ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުން މަޖިލިސްކުރާގެއަށް ވެންނެވި ކަމަށް ބުނާ މައްސަލާގައި ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފިއެވެ.
މިދިޔަ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ މެމްބަރުންގެ މައްޗަށްކޮށްފައިވާއިރު، މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމަށް ފަހު މައްސަލަައާއިގެން ކުރިއަށް ދިއުމަށްޓަކައި ވަކީލުން އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ޝަރީޢަތުން ވަނީ ދީފައެވެ.
މި މެންބަރުންގެ ތެރެއިން ސައުދާއި، ވައްޑެގެ އިތުރުން އަމީތުގެ މައްޗަށް ވަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ކޮށްފަ އެވެ. އެ ތިން މެންބަރުންނަށް އެ ދައުވާ ކޮށްފައި ވަނީ މަޖިލިސް މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް މަޖިލީހަށް ވަން ކަމަށް ބުނެ އެވެ.
މެންބަރުންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަންކަމުގެ ތުހުމަތެވެ. ފުލުހުން ހިންގާފައިވާ ތަހުގީގަށް މި ހުރިހާ މެންބަރުން ވެސް ފުލުހުން އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގާފައި ވެއެވެ.
މެންބަރުން ވިދާޅުވަމުންދަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވެންނެވުން އެއްވެސް ފަރާތަކަށް މަނާ ނުކުރެވޭނެ ކަމަށާއި އަދި ފުލުހުންނަށް އެ ތުހުމަތު ކުރެވިދާނެ ކަމަށް ވެސް ގަބޫލުނުކުރާ ކަމަށެވެ.
ޖުލައި މަހުގެ 24 ވަނަ ދުވަހު މެންބަރުންތައް މަޖިލީހަށް ވަނުމާ އެކު ފުލުހުންނާއި ސިފައިން ވަދެ މެންބަރުންތައް ވަނީ ނެެރެފަ އެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެގޮތަށް ސިފައިންނާއި ފުލުހުން ވަދެ މެންބަރުން ނެރުނު ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުން މަޖިލިސްކުރާގެއަށް ވެންނެވި ކަމަށް ބުނާ މައްސަލާގައި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ހެއްކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހްމަތު އިދިކޮޅު އިއްތިހާދުން ވަނީ ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހްލޫފު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ހެކިބަސްދޭން ތިބި ފުލުހުންނާ ޕީޖީ އޮފީހުގައި ބައްދަލުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ އެ މައުލޫމާތު ލިބުނީ ޕީޖީ އޮފީހަށް ގެންދިޔަ ފުލުހެއްގެ ފަރާތުން ކަމަށެވެ.