގައި އިދިކޮޅު މެމްބަރުންނަށް އެކިއެކި ގޮންޖެހުންތަކާ ދަނީ ކުރިމަތި ވަމުންނެވެ. ޖަލްސާ ބާއްވާކަން ނާންގާއިރު، އިދިކޮޅު މެމްބަރުން ދައްކާވާހަކަތަކަށް މާބޮޑު އަޅާލުމެއް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ނުދެއްވަ އެވެ.

މަޖިލީހުގެ 45 މެމްބަރުން ސޮއިކޮށް މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅިފަހުން މަސީހު މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރައްވާފައިވާ ކަމަށް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. 

ބުދަ ދުވަހުގެ ރޭ ބޭއްވި މިޖަލްސާއަކީ މިއަހަރުގެ ފަހު ޖަލްސާކަމަށް މަޖިލީހުން ބުނެއެވެ. 

- ކޮމެންޓް