ގާނޫނާއި ހިލާފަށް ބައިނަލްއަގްވާމީ އެއްބަސްވުންތައް ގާއިމް ކުރުމަކީ އޭގެ ސަބަބުން ދިވެހި ދައުލަތަށް ދުނިޔޭގައި ދެވިފައިވާ ގަދަރު ކުޑަވާނެ ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި ގާނޫނާ ހިލާފަށް ބައިނަލްއަގްވާމީ އެއްބަސްވުންތައް ގާއިމް ކުރުމަކީ އޭގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ގަދަރު ކުޑަވެ، އިތުރަށް އެކަހެރިވެގެންދާނެ ކަމެއް ކަމަށެވެ. އަދި ގާނޫނީ ގޮތުން ސުވާލު ނުއުފެދޭނެހެން މިފަދަ ކަންކަން ކުރިއަށް ގެންދިއުމަށް އަދާލަތު ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
Qanoonaa khilaafah bainal aqwaamee ehbasvunthah qaaimkurumakee eyge sababun dhivehi dhaulathah dhuniyeyegai dhevifaivaa gadharu kudave raajje ithurah ekaherivegendhaane kameh. Qaanoonee gothun suvaalu nufedheynehen mifadha kankan kuriyah gendhiumah govaalan.
— Adhaalath Party (@AdhaalathOffice) November 29, 2017
އަދާލަތު ޕާޓީން މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއި އެކު ސޮއިކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވިކަން އިއުލާން ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މި ސަރުކާރުން ގެންގުޅޭ ހުޅުވާލެވިފައިވާ ވިޔަފާރީގެ ސިޔާސަތުގެ ދަށުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރެއްވުމަށް 2014 ވަނަ އަހަރުން ފެށިގެން މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ.
ޗައިނާއާއެކު ވެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ބާޒާރަށް، ދިވެހި މަސްވެރިން ބާނާ މަސް ސުން ޕަސެންޓް ޑިއުޓީގައި އެކްސްޕޯޓް ކުރުމުގެ މަގު ފަހިވެގެންދާނެކަމުގައި ވެސް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.