Advertisement
ކ. މާލެ
|
5 ޑިސެންބަރ 2025 | ހުކުރު 14:10
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
ރޮއިޓަރސް
އެމެރިކާ-އިޒްރޭލް
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
މަމްދާނީ ވިދާޅުވެފައި ވަނީ އައިސީސީ އިން އަމުރު ނެރެފައިވާ އެންމެހައި ލީޑަރުންނާ ދެކޮޅަށް، އެ އަމުރު ތަންފީޒު ކުރުމަށް ނިއު ޔޯކް ޕޮލިސް ޑިޕާޓްމަންޓް އަށް އަންގަވާނެ ކަމަށެވެ. އޭގެ ތެރޭގައި ނަތަންޔާހޫގެ އިތުރުން، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކަށް ގޮސްފި ނަމަ، އޭނާ ހައްޔަރު ކުރާނެ ކަމަށް އެ ސިޓީގެ އިންތިޚާބީ މޭޔަރު ޒޯހްރާން މަމްދާނީ ވިދާޅުވެފައި ވީ ނަމަވެސް، އެކަމަށް ބެލުމެއް ނެތި ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް އިޒްރޭލު ގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާއިރު، މަމްދާނީ ވިދާޅުވެފައި ވަނީ ނަތަންޔާހޫ ނިއު ޔޯކަށް އެތެރެވެއްޖެ ނަމަ، އެ އަމުރާ އެއްގޮތަށް އޭނާ ހައްޔަރު ކުރާނެ ކަމަށެވެ.

ނިއު ޔޯކް ޓައިމްސްގެ ޑީލްބުލް ފޯރަމް އަށް ވާޗުއަލްކޮށް ދެއްވި އިންޓަވިޔުއެއްގައި ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އޭނާ ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެއާއެކު އެފަދަ ދަތުރުފުޅެއްގައި މަމްދާނީ އާ ވާހަކަ ދައްކަވައިފާނެތޯ ސުވާލު ކުރުމުން ނަތަންޔާހޫ ވިދާޅުވީ، މަމްދާނީ އޭނާގެ ވިސްނުން ބަދަލުކޮށް، އޭނާ އަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފި ނަމަ، އެއީ ވާހަކަ ދައްކަން ރަނގަޅު ފުރުސަތެއް ކަމަށެވެ.

ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ މަމްދާނީ އަކީ ނިއު ޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރެވެ. އަދި އޭނާ އަކީ ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވެ ވަޑައިގަންނަވާ ފުރަތަމަ މޭޔަރެވެ. ނިއު ޔޯކްގެ މޭޔަރުގެ އިންތިޚާބު މަމްދާނީ ކާމިޔާބު ކުރައްވާފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި ވާހަކަތަކާ ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވުމަށް ފަހު އެވެ.

މަމްދާނީ ވިދާޅުވެފައި ވަނީ އައިސީސީ އިން އަމުރު ނެރެފައިވާ އެންމެހައި ލީޑަރުންނާ ދެކޮޅަށް، އެ އަމުރު ތަންފީޒު ކުރުމަށް ނިއު ޔޯކް ޕޮލިސް ޑިޕާޓްމަންޓް އަށް އަންގަވާނެ ކަމަށެވެ. އޭގެ ތެރޭގައި ނަތަންޔާހޫގެ އިތުރުން، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

ނެދަލެންޑްސްގެ ވެރި ރަށް ދަ ހޭގްގައި ހުންނަ އައިސީސީ އިން މިދިޔަ އަހަރު ނެރެފައިވާ އުމުރުގައި ބުނެފައި ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ދިން ކުއްލި ހަމަލާ އަށް ފަހު، އިޒްރޭލުން ޣައްޒާ އަށް ދެމުން އައި ހަމަލާ ތަކުގައި ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ދެކޮޅު ކުށްތައް ހިމެނޭ ކަމަށެވެ. އަދި އެކަމުގެ ޒިންމާ ނަތަންޔާހޫ ނަންގަވަން ޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އައިސީސީގެ އެ އަމުރާ ގުޅިގެން އިޒްރޭލު އާ އެ ޤައުމަށް ތާއީދު ކުރާ އެތައް ޤައުމަކުން ވަނީ އެ އަމުރާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. އިޒްރޭލު އާއި އެމެރިކާ އަދި ރަޝިޔާ އަކީ އައިސީސީގެ މެމްބަރުންގެ ގޮތުގައި ނުހިމެނޭ ޤައުމު ތަކެވެ. އެމެރިކާ އިން ވެސް ވަނީ އައިސީސީގެ އެ ނިންމުމާ ދެކޮޅަށް ފާޑު ކިޔައިފަ އެވެ.

ނަތަންޔާހޫ ހައްޔަރު ކުރާނެ ކަމަށް މަމްދާނީ ވިދާޅުވި ނަމަވެސް، ނަތަންޔާހޫ ހައްޔަރު ކުރުމަކީ ހިނގާނެ ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށް މާހިރުން ފާހަގަ ކުރެ އެވެ. އަދި އިންތިޚާބުވީ މޭޔަަރަށް އެފަދަ އެއްވެސް ބާރެއް އޮވޭތޯ ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

އެމެރިކާގެ އިމިގްރޭޝަންގެ ކަންތައްތައް ހަމަޖައްސައި، އެކަން ބަލަހައްޓަނީ އެ ޤައުމުގެ ފެޑަރަލް ސަރުކާރުންނެވެ. އެކަން އެހެން އޮތްއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަކީ އިޒްރޭލު އާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާ ސަރުކާރެކެވެ. ޓްރަމްޕް ވަނީ އައިސީސީގެ ފަނޑިޔާރުން އަދި ޕްރޮސެކިއުޓަރުންނާ ދެކޮޅަށް ފިޔަވަޅު ވެސް އަޅުއްވައިފަ އެވެ.

އިޒްރޭލު ފިޔަވައި، އެންމެ ގިނަ ޔަހޫދީން ދިރިއުޅެމުން އަންނަ ސަރަހައްދަކީ ނިއު ޔޯކް އެވެ. އަދި އދ ގެ މައި މަރުކަޒު ވެސް ހުންނަނީ ނިއު ޔޯކްގަ އެވެ. ނަތަންޔާހޫ އަކީ އދ ގެ އާންމު މަޖިލީހުގައި ވަރަށް ގިނައިން ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކަށްވާއިރު، ކުރިއަށް އޮތް ތަނުގައި ވެސް އޭނާ ނިއު ޔޯކް އަށް ވަޑައިގެންނެވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އދ ގެ މައި މަރުކަޒު އެމެރިކާ ގައި ހުންނައިރު، އެ އިދާރާގެ މައި މަރުކަޒު ހުންނަ ޤައުމާ އެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން، އދ ގެ ރަސްމީ މަސައްކަތަކަށް އެމެރިކާ އަށް އެތެރެވުމުގެ ވިސާ ނުވަތަ ހުއްދަ ދޭން ލާޒިމު ކުރެ އެވެ. ނަމަވެސް، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮތް އދ ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އެމެރިކާ އަށް އެތެރެވުމުގެ ހުއްދަ ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސް އަދި އޭނާގެ ޓީމަށް އެމެރިކާ އިން ދީފައި ނުވެ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް