ކ. މާލެ
|
5 އޮކްޓޯބަރ 2017 | ބުރާސްފަތި 10:47
ޑާކް ރެއިން އެންޓަރޓެއިންމަންޓްގެ "ގޮށްރާޅު" ގެ ފަސްޓް ލުކް
ޑާކް ރެއިން އެންޓަރޓެއިންމަންޓްގެ "ގޮށްރާޅު" ގެ ފަސްޓް ލުކް
ޑާކް ރެއިން އެންޓަރޓެއިންމަންޓް
ގޮށްރާޅު
ގޮށްރާޅުގެ ޝޫޓިންގ މިމަހުގެ ފަހުކޮޅު ފަށަނީ
މިއީ މޫމިންގެ ވާހަކައަކަށް ތައްޔާރުކުރާ ކްރައިމް ތްރިލަރއެއް
ވަކިން ލޯބިންގެ ޝޫޓިން ނިމުމާއިއެކު، ގޮށްރާޅުގެ މަސައްކަތް ފެށޭވަރު ވާނެ
ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ޖުމަލް، ޒަކިއްޓެ އަދި އައު ފަންނާނެއް

ޑާކްރެއިން އެންޓަރޓެއިންމަންޓްއިން އަންނަ އަހަރު ނެރުމަށް ތައްޔާރުވަމުންދާ ދެވަނަ ފިލްމު "ގޮށްރާޅު" ގެ ޝޫޓިން މި މަހުގެ ފަހުކޮޅު ފެށޭނެ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރ، އަޙުމަދު ޝިނާން ބުނެފިއެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަމުން ޝިނާން ބުނީ، ގޮށްރާޅުގެ މައި ކާސްޓް މިހާރު ހަމަޖައްސާފައިވާ ކަމަށާ، ބައެއް ސަޕޯޓިން ރޯލުތަކަށް ކާސްޓުން ހަމަޖައްސަމުންދާ ކަމަށެވެ. އޭނާ ބުނީ ޑާކްރެއިން އިން މިހާރު ޝޫޓް ކުރަމުންދާ ފިލްމު، ވަކިން ލޯބިންގެ ޝޫޓިން މި މަހުގެ ފަހުކޮޅު ނިމުމާއިއެކު، ގޮށްރާޅުގެ މަސައްކަތް ފެށޭވަރު ވާނެ ކަމަށެވެ.

އޭނާ ބުނީ ފިލްމުގެ ޝޫޓިންގ ފެށުމަށް ފަހު، 45 ދުވަހުގެ ތެރޭގައި ފިލްމު ޝޫޓްކޮށް ނިންމުމަށް ރާވާފައިވާ ކަމަށެވެ.

ޝޫޓިން ނުފެށި ނަމަވެސް ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން ފިލްމުގެ މައި ރޯލުތަކުގައި ހަރަކާތްތެރިވާ ފަންނާނުން މިހާރުވެސް ދަނީ އެ ރޯލުތަކަށް ތައްޔާރުވަމުންނެވެ.

ޝިނާން ބުނީ ފިލްމުގެ މައި ދެ ރޯލަކުން އައު ފަންނާނުން ފެންނާނެ ކަމަށެވެ. ޑާކްރެއިން އިން މިހާތަނަށް މި ފިލްމާއި ގުޅޭގޮތުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފިލްމުގައި ފެނިގެންދާނެ އައު އެއް ފަންނާނަކީ މޯލްޑިއަން އައިޑޮލް ސީޒަން 2 އިން ފެނިގެން ދިޔަ ޒުވާން ލަވަކިޔުންތެރިޔާ ހުސައިން އިރްފާން (ޒަކިއްޓެ) އެވެ. ޒަކިއްޓެގެ އިތުރުން ލީޑް ރޯލަކުން ޖުމައްޔިލް ނިމާލް (ޖުމަލް) އާއި އިތުރު އައު ފަންނާނަކުވެސް ފެނިގެންދާނެއެވެ.

"ގޮށްރާޅު" އަކީ މޫމިން ފުއާދުގެ ވާހަކައަކަށް އޭނާ ތައްޔާރުކޮށްފައިވާ ސްކްރީން ޕްލޭއަކަށް ހަދާ ކްރައިމް ތްރިލަރ އެކެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމަކީ ޒުވާން، ހުނަރުވެރި ވީޑިއޯގްރާފަރ އަދި ވިޜުއަލް އިފެކްޓްސް އާޓިސްޓް، އަޙުމަދު ޝިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ. މީގެ ކުރިން ޑާކްރެއިންގެ ގިނަ ފިލްމުތަކެއްގައި ކެމެރާގެ ފުރަގަހުގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ޝިނާން ވަނީ ދާދިފަހުން މަޝްޙޫރު ޑައިރެކްޓަރ ފާތުމަތު ނަހުލާ އާއި އެކު "ފޯފޯޓޫސިކްސް" ގެ ނަމުގައި ބިރުވެރި ފިލްމެއް ކޯޑައިރެކްޓް ކޮށްފައެވެ.

"ގޮށްރާޅު" ރިލީޒް ކުރުމަށް ނިންމާފައި ވަނީ ޑާކްރެއިންގެ ރަސްމީ ރިލީޒް ޑޭޓްގެ ގޮތުގައި ފާހަގަކުރެވިފައިވާ އޭޕްރީލް 5 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް