ކ. މާލެ
|
19 ނޮވެންބަރ 2017 | އާދީއްތަ 13:11
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް
ރާއްޖެއެމްވީ
ފައްޔާޒް އިސްމާއިލް
ޑިކްޝަނަރީ ބައްލަވަން ފިނޭންސް މިނިސްޓަރަށް މެމްބަރު ފައްޔާޒް ލަފާއަރުވައިފި
މިނިސްޓަރު މުނައްވަރު ވަނީ ބަޖެޓަށް ވޯޓު ނުދޭ މެމްބަރުންގެ ދާއިރާތަކަށް ކަންތައް ކޮށްދޭން ދަތިކަމަށް ވިދާޅުވެފައި
މިނިސްޓަރ މުނައްވަރު ކޮމިޓީގައި ވާހަކަ ދެއްކެވީ ލަދުވެތި ޙާލުކޮޅެއްގައި ހުންނަވައިގެން: ފައްޔާޒު
މިނިސްޓަރު ވިދާޅުވާ ގޮތަކަށް މެންބަރުން ވޯޓުދެއްވާކަށް ނުޖެހޭ

ޑިމޮކްރަސީގެ މާނަ ހޯއްދެވުމަށް ޑިކްޝަނަރީއެއް ބެއްލެވުމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުއަށް ލަފާއަރުވައިފިއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން، ބަޖެޓަށް ވޯޓު ނުދޭ މެމްބަރުންގެ ދާއިރާތަކަށް ކަންތައް ކޮށްދޭން ދަތިވާނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވުމާއި ގުޅިގެން އެކަމާއި ހިތްޕުޅުހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވަމުންނެވެ. ފައްޔާޒް ވިދާޅުވީ މީގެކުރިންވެސް ފިނޭންސް މިނިސްޓަރުން ވަޑައިގެން ބަޖެޓް ހުށަހަޅުއްވައި މެމްބަރުންނާއި ވާހަކަ ދެއްކެވި ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރ މުނައްވަރު މެމްބަރުންނާއި މުޚާޠަބުކުރައްވައި ވާހަކަ ދައްކަވަމުން ގެންދެވީ ވަރަށް ލަދުވެތި ޙާލަތެއްގައި ކަމަށެވެ.

މެމްބަރު ފައްޔާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މަސްއޫލިއްޔަތަކީ ސަރުކާރުން ބޭނުންހާ ގޮތަކަށް ބަޖެޓަށް ވޯޓުލުން ނޫން ކަމަށެވެ. އަދި ވަކިބަޔަކު ބުނާ ގޮތަށް ވޯޓު ނުލައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދެކޮޅަށް ފިޔަވަޅު ނޭޅޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ހިތަށް އެރިހާ ގޮތަކަށް ބަޖެޓް ހަދާފައި ފޮނުވުމުން އިދިކޮޅު ފަރާތްތަކުން އެއަށް ވޯޓު ނުދޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބުއްދިއާއި، ވިސްނުމާއި، ފެންނަން ހުރި ކަންކަމަށް ވެސް ރިޢާޔަތްކޮށްފައި އަޅުގަނޑުމެން ވޯޓުދޭނީ. ވޯޓު ދޭނީ ތިބޭފުޅުން އަޅުގަނޑުމެންނާއި އެކީ އިށީނދެ، އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، އެކަންކަމަށް ޙައްލު ގެނައިމަ. ޙައްލު ނުގެނެސް ތިބޭފުޅުން ހަމަ އާއްމު އުޞޫލެއްގެ ގޮތުން ޚުދުމުހުތާރު ގޮތަށް ކަންތައް ކުރައްވަމުން ގެންދަވާއިރު ވޯޓެއް ނުދޭނަން. ނުވެސް ޖެހޭނެ ދޭކަށް ވެސް. އެކަން ތިބޭފުޅުންނަށް އޮޅިވަޑައިގެން ތިއުޅެނީ"، ފައްޔާޒް ވިދާޅުވިއެވެ.

އެހެން ޤައުމުތަކުގައި އިދިކޮޅު ފަރާތްތަކުން ބަޖެޓަށް ވޯޓުދޭ ކަމަށް މިނިސްޓަރ މުނައްވަރު ވިދާޅުވި ވިދާޅުވުމަށް ޖަދަލުކުރައްވައި ފައްޔާޒް ވަނީ އެމެރިކާގެ ކޮންގްރެސްގައި ބަޖެޓަށް ވޯޓު ހަމަނުވެގެން އެތައް ފަހަރަކު އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައިކަން ފާހަގަކުރައްވާފައެވެ.

"ފަހަރެއްގައި ތިބޭފުޅުންނަށް ޑިމޮކްރަސީ އެނގިނުލައްވަނީ ކަންނޭނގެ. އަޅުގަނޑު ތިބޭފުޅާ އަރިހުން އެދޭނަން ޑިމޮކްރަސީ ކުޑަކޮށް ދަސްކޮށްލައްވަން ޑިކްޝަނަރީ އެއްޗެހި ބައްލަވާލައްވަން"، މިނިސްޓަރ މުނައްވަރު ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ބަޖެޓް ކޮމިޓީގައި އާއްމުކޮށް ނުދައްކާ މިންވަރަށް މިނިސްޓަރ މުނައްވަރު ސިޔާސީ ވާހަކަ ދެއްކެވުމުންނާއި، ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތަކެއް ކޮމިޓީގައިވެސް އަދި ޢާއްމުންގެ ތެރޭގައިވެސްވަނީ އަމާޒުވެފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
19 ނޮވެންބަރ 2017 | އާދީއްތަ 13:30
ތިމަންނަ
އެއީ އަދި ބޮޑުވެފަ ހުއްޓަސް ތަސައްރަފު ނުފުދޭ "ކުޑަ ކުއްޖެކެވެ . އެފަދަ ކުދިން އަދި "ފަހުން" ރަގަޅުވާނެއެވެ.
19 ނޮވެންބަރ 2017 | އާދީއްތަ 13:18
އާދަމްބެ
ޢިލްމު ހުއްޓަސް ތަޖުރިބާ ނެތް ސޭކު ކުދިން މިނިސްޓަރުންނަށް ލީމަ ޤައުމަށް ލިބޭ ގެއްލުން މިފެންނަނީ.