މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއި އެކު ސޮއިކުރެއްވުމަށް ރައީސް އަބުދުﷲ ޔާމީން ނިންމަވައިފިއެވެ.
ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ނިންމެވީ، ބުދަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެމަތިން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުދަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވީ މި ސަރުކާރުން ގެންގުޅުއްވާ ހުޅުވާލެވިފައިވާ ވިޔަފާރީގެ ސިޔާސަތުގެ ދަށުން ޗައިނާއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރެއްވުމަށް 2014 ވަނަ އަހަރުން ފެށިގެން މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ.
އެގޮތުން، ދިވެހިރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް ޤާއިމުކުރުމަށް މަސައްކަތް ކުރަން ޖެހުނީ 2011 ވަނަ އަހަރު ދިވެހިރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމަކުން ތަރައްޤީ ވަމުން އަންނަ ޤައުމަކަށް ބަދަލުވުމާއި ގުޅިގެން ބޭރު ދުނިޔޭގައި ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ނަގަން ފެށުމާއި ގުޅިގެންކަމުގައި މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ޗައިނާއާއިއެކު މިވެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ބާޒާރަށް، ދިވެހި މަސްވެރިން ބާނާ މަސް ސުން ޕަސެންޓް ޑިއުޓީގައި އެކްސްޕޯޓް ކުރުމަށް މަގުފަހިވެގެން ދާނެކަމުގައި ވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ދިވެހިރާއްޖެއާއިއެކު މިނިވަން ވިޔަފާރީގެ ގުޅުން ޤާއިމް ކުރުމަށް ޖަޕާނަށާއި، ޔޫރަޕިއަން ޔޫނިއަނަށާއި، އެމެރިކާ އަދި އިނގިރޭސިވިލާތަށް ވެސް ދަޢުވަތު ދެއްވާފައިވާނެ ކަމަށެވެ. އަދި، އެ ޤައުމުތަކުން ވެސް ރާއްޖެއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށް މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ސަޢީދު ދެއްވިއެވެ.