ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 22:29
ރާއްޖެ ޕްލަސް އިން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެ ޕްލަސް އިން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ރާއްޖެ ޕްލަސް
ރާއްޖެ ޕްލަސްގައި އަލަށް ދެ ޑްރާމާ ސީރީޒްއެއް ދެއްކުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި
ދެ ސީރީޒްގައި ސޮއި ކޮށްފައި ވަނީ އެކްޓަރ އަދި ޕްރޮޑިއުސަރ ޔޫސުފް ޝަފީއު އާއި ޕްރޮޑިއުސަރ އިސްމާއިލް ޝަފީގު

ރާއްޖެ ޕްލަސްގެ ކޮންޓެންޓްގައި ދެ ޑްރާމާ ސީރީޒްއެއް ހިމެނުމަށް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެކަމަށް އޮތް ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ދެ ޑްރާމާ އުފައްދާ ރާއްޖޭގެ މަޝްހޫރު އެކްޓަރ އަދި ޕްރޮޑިއުސަރ ޔޫސުފް ޝަފީއު އާއި މަޝްހޫރު ޕްރޮޑިއުސަރ އިސްމާއިލް ޝަފީގުއެވެ. މިއީ 13 އެޕިސޯޑްގެ ދެ ޑްރާމާ ސީރީޒްއެވެ.  ރާއްޖެ ޕްލަސްގެ ފަރާތުން ސޮއި ކުރެއްވީ އާމިރު ސަލީމެވެ.

ސޮއި  ކުރުމަށްފަހު ޔޫއްޕެ ބުނީ ރާއްޖެ ޕްލަސްއިން އިސްނަގައިގެން ފަންނާނުންނަށް ފުރުސަތުތައް ދޭތީ ޝުކުރުއަދާކުރާ ކަމަށެވެ. އަދި މި ފަހަރު މި ގެނެސްދޭ ޑްރާމާއަކީ މުޅިން އާ ޑްރާމާއެއް ކަމަށް ވެސް ޔޫއްޕެ ބުންޏެވެ. 

ޝަފީގު ބުނީ ރާއްޖެ ޕްލަސް އާއެކު ސޮއި ކުރެވިގެންދިޔަ 13 އެޕިސޯޑަކީ ވަރަށް ފަހުން ރާއްޖޭގެ ސިނަމާތަކުގައި އެޅުވި ކާމިޔާބު ފިލްމެއް ކަމަށްވާ "ނޯޓީ ފޯޓީ" ސީރީޒްއަކަށް ބަދަލުކޮށްގެން ނެރުމަށް ހަމަޖައްސާފައިވާ ޑްރާމާ ސީރީޒްއެއް ކަމަށެވެ. ރާއްޖެ ޕްލަސްއަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެ ކަމަށް އޭނާ ބުންޏެވެ.

ރާއްޖެ ޕްލަސްއަކީ ރާއްޖެޓީވީން އަލަށް ފަށާ އެންޓަޓެއިންމަންޓް ޗެނަލެކެވެ. އެ ޗެނަލުން މުނިފޫހި ފިލުމުގެ ޚަބަރާއި މައުލޫމާތާއި ޕްރޮގްރާމްތަކާއި، ފިލްމާއި ޑްރާމާ، އަދި ލަވަތައް ގެނެސްދޭނެ އެވެ.

ރާއްޖެ ޕްލަސްގެ ފަރާތުން އާމިރު ސަލީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ ޕްލަސް އިން މިފަދަ އެއްބަސްވުންތައްކުގައި ސޮއިކުރަމުން ގެންދާނެ ކަމަށާއި ގިނަ އުފެއްދުންތަކެއް އެ ޗެނަލުން ފެނިގެންދާނެ ކަމަށެވެ. އަދި ދިވެހި ފަންނާނުންނަށް ފަހި ފުރުސަތުތަކެއް ޗެނަލުން ހުޅުވާލެދޭނެ ކަމަށް ވެސް އާމިރު ވިދާޅުވިއެވެ. 

މި ވަގުތު ހެނދުނު އަށަކުން 12 އަށް  ބްރޯޑްކާސްޓްކުރާ މި ޗެނަލް ލިބޭނީ ހަމައެކަނި ދިރާގު ޓީވީ މެދުވެރިކޮށެވެ. ނަމަވެސް، މީޑިއާނެޓް މެދުވެރިކޮށް ވެސް ޗެނަލް ލިބޭނެ އިންތިޒާމު، ހަމަޖައްސާނެ ކަމަށް ރާއްޖެ ޕްލަސް ހިންގާ އާރު ޕްރޮޑަކްޝަނުން ބުންޏެވެ.

ރާއްޖެޓީވީގެ ދަށުން ހިންގާ ރާއްޖެ ޕްލަސް ރަސްމީކޮށް އިފްތިތާހުކުރުން މި އަހަރު ފަހުކޮޅު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް