ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 18:56
އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީ ގައުމީ މަޖިލިސް
ގުޅިފައިވާ ޕާޓީތަކުން އެއްކެންޑިޑޭޓަކު ނެރެން އެމްޑީޕީން ނިންމައިފި
ކެންޑިޑޭޓް ކަނޑައަޅާނީ އެއްބަސްވެވޭ އުސޫލަކުން ބާއްވާ ޕްރައިމަރީއަކުން
އެމްޑީޕީން އެގޮތަށް ނިންމީ އެޕާޓީގެ ޤައުމީ މަޖިލީހުން
އެ ނިންމުން އެމްޑީޕީން ޕާޓީތަކަށް ހުށަހަޅާނެ

ދިވެހިރާއްޖޭގައި 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި، ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ރާއްޖޭގެ އެންމެބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ނިންމައިފިއެވެ.

އެޕާޓީން މިގޮތަށް ނިންމާފައިވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގެ 57 ވަނަ ޖަލްސާގައި އެކަން އެގޮތަށް ކުރުމަށް ފާސްކުރި ޤަރާރަކުންނެވެ.

އެމްޑީޕީގެ ނިންމުން ހާމަ ކުރެއްވުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޕާޓީގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެމްޑީޕީން ނިންމާފައިވާ ގޮތަކީ ޕާޓީތަކުން އެއްބަސްވެވޭ އުސޫލެއްގެ ދަށުން އެޕާޓީތަކުގެ މެދުގައި ބޭއްވޭ ޕްރައިމަރީއަކުން އެ ކެންޑިޑޭޓް ކަނޑައެޅުން ކަމަށެވެ.

އިންތި ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުން އެގޮތަށް ނިންމި ޤަރާރު ފާސްކުރީ އެމަޖިލީހުގައި ވަރަށް ބޮޑަށް ބަހުސް ކުރުމަށް ފަހު ކަމަށެވެ. އަދި އެޕާޓީން ނިންމި ނިންމުން ގުޅިފައިވާ ޕާޓީތަކަށް ހުށަހަޅުއްވާނެ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އެމްޑީޕީން އެގޮތަށް ނިންމި ޤަރާރުގައި ބުނެފައިވަނީ އެގޮތައް ނިންމީ މިހާރު އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫންތަކާ ޚިލާފަށް ކުރަމުންދާ ކަންކަމާއި ނުހައްޤުން އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށް ނާއިންސާފުން ބޮޑެތި އަދަބުތައް ދިނުމާއި ސަރުކާރުގައި ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އިތުރުވުން ފަދަ ކަންކަން ހިމެނޭތީ ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރުމަށް ކަމަށެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ އެގޮތަށް ނިންމާފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެދުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާމެދު ދަނީ މަޝްވަރާ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް