ކ. މާލެ
|
29 ނޮވެންބަރ 2017 | ބުދަ 16:25
ހައިކޯޓު
ހައިކޯޓު
މުހައްމަދު ޝަރުހާން
ހައި ކޯޓް
ނިޒާރު މަރާލި މައްސަލައިގައި 16 އަހަރަށް ޖަލަށްލާން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދު
ނިޒާރު މަރާލާފައިވަނީ ޝަމީމާއި އިތުރު މީހުން ދިން ހަމަލާއެއްގައި

ލ.ގަން، ތުނޑި،ވޫޑްލޭންޑް އަހްމަދު ނިޒާރަށް ލަކުޑިބުރިން ހަމަލާދީ، އޭނާ މަރާލި މައްސަލައާ ގުޅިގެން އެރަށު ސަނދުބަރަކަމާގެ، އާދަމް ޝަމީމް މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 16 އަހަރާއި 8 މަހަށް ޖަލަށް ލުމަށް ޖުވައިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއިދުކޮށްފި އެވެ.

އާދަމް ޝަމީމްގެ މައްޗަށް ކުރި ދައުވާފައި ބުނެފައި ވަނީ 15 ޖުލައި 2013 ގައި ގަމުގެ ސިނާއީ ސަރަހައްދުން ސައިކަލެއްގައި ދަނިކޮށް ޝަމީމާއި އިތުރުބަޔަކު ލަކުޑިބުރިން ނިޒާރަށް ހަމަލާދީފައިވާ ކަމަށެވެ.

ހައި ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ޝަމީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވައިނަލް ކޯޓުން ހުކުމް ކުރީ އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިންގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުއްޓާ ކަމަށް ބުނި ނަމަވެސް އެފަދަ ފުށުއެރުންތަކެއް ހުރިކަން ފާހަގަ ކުރެވިފައިނުވާ ކަމަށެވެ. އަދި ޝަމީމާއި އޭނާއާ އެކު ތިބި މީހުން ނިޒާރަށް ހަމަލާދިން ހެކިންގެ ހެކިބަހުން ސާފުކޮށް އެނގޭ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވެ އެވެ.

ނިޒާރު މަރުވި ހާދިސާއާ ގުޅިގެން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުވާ ކޮށްފައިވީ ނަމަވެސް އެ ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ސިޔާސީ މަގުސަދެއް ނުވަތަ އާންމުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ މަގުސަދު އޮތްކަން  ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ޝަމީމްގެ ފަރާތުން ބުނެފައިވެ އެވެ. ނަމަވެސް އެ ވާހަކައަށް ރައްދުދީ ހައި ކޯޓުން ބުނެފައިވަނީ ޝަރީއަތަށް ދައުލަތުން ހުށަހެޅި ހެކިންގެ ބަހަށްބަލާއިރު އެ ގާނޫނުގެ މާއްދާގައި ބުނާ ފަދަ އަމަލުތައް ހިންގާފައިވާކަން ސާބިތުވާ ކަމަށެވެ.

ނިޒާރު މަރުވީ އޭނާއަށް ދިން ހަމަލާއާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. 

- ކޮމެންޓް