ލަންކާ ކައިރީގައި ކޮޅިގަނޑެއް އުފެދިފައިވާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފި އެވެ.
މެޓް އޮފީހުން ބުދަ ދުވަހު ނެރެެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިރު އުތުރުން ސްރީލަންކާ ކައިރީގައި މިއަދު ވަނީ ކޮޅިގަނޑެއް އުފެދިފައި ކަމަށެވެ.
މި ކޮޅިގަނޑު ތިލަދުންމަތީގެ އުތުރުން ރާއްޖޭގެ ހުޅަނގުއުތުރަށް ދަތުރުކުރަމުން ދާ ދިއުމުގައި ރާއްޖޭގެ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭ ވެހި، ކަނޑު ގަދަވެ، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައިވެސް މެޓް އޮފީހުން ބުނެފައި ވެއެވެ. މެޓް އޮފީހުން އިތުރަށް ބުނެފައި ވަނީ އާއްމުކޮށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
— Maldives Meteorology (@MetMaldives) November 29, 2017
މެޓް އޮފީހުން މި ހަބަރު އާންމު ކޮށްފައިވާއިރު ރާއްޖެ ސަރަހައްދުގައި ތޫފާނެއް އުފެދިދާނެކަމުގެ އަންދާޒީ ވާހަކަތަކެއް ބޭރުގެ ބައެއް މީޑިއާތަކުން އާންމު ކުރިއެވެ. ނަމަވެސް މެޓް އޮފީހުން އިއްޔެ ބުނެފައިވަނީ އެފަދަ އެއްވެސް ކަމެއް ބަޔަކު އަންގާފައި ނެތް ކަމަށެވެ.