Advertisement
ކ. މާލެ
|
8 ޑިސެންބަރ 2025 | ހޯމަ 05:49
އަލްފްރޭޑޯ ޑިއާސް ގެ ޕޯސްޓަރެއް ހިފައިގެން އޭނާގެ ސަޕޯޓަރުން
އަލްފްރޭޑޯ ޑިއާސް ގެ ޕޯސްޓަރެއް ހިފައިގެން އޭނާގެ ސަޕޯޓަރުން
ރޮއިޓަރސް
އެމެރިކާ-ވެނެޒުއެލާ
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
ވެނެޒުއޭލާގެ ސަރުކާރުން ބުނީ، 56 އަހަރުގެ މި މީހާ ގެ ފަރާތުން ހާޓް އެޓޭކެއްގެ އަލާމާތްތައް ފެނި ހޮސްޕިޓަލަށް ގެންދެވުނު ކަމަށް.

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

އެމެރިކާ އިން ވެނެޒުއޭލާގެ ސަރުކާރަށް ފާޑުކިޔަމުން ބުނީ، އެ ގައުމުގެ އިދިކޮޅު ފަރާތެއް ހައްޔަރުގައި ހުއްޓާ މަރުވުމަކީ ރައީސް ނިކޮލަސް މަދޫރޯ ގެ ވެރިކަމުގެ "ނުބައި ކަމުގެ ހަނދާން" އާ ކޮށްދޭ ކަމެއް ކަމުގައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އިދިކޮޅު ގްރޫޕްތަކުން ބުނާ ގޮތުގައި، އަލްފްރޭޑޯ ޑިއާސް މަރުވީ ވެރިރަށް ކަރާކަސް ގައި ހުންނަ ޖަލުގައި އަހަރަކަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި ހުއްޓައެވެ.

ވެނެޒުއޭލާގެ ސަރުކާރުން ބުނީ، 56 އަހަރުގެ ޑިއާސް ގެ ފަރާތުން ހާޓް އެޓޭކެއްގެ އަލާމާތްތައް ފެނި ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދެވުނު ފަހުން ހޮނިހިރު ދުވަހު ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ، ޓްރަމްޕް ގެ ސަރުކާރާއި މަދޫރޯ އާ ދެމެދު ބަހުގެ ހަމަލާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މަދޫރޯ ވަނީ އެމެރިކާ އިން އޭނާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.

ފަހަކަށް އައިސް، އެމެރިކާ އިން ވަނީ ސަރަހައްދުގައި އެ ގައުމުގެ އަސްކަރީ ބާރު އިތުރުކޮށް، މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތު ކޮށް ކަނޑުދަތުރު ކުރާ އުޅަނދުތަކަށް ގިނަ އަދަދެއްގެ ޙަމަލާތައް ދީފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަދޫރޯ އަކީ ސަރަހައްދުގެ މަސްތުވާތަކެތީގެ އެއް ކާޓެލް ގެ ވެރިޔާ ކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް ވެނެޒުއޭލާ ގެ ރައީސް މި ތުހުމަތު ވަރަށް ބޮޑަށް ދޮގުކުރައްވައެވެ. އަދި ޓްރަމްޕް ވަނީ "ބިމުން" އަސްކަރީ ހަމަލާ އެއް ދިނުމުގެ އިންޒާރު ވެސް ދެއްވާފައެވެ.

އެމެރިކާ ގެ ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ އޮފް ވެސްޓަރން ހެމިސްފިއަރ އެފެއަރޒް އިން ބުނީ، ޑިއާސް ހައްޔަރުކޮށް ބަންދު ކޮށްފައި ހުރީ "ސުވާލުކޮށް އަނިޔާކުރާ މަރުކަޒެއް" ގައި ކަމަށެވެ.

ޑިއާސް ހައްޔަރުކޮށްފައި ވަނީ 2024 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އާ މެދު ސުވާލު އުފެއްދުމާ ގުޅިގެން ހައްޔަރު ކުރި ގިނަ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނިގެންނެވެ.

ވެނެޒުއޭލާ ގެ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ އިންތިޚާބީ ކައުންސިލުން މަދޫރޯ އިންތިޚާބުގެ ކާމިޔާބު ކަމަށް އިޢުލާނުކުރި ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ ނަތީޖާތަކުން ދެއްކި ގޮތުގައި އެ ފަރާތްތަކުގެ ކެންޑިޑޭޓު ވަނީ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކޮށްފަ އެވެ.

އެ އިންތިޚާބު އިންސާފުވެރި ނޫން ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ފުޅާ ދާއިރާއެއްގައި ބުނެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި މިކަމާ ގުޅިގެން މުޅި ގައުމުގައި މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިނގާފައިވެއެވެ.

- ކޮމެންޓް