ކ. މާލެ
|
11 ނޮވެންބަރ 2017 | ހޮނިހިރު 16:36
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ރާއްޖެއެމްވީ
އެއް މިލިއަން ޑޮލަރު
އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ތަހުގީގު ކުރަން ލަންޑަނަށް ދާން ޓިކެޓްވެސް ދޭންތައްޔާރު: ރިޔާޒު
އޭސީސީ ބުނެފައިވަނީ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް
ޖަމާކޮށްފައިވަނީ އެސްއޯއެފް ކުންފުނިން
އެސްއޯއެފް ކުންފުނީގެ ވެރިން ރާއްޖެއަކު ނެތް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކު އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ތަހުގީގު ޓީމުން ކަމާގުޅުންހުރި ފަރާތްތަކުގެ ބަޔާން ނެގުމަށްޓަކައި އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާންޖެހޭނަމަ ލަންޑަނަށް ދިއުމަށް ޓިކެޓް ވެސް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރ. މަޑުއްވަރީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ޖަމާކުރި މައްސަލައިގެ ތަހުގީގު ފުރިހަމަނުކޮށް، މައްސަލަ ފައިލްކޮށްގެން ނުވާނެ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމު ލަންޑަނަށް ގޮސްގެން ނަމަވެސް އެކަން އިތުރަށް ބަލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮވާލަނީ މައްސަލަ ބައްލަވާށޭ. ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މައްސަލަ ބަލަންޖެހޭ. ސަރުކާރުން އެވިދާޅުވާ އެސްއޯއެފް އެކައުންޓްގެ ވެރިން ރާއްޖޭގައި ނެތީމަ އެމައްސަލާގައި ސުވާލު ނުކުރެވޭ ކަމަށް ބުނާ ކަމަށްވަންޏާ އަޅުގަނޑުމެން މިތިބީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގު ޓީމަށް ޓިކެޓް ދީގެން، ލަންޑަނަށް ގެންގޮސްގެން، އެމީހުންނާ ސުވާލުކޮށްގެން، ބަޔާން ނަންގަވާ ދެއްވަން،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އެމައްސަލައާއި ގުޅިގެން ރައީސް ޔާމީން ވެސް، އެކަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަންގޮތެއް، އަދި އެ އެއް މިލިއަން ޑޮލަރަށް ވީގޮތް ވިދާޅުވާންޖެހޭ ކަމަށެވެ.

"ރައީސް ޔާމީން ވިދާޅުވަން ޖެހޭނެ އެ އެއް މިލިއަން ޑޮލަރު ވަން ގޮތެއް، އެ އެއް މިލިއަން ޑޮލަރަށް ވީގޮތެއް. އެ ޖަވާބު ދެއްވަން ޖެހޭނެ. އެޖަވާބު ދެއްވަން ޖެހެނީ ރައީސް ކަމުގެ މަގާމުގައި ހުންނެވީމަ. ރައްޔިތުން އިންތިހާބު ކޮށްފައިވާ މަގާމެއް ވީމަ. މަގާމުތަކުގައި ތިބޭ މީހުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ،" ރިޔާޒު ވިދާޅުވި އެވެ.

އޭސީސީން ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ ތުހުމަތުތައް ރައީސް ޔާމީންއަށް އަމާޒުވެފައި ވަނިކޮށް، އެމަނިކުފާނުގެ އަމިއްލަފުޅު އެކަންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ބުނެފަ އެވެ. އެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ހިއްސާދާރުންނާ ސުވާލު ނުކުރެވިގެން މައްސަލަ ފައިލްކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް