ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 00:26
ޒިމްބާބުވޭގެ ރައީސްގެ އަނބިކަނބަލުން ގްރޭސް މުގާބޭ
ޒިމްބާބުވޭގެ ރައީސްގެ އަނބިކަނބަލުން ގްރޭސް މުގާބޭ
އޭއެފްޕީ
ފަސްޓްލޭޑީ ގްރޭސް މުގާބޭ
ޒިމްބާބްވޭގެ ފަސްޓްލޭޑީ ބޭނުންކުރައްވާފައިވާ ޖަނގިޔާ ބައްސަވާ ވާހަކަ ލިޔުނު ކަމަށް ބުނެ ނޫސްވެރިޔަކު ހައްޔަރު ކޮށްފި
އެމްނެސްޓީން ބުނީ މިއީ ކަމުގެ ހަގީގަތް ހާމަ ކުރުމަށް ހުރަސް އެޅުމަށް ޒިމްބާބުވޭން ކުރި ކަމެއް ކަމަށް

ޒިމްބާބުވޭގެ ފަސްޓްލޭޑީ ގްރޭސް މުގާބޭ ބޭނުން ކުރެއްވާފައި ހުރި ޖަނގިޔާ ބައްސަވާ ކަމަށް ޚަބަރު ލިޔުނު ކަމަށް ތުހުމަތުކޮށް ޒިމްބާބުވޭ ސަރުކާރުން ނޫސްވެރިޔަކު ހައްޔަރު ކުރުމުން އެ މައްސަލަ ދުނިޔޭގެ ސަމާލު ކަމަށް އައިސް އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލަމުން އެބަ ދެއެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް އިން ބުނެފައިވަނީ ނޫސްވެރިޔާ ވަގުތުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ.

ޒިމްބާބުވޭގެ ލޯޔާރސް ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވަނީ، ކެނެތް ޔަންގާނީ ކިޔާ ނޫސްވެރިޔާ ހައްޔަރު ކުރީ، "ނިއުސް ޑޭ" ކިޔާ ދުވަހު ނޫހެއްގައި، ފަސްޓްލޭޑީ ގްރޭސް މުގާބޭ، ބޭނުން ކުރައްވާފައިވާ ޖަނގިޔާ، ޕާޓީ ސަޕޯޓަރުންނަށް ހަދިޔާ ކުރައްވާ ކަމަށް ލިޔުނު ކަމުގެ ތުހުމަތު އެޅުވުމަށް ފަހު ކަމަށެވެ.

މި ޖަމްއިއްޔާ އިން ބުނީ މި ނޫސްވެރިޔާގެ މައްޗަށް އަބުރު ނަގާލުމުގެ ދައުވާ ސަރުކާރުން ކޮށްފާނެ ކަމަށް ބެލޭ ކަމަށެވެ.

ނޫސްވެރިޔާ ފުލުހުން ހައްޔަރު ކޮށްފައި ހުރި ނަމަވެސް އަދި ކޯޓަށް ހާޒިރު ކޮށްފައެއް ނުވެއެވެ.

ނިއުސް ޑޭ ގެ ހޯމަ ދުވަހުގެ އަދަދުގައި ވަނީ، ވެރިކަން ކުރާ ޒާނޫ ޕީ.އެފް. ޕާޓީއަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު މުގާބޭގެ އަނބިކަނބަލުން ދެއްވި އެއްޗެއް ކަމަށް ބުނެ ހަފްތާ ބަންދުގައި އަންނައުނުތަކެއް ބަހާފައިވާ ކަމަށެވެ.

އަދި އޭނާ އާ ހަވާލާދީ ލިޔެފައިވަނީ، ފަސްޓްލޭޑީ ގްރޭސް މުގާބޭ އާ ބައްދަލު ކުރުމުން މި ހެދުންތައް ދެއްވި ކަމަށާއި، އަދި އެއީ މީހުންނަށް ބެހުމަށް ދެއްވި އެއްޗެއް ކަމަށެވެ. އަދި ބެހުމަށް ހުރި ތަކެތީގެ ތެރޭގައި ޖަނގިޔާވެސް އެބަހުރި ކަމަށާއި، އަދި އެނގިފައިވާ ގޮތުގައި މީހުން ލައި އުޅޭ ޖަނގިޔާތައް ހުރީ ބާވެފައި ކަމަށް އެމް.ޕީ އަށް އެނގިފައިވާ ކަމަށެވެ.

ޒިމްބާބުވޭގެ އިގްތިސާދު ދަށަށް ދިއުމުގެ ސަބަބުން އަންނައުނުގެ އަގު ބޮޑުވުމާއެކު ސެކަންޑް ހޭޑް އަންނައުނު ބޭނުން ކުރުން ވަނީ އާއްމުވެފައެވެ.

ބޭނުން ކޮށްފައި ހުންނަ އަންނައުނު ޒިމްބާބުވޭގައި ވިއްކުން މަނާކޮށްފައި ކުރިން އޮތް ނަމަވެސް 2015 އިން ފެށިގެން ވަނީ މިފަދަ އަންނައުނު ވިއްކުން ހުއްދަ ކޮށްފައެވެ.

މުގާބޭގެ އަނބިކަނބަލުން ބޭނުން ކުރައްވާފައި ހުރި ޖަނގިޔާ ބަހާ ކަމަށް ޚަބަރު ލިޔުނު ކަމަށް ތުހުމަތު ކޮށް ހައްޔަރު ކުރި ނޫސްވެރިޔާ ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލުންވެސް ވަނީ ގޮވާލާފައެވެ. އެމްނެސްޓީން ބުނެފައިވަނީ މިއީ ނޫސްވެރިންނަށް ފުރައްސާރަ ކުރުމަށް ޒިމްބާބުވޭ ސަރުކާރުން ކުރި ކަމެއް ކަމަށެވެ. އަދި މިއީ ހަގީގަތް ހާމަ ކުރުމަށް ނޫސްވެރިންނަށް ހުރަސް އެޅުމުގެ ގޮތުން ކުރި ކަމެއް ކަމަށްވެސް އެމްނެސްޓީން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް