އިސްލާހީ މަސައްކަތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފ އަތޮޅު މަގޫދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީތަކުން ބުނެފިއެވެ.
ބުދަ ދުވަހު މ ކުނޫޒްގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޕާޓީތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ތަރުޖަމާން އަނަސް ޢަބްދުއް ސައްތާރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާއެއް ފ އަތޮޅު މަގޫދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެޖަލްސާ ބޭއްވުމަށް ހަމަ ޖެހިފައިވަނީ ޑިސެމްބަރ 1 ވާ ހުކުރު ދުވަހުގެރޭ ކަމަށެވެ.
ސަރުކާރުގެ ފިއްތުންތަކާއެކު ވެސް ގދ ތިނަދޫގައި ބޭއްވި ޖަލްސާއަށް އިޝާރާތް ކުރައްވާ އަނަސް ވިދާޅުވީ އެޖަލްސާއަކީ ވަރަށް ކާމިޔާބު ޖަލްސާއެއް ކަމަށާއި އެޖަލްސާ ފަދަ ޖަލްސާއަކަށް މަގޫދޫގައި ބާއްވާ ޖަލްސާވެސް ހެދުމަށް ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އަނަސް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާތަކަށް ރައްޔިތުން ހާޒިރުވަނީ އެޖަލްސާއަށް ދާހިތުން ކަމަށާއި އެއްވެސް މަޖްބޫރު ކަމެއް ނެތި ހިތުން ރުހުމުން ކަމަށެވެ.
މި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާތަކާއި ޚިލާފަށް ސަރުކާރުން ބާއްވާ ޖަލްސާ ތަކަކީ މީހުންނަށް މަޖްބޫރުކޮށްގެން ތަފާތު ބިރުތައް ދައްކައިގެން މީހުން ގެންދާ ޖަލްސާ ތަކެއް ކަމަށެވެ. އަދި މާލޭގައި ގުޅިފައިވާ ޕާޓީތަކަށް ބޮޑު ޖަލްސާއެއް ބޭއްވުމަށް އެއްވެސް ވަރެއްގެ ޖާގައެއް ސަރުކާރުން ނުދޭ ކަމަށާއި ސަބަބަކީ ގިނަ ބަޔަކާއެކު ގުޅިފައިވާ ޕާޓީތަކަށް އޮތް ތާއީދު ސަރުކާރަށް ފެނިގެން ހިނގައިދާނެތީ ކަމަށް އިންތި ވިދާޅުވިއެވެ.