ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 22:18
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ތެރެއިން
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް
ޗައިނާއާއެކު ގާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ދިރާސާކުރަން އެންމެ 10 މިނެޓް، ބައްދަލުވުންވެސް ސިއްރު!
މިނިސްޓަރު ސައީދު އެ އެއްބަސްވުމާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށްފަހު އެއްބަސްވުން ދިރާސާކޮށް ވެސް ނިމުނީ
އިދިކޮޅު މެމްބަރުންނަށް އެއްބަސްވުމުގެ ކޮޕީއެއް ވެސް ނުލިބޭ
އެއްބަސްވުމުގެ ދަށުން ޑިއުޓީއެއްނެތި ދެގައުމުގެ މެދުގައި މުދާ ބަދަލުކުރެވޭނެ ކަމަށް ބުނޭ

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކުރުމަށް ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ އެންމެ 10 މިނެޓްގެ ތެރޭގައި އެ އެއްބަސްވުން ދިރާސާކޮށް ނިންމާލައިފި އެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ފްރީ ޓްރޭޑް އެގްރީމަންޓް ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގައި ދިވެހިރާއްޖެއިން ސޮއިކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ސަރުކާރުން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވީ ވެސް ބުދަ ދުވަހު 14:30ގައި މަޖިލީހުން އެކަމަށްޓަކައި ބޭއްވި ކުއްލި ޖަލްސާގަ އެވެ. 

ކޮމެޓީން އެމައްސަލަ ދިރާސާކޮށް ނިންމާލީ އެންމެ 10 މިނެޓްގެ ތެރޭގައެވެ. އެކޮމެޓީއަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަޑައިގެން އެ އެއްބަސްވުމާއިގުޅޭ މައުލޫމާތު ދެއްވި އެވެ. މިނިސްޓަރުގެ މައުލޫމާތުތަކަށްފަހު، 10 މިނެޓްގެ ތެރޭގައި އެ އެއްބަސްވުން ދިރާސާކޮށް ނިމުނު ކަމަށް ކަނޑައަޅައި ކޮމެޓީގެ ބައްދަލުވުން ވަނީ ނިންމާލާފަ އެވެ. 

އެކޮމެޓީގެ ބައްދަލުވުން އަޑުއެހުމަށް ދިޔަ މީޑިއާތަކަށް އެފުރުސަތު ވެސް ނުދީ، ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ ވާހަކަ އެންމެ ފުރަތަމަ ރައީސް އަބްދުﷲ ޔާމީން ދައްކަވާފައި ވަނީ 2015 ވަނަ އަހަރު ބޭއްވި ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ވާހަކަ ދައްކަވަމުންނެެވެ. ނަމަވެސް އޭގެ ކުރިންވެސް ދެގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ ވާހަކަތައް ދެކެވިފައިވެއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޑިއުޓީއެއްނެތި ދެގައުމުގެ މެދުގައި މުދާ ބަދަލުކުރުމަކީ ދިވެހި ރައްޔިތުންނަށް އެކަމުން ފައިދާ ކުރާނެކަމެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ޗައިނާ އަކީ ރައީސް ޔާމީންގެ މިސަރުކާރުން އެންމެ ބޮޑަށް ގުޅުން ބާއްވަމުން އަންނަ ގައުމެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުން ދަނީ ވެސް ޗައިނާގެ ކުންފުނިތަކުންނެވެ. 

ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކުރަން ތައްޔާރުވާއިރު، އަދި އެ އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދޭން ފާސްކުރާއިރު، މަޖިލީހުގެ ހިމެނޭ އިދިކޮޅު މެމްބަރުންނަށް އެ އެއްބަސްވުމުގެ ކޮޕީއެއް ވެސް ނުލިބޭ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި ގައުމީ ސަލާމަތުގެ ކޮމެޓީގައި އެ އެއްބަސްވުން ދިރާސާކުރިއިރުވެސް އެ އެއްބަސްވުން އިދިކޮޅު މެމްބަރުންނަށް ލިބިފައި ނުވާކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް